އަންހެނަކު މަރާލައި ބޮލާއި ހަތަރެސްފައި ބުރިކޮށްލި މައްސަލައިގައި ހައްޔަރުކުރި އަލީ ޝާހިލް، 23.
އިވުނީ ފާރުގައި ބޯ ޖެހުނު ކަހަލަ އަޑެއް؛ ޝާހިލް ހުރީ ލެއިން ތަތްތެޅިފައި
ހެނދުނު ހެނދުނާ ދަރިން ސްކޫލަށް ގެންދަން ތަކެތި ހަމަކުރަން އައިޝާ އަލީ (އަސްލު ނަމެއް ނޫން) އުޅުނީ ހޭބޯނާރަ އެވެ. ދަރިން ތިބީ ކޮޓަރީގަ އެވެ. އޭނާގެ ސަމާލުކަން ކުއްލިއަކަށް ދަމައިގަތީ ފާރުގައި ބޯ ޖެހޭ ކަހަލަ ބާރު އަޑެއް އިވިގެންނެވެ. އޭރު ގަޑިން 10 ޖަހައިފި އެވެ. ކުދިން ކޮޓަރީގައި ތިބުމުން އެ ތަނުން ކުއްޖެއް ވެއްޓުނުތޯ އޭނާ ކޮޓަރިއަށް ގޮސް ވަގުތުން ބެލި އެވެ. އެކަމަކު ނަސީބަކުން އެކަހަލަ ކަމެއް ނެތެވެ. އެހެންވެ އައިޝާ އަނެއްކާ ވެސް އެނބުރި އޭނާގެ މަސައްކަތަށް ދިޔައީ އެވެ.
އޭގެ ދެ ގަޑިއިރު ފަހެވެ. ދަރިންނާއި ފިރިމީހާއާ އެކު އައިޝާ ދިރިއުޅެމުން އައި ހ. ޝީރީން ވިލާގައި މީހަކު މަރާލައިގެން އުޅޭކަން އޭނާއަށް ރޭކާ ލީ އާއިލާގެ މީހަކު ގުޅައި އެ ހަބަރު ދިނުމުންނެވެ. ބޭރު ބެލިއިރު ފުލުހުންގެ ވެހިކަލްތަކާއި މީހުން އެ ސަަރަހައްދަށް ޖަމާވެގެން އުޅޭ ތަން އޭނާއަށް ފެނުނެވެ.
"އެ ހިސާބުން އޭރު އިވުނު އަޑާއި މިކަމާ ގުޅުވާ ލެވުނީ ވެސް. ވަރަށް ބާރަށް މަތިން އިވުނު ބޯ ފާރުގައި ޖެހުނު ކަހަލަ ބާރު އަޑެއް،" އައިޝާ ކިޔައިދިނެވެ.
ފުވައްމުލައް/ކުރި، ޝިއާއު މުހައްމަދު ސައީދު، 22ގެ ބޮލާއި ހަތަރެސްފައި ބުރިކޮށްލައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނީ ޝީރީން ވިލާގެ އެންމެ މަތީ ބުރި ކަމަށްވާ ނުވަ ވަނަ ފަންގިފިލާ އިންނެވެ. އެ ފަންގިފިލާ އަކީ ޝިއާއު މަރާލި ކަމަށް ތުހުމަތު ކުރެވޭ ސްކޭޓް ކުރުުމުގައި ރާއްޖޭގައި މަޝްހޫރު އަލީ ޝާހިލް، 23، ކުއްޔަށް ހިފައިގެން އުޅޭ ކޮޓަރިއެއް ހުންނަ އެޕާޓްމަންޓެކެވެ. ތިން ކޮޓަރީގެ އެ އެޕާޓްމަންޓުގައި ޝާހިލްއާ އެކު އަދި އިތުރު އަންހެން ކުއްޖަކު ވެސް އުޅެ އެވެ. ޝާހިލް އެ އެޕާޓްމަންޓުން ކޮޓަރިއަށް ކުއްޔަށް ހިފައިގެން ދިރިއުޅެނީ އެ އަންހެން މީހާގެ ރަށްޓެހި ކަމުގައި ކަމަށް މައުލޫމާތު އެނގޭ މީހުން ބުންޏެވެ.
ޝީރީން ވިލާގައި ދިރިއުޅޭ މީހަކު ބުނި ގޮތުގައި، ޝާހިލް އެ ގެއިން ފެންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. ނަމަވެސް ޝިއާއު އެ ގެއިން ފެންނަން ފެށީ މި ފަހުން ކަމަށް އެ ގޭގައި ދިރިއުޅޭ މީހުން ބުންޏެވެ.
"މިފަހަކުން ޝިއާއު ފެންނަން ފެށީ ލިފްޓުން. ދެ މީހުން އެކީގައި ވެސް ބައެއް ފަހަރު ފެނޭ ލިފްޓުން މި ފަހަކުން،" ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަމުން އެ ތަނުން އެކަކު ބުންޏެވެ.
ޝިއާއު ރޭ ދިޔައީ ހަފްލާއަކަށް
ބައެއް މީހުން ކިޔައިދިން ގޮތުގައި، ޝާހިލް ދިރިއުޅޭ ޝީރީން ވިލާގެ އެޕާޓްމަންޓަށް އިރުއޮއްސެން އުޅެނިކޮށް ޝިއާއު ދިޔައީ އެ ތަނުގައި އޮތް ރަހުމަތްތެރިއެއްގެ އުފަންދުވަހުގެ ޕާޓީއެއްގައި ބައިވެރިވާށެވެ. އެ ދެ މީހުންގެ ދެމެދު ޖެހުނު މައްސަލައެއް ހިނގީ އެ ޕާޓީގެ ތެރޭގަ އެވެ.
މައުލޫމާތު އެނގި ހުރި، އިތުބާރު ހުރި ފަރާތަކުން ކިޔައިދިން ގޮތުގައި، ޝާހިލް އުޅޭ އެޕާޓްމަންޓުގެ ތެރެއިން ޒުވާބު ކުރާ އަޑު އަވަށްޓެރިންނަށް އިވުމަކީ އާންމު ކަމެކެވެ. ރޭ ވެސް އިރާކޮޅު އެ ގޮތަށް ޒުވާބު ކުރާ އަޑު ބައެއް މީހުންނަށް ވަނީ އިވިފަ އެވެ. އެއަށް ފަހު ޒުވާބުގެ އަޑުތައް މަޑުވީ އެވެ. އެހެންވެ، އެންމެން ވެސް ހީކުރީ އެއީ އާދައިގެ ކަމެއް ކަމަށެވެ.
ޝާހިލް ލެއިން ތަތްތެޅިފައި
ޝާހިލް ޝިއާއު މަރާލިކަން އެނގުނީ އެޕާޓްމަންޓުގައި އޭނާއާ އެކު ދިރިއުޅޭ އަންހެން މީހާއަށް އެ ވަގުތު ގެއަށް އާދެވުމުންނެވެ. އެއީ ގާތްގަނޑަކަށް 10:15 ހާއިރެވެ. މައުލޫމާތު އެނގިހުރި ފަރާތަކުން ބުނި ގޮތުގައި، އަންހެން މީހާ ދޮރު ހުޅުވާލިއިރު ޝިއާއުގެ ހަށިގަނޑު ލޭތަކާ އެކު އޮތީ ސިޓިންރޫމް ތެރޭގަ އެވެ. އަދި އޭރު ޝާހިލް އިނީ ގަބުކައިފައި، ޝިއާއުގެ ހަށިގަނޑު ކައިރީ ލޭތަކުގެ ތެރޭގައި ކަމަށް ވެސް އޭނާ ބުންޏެވެ.
ފުލުހުންނަށް ހާދިސާ ރިޕޯޓް ކުރީ އެ މަންޒަރު ފެނުނު އަންހެން މީހާ ކަމަށް އިތުބާރު ހުރި މަސްދަރަކުން ބުންޏެވެ. ފުލުހުން އެ ތަނަށް ދިޔައީ ރޭ 10:23 ހާއިރު އެވެ.
ފުލުހުން ދިޔައިރު ވެސް ޝާހިލް ހުރީ ލޭތަކާ އެކު އެޕާޓްމަންޓުގެ ތެރޭގައި ކަމަށް މައުލޫމާތު އެނގިހުރި ފަރާތަކުން ބުންޏެވެ. އޭރު ވެސް އޭނާ ވާހަކަތަކެއް ދައްކަމުން ދިޔައިރު، ކިޔާ އެއްޗެހި މުޅިން ހަމަނުޖެހޭ ކަމަށް އެ ފަރާތުން ބުންޏެވެ. އެކަމަކު އޭނާ އެ ވަގުތު ހުރީ މަސްތުގެ ހާލަތުގައި ކަމެއް ނުވަތަ ނޫން ކަމެއް އަދި ފުލުހުންގެ ފަރާތަކުން ކަށަވަރެއް ނުވެ އެވެ.
މިފަހުން ރާއްޖޭގައި ހިންގި އެންމެ އަނިޔާވެރި މި ގަތުލާ ގުޅިގެން ފުލުހުން ހަމައެކަނި އާންމު ކުރި މައުލޫމާތަކީ އަންހެން މީހާ މަރާލިކަމުގެ ތުހުމަތުގައި ކުށުގެ ވެށިން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު މައުލޫމާތެއް ނުދެ އެވެ.
ފުލުހުން މިއަދު ހެނދުނު ވެސް އެ އެޕާޓްމަންޓް ބަލައި ފާސްކުރަމުން ގެންދިޔަ އެވެ.
ޝީރީން ވިލާގައި ހިނގި ތިން ވަނަ މަރު
ހ. ޝީރީން ވިލާގައި މީހަކު މަރުވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން، 8 ޖުލައި 2021ގައި އެ ގޭގެ އެޕާޓްމަންޓެއްގައި މީހަކު ދަންޖެހިގެން މަރުވި އެވެ. އަދި އޭގެ ކުރިން ސިޑިން ވެއްޓިގެން ވެސް އެ ގޭގައި މީހަކު މަރުވި ކަމަށް އަވަށްޓެރިން ބުންޏެވެ. ރާއްޖޭގައި ހިނގި އެންމެ އަނިޔާވެރި ގަތުލު ވެސް މި ހިނގީ، އިއްތިފާގުން އެ ގޭގަ އެވެ.
ކޮމެންޓް (5)
އަންނި
ޑަންދަނާ
ކްރޮކޮޑައިލް
ސީރީން
ބަކުރު