21 އޮގަސްޓް 2025: 'ވޭކްއަޕް'ނަމުގައި އާޓިފިޝަލް ބީޗްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފްއިން ބޭއްވި ޖަލްސގައި ޔާމީން ވާހަކަ ދައްކަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މަގާމުގައި ހުރެގެން ލިބޭ ހަދިޔާ އެއީ ރިޝްވަތު؛ އެކަމަކު ޔާމީނަށް ލިބުނީ؟

ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އަބްދުﷲ ޔާމީން ނުކުންނެވި އިރާއި އޭގެ ކުރިން ވެސް އެމަނިކުފާނުގެ ސިޔާސީ ކަންކަމަށް ބޭރުގެ ފަރާތަކުން ދިން ފަސް މިލިއަން ޑޮލަރެއްގެ ވާހަަކަ މީގެ ކުރިން ދައްކަވާފައިވަނީ ވެސް ސީދާ އެމަނިކުފާނު
10 ސެޕްޓެމްބަރު 2025
3

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އެކައުންޓަށް މިލިއަން ޑޮލަރުން ޖަމާކުރި ފައިސާއާ ގުޅޭ ގޮތުން ސުވާލުކުރުން އަބަދުވެސް ދެއްވާ ޖަވާބަކީ އެއީ ސިޔާސީ ކަންކަމަށް ޔާމީނަށް ބޭރުގެ ފަރާތަކުން ދިން ފައިސާ ކަމެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބޭރުގެ ފަރާތަކުން އެމަނިކުފާނަށް ފަސް މިލިއަން ޑޮލަރު ދިން ވާހަކަ ދައްކަވާފައި ހުންނެވީ ސީދާ އަމިއްލަ ދޫފުޅުންނެވެ. ޔާމީނުގެ ނައިބު ރައީސަކަށް ވެސް މަސައްކަތްކުރެއްވި އަހުމަދު އަދީބު އެ ފައިސާއާ ހަވާލުވިކަމާއި ޔާމީންގެ އެކައުންޓަށް އަދީބު ޖަމާކުރައްވަނީ އެ ފައިސާ ދެއްވަން އެންގެވުމުން އެ ފައިސާ ކަމެވެ.

ވީކިހިނެއް؟ - މި ފައިސާއާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރާ ކޮންމެ ފަހަރަކު ތަފްސީލް ދެއްވަން އަބަދުވެސް ދެކޮޅު ހެއްދެވި ޔާމީން މިދިޔަ ހޯމަ ދުވަހު ބޭއްވި ޕީއެންއެފްގެ ޖަލްސާއެއްގައި ވިދާޅުވަނީ މަގާމުގައި ހުރެގެން ލިބޭ ހަދިޔާއަކީ ރިޝްވަތު ކަމަށެވެ.

"މުޅިން ވެސް މި ހުންނަނީ ހަދިޔާއާއި ލޯނާ. އަޅުގަނޑުގެ ސުވާލަކީ މި ވަރުގެ ބޮޑެތި ލޯނު މީނާއަށް ދެނީ ކާކު ހެއްޔެވެ؟ ބޭންކުން ދެންޏާ އޭނާގެ މުއްސަނދިކަން ބޭންކަށް އެނގޭނެ. އަމިއްލަ މީހަކު ނުދޭނެ މި ލާރިއެއް ލޯނަކަށް. ދެން ހަދިޔާގެ ގޮތުގައި ދެންޏާ ރިޝްވަތެއް އެއީ. މަނީ ލޯންޑާކޮށްފައި މި އޮތީ،" ޔާމީން ވިދާޅުވި އެވެ.

ޔާމީންގެ އެ ވާހަކަ ނޫސްތަކުން ގެނެސްދިނުމާ އެކު، ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި ގިނަ މީހުން ފާހަގަކުރަން ފެށި ކަމަކީ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނެވި އިރު ކެމްޕެއިނަށާއި ސިޔާސީ މަސައްކަތަށް އެމަނިކުފާނު ބޭރުގެ ފަރާތަކުން ހޯއްދެވި ފަސް މިލިއަން ޑޮލަރުގެ ވާހަކަ އެވެ. އޭގެ ތަފުސީލު ކޮބައިތޯ މީހުން ސުވާލު އުފައްދާފައިވެ އެވެ.

ތަފްސީލް - ނޫސްވެރިޔާ ނުޒުހާ ހަލީލް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ހަނދާން އާ ކުރީ އަހަރުތަކެއް ކުރިން އިދިކޮޅު ޕީޕީއެމްގެ ލީޑަރެއްގެ ގޮތުގައި ޔާމީން ހުންނެވި އިރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ފައިސާއާ ގުޅޭ ގޮތުން ސުވާލުކުރުމުން ތަފްސީލް ދެއްވަން ދެކޮޅު ހައްދަވައި ޔާމީން ދެއްވި ޖަވާބެވެ.

"ބުނަން ނުޖެހޭ އެއްޗެއް ބުނާކަށް ނުޖެހޭ ނޫންތޯ؟ އެ ފަސް މިލިއަނުގެ މައްސަލައެއް އުޅޭ ކަމަށް ވަންޏާ އެއީ މައްސަލައެއް ކަމަށް ބުނާ މީހުން އެ ހޯދާނީ. އަޅުގަނޑު އެކަންޏެއް ނޫންތޯ، ސިޔާސީ ހުރިހާ އެންމެނަށް ވެސް ފައިސާ ލިބޭ. އެ ފައިސާ ހޯދާ ގޮތް ބުނެދޭކަށް ނުޖެހޭ،" އެ ދުވަހު ނުޒުހާގެ ސުވާލަށް ޔާމީން ދެއްވި ޖަވާބަކީ މިއީ އެވެ.

ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި ބައެއް މީހުން ހިޔާލުފާޅުކޮށްފައިވަނީ ޔާމީންގެ ވާހަކައަށް ވަރަށް ބޮޑަށް ޖޯކު ޖަހައިފަ އެވެ. އެ ގޮތުން ފާހަގަކޮށްލެވޭ ބައެއް ހިޔާލުތަކުގެ ތެރޭގައި:

  • 'އިއްބެ މުހައްމަދު' ނަމުގައިވާ އެކްސް އެކައުންޓަކުން ލިޔެފައިވަނީ ޔާމީނަކީ އެއްވެސް އިރެއްގައި 'ޒިންމާދާރު މަގާމެއް' ފުރުއްވާފައިވާ ބޭފުޅަކަށް ނުވާތީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ފައިސާ ވާނީ ސަދަގާތާއި ހަދިޔާއަކަށް

  • 'އާނިމް' ނަމުގައިވާ އެކްސް އެކައުންޓަކުން ލިޔެފައިވަނީ ޔާމީނަކީ މި ގޮތަށް ޒިންމާދާރު މަގާމެއްގައި ހުންނަވައިގެން ހަދިޔާ ލިބިވަޑައިގަތުމުގެ ތަޖުރިބާ އެންމެ ރަނގަޅަށް ހުންނެވި ލީޑަރު ކަމަށް؛ ތަޖުރިބާކާރުން ދައްކަވާ ވާހަކަ އަޑުއަހަން ޖެހޭ ކަމަށް

  • 'އަހުމަދު' ނަމުގައިވާ އެކްސް އެކައުންޓަކުން ލިޔެފައިވަނީ ވެރިކަމުގައި ހުންނަވަނިކޮށް މިފަދަ ހަދިޔާ ލިބިވަޑައިގެންނެވި ބޭފުޅަކު މި ވާހަކަތައް ކިޔައިދެއްވަން ޖެހިވަޑައިގަތުމުން ގައުމު މި އޮތީ ނާޒުކު ފައްތަރެއްގައި

ޔާމީން ދެއްކެވީ ވަރަށް ރަނގަޅު ވާހަކަ އެކެވެ. ޒިންމާދާރު މަގާމެއްގައި ހުންނަވަނިކޮށް ހަދިޔާގެ ގޮތުގައި އެހާ ގިނަ ފައިސާ ލިބިވަޑައިގެންފައިވާ ނަމަ އޭގެ ތަފްސީލް ދެއްވަން ވާނެ އެވެ. މައި ސިޔާސީ ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަކީ ވެސް ޒިންމާދާރު މަގާމެކެވެ. ހާއްސަކޮށް ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ސިޔާސީ ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓެެކެވެ.

އެ ފައިސާ ލިބުނު ގޮތް، ޔާމީން ވިދާޅުވާ ފަދައިން، އޮޑިޓްކުރަން ވާނެ އެވެ. މާލީ ބަޔާން ތައްޔާރުކުރަން ވާނީ މިނިވަން އޮޑިޓަރަކު މެދުވެރިކޮށެވެ. އެ ފައިސާ ލިބިވަޑައިގެންނެވި ގޮތެއް، ދިން މީހަކު، ނުވަތަ ދިން ބަޔަކު ރައްޔިތުންނަށް ސާފުކޮށްދޭން ވާނެ އެވެ. ދެފުށް ފެންނަ ގޮތަށް ހާމަަކަން ބޮޑު ސިޔާސީ މަސައްކަތް ކުރަން ޖެހޭނީ އެހެނެވެ.

ކޮމެންޓް (3)

އަސްލު ހަދިޔާ

10 ސެޕްޓެމްބަރު 2025
ޔާމީނުއަށް އަދި ކިރިޔާ އޭ އެ އެނގުނީ މަގާމުގަ ހުންނަ އިރުގަ ލިބޭ ހަދިޔާ އަކީ ރިޝްވަތުކަން.. ދެންވެސް މަގާމަކަށް އާދެވުނީމަ ހަނދާނެއް ނުހުންނާނެ، ހަދިޔާ އަށް ލިބެނީވެސް މަދު އަދަދެއް ނޫންވީމަ، ހުދު އަނބިމީހާވެސް ނާހާނެ ހަދިޔާ ލިބުނު ގޮތެއް.
0 0

ތެފައާސާ.

10 ސެޕްޓެމްބަރު 2025
ޔާމީނުގެ މޮޓޯ ބީ ލައިކް، ވާހަކަ ދައްކާ މީހާއަށް ނުބަލާށެވެ، ދައްކާ ވާހަކަ އަށް ބަލާށެވެ.
1 0

ކޮޅުކެހި

10 ސެޕްޓެމްބަރު 2025
ޔާމީނުވެސް މުޅިން ސާފެއްނޫން. ދެން މިހާރުގެ ވެރިމީހާއަކީ ޔާމީނުގެ ކައިރިން ތަޖުރިބާ ހޯދާ ، ޔާމީނަށްވުރެ 10 ގުނައަށް މަކަރުވެރި ފަރާތެއް. ރަސްކަލެއްގެ ގޮތުގާ މުޅިއުމުރަށް ވެރިކަން ބޭނުންފަރާތެއް.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް