'މީޑީއާ ކޮންޓްރޯލް ބިލު' ބޭރުކުރުމަށް ގޮވާލައި، ނުސްވެރިން މަޖިލިސް ސަރަހައްދުގައި ކުރި މުޒާހަރާގެ ތެރެއިން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ބައިނަލްއަގުވާމީ ޖަމިއްޔާތައް ހިމެނޭހެން 20 ޖަމިއްޔާއަކުން މީޑިއާ ކޮންޓްރޯލް ބިލް ބޭރުކުރަން ގޮވާލައިފި
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ސަރުކާރުގެ ބާރުފޯރުވޭ ގޮތަށް އޮންނަ ކޮމިޝަނަކުން މީޑިއާތަކަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބޭރުކޮށްލުމަށް ބައިނަލްއަގުވާމީ ޖަމިއްޔާތައް ހިމެނޭހެން މި ބިލު ބޭރުކުރުމުގެ ކެމްޕެއިނަށް އެކުލަވާލި ޖަމިއްޔާތަކުގެ ކޯލިޝަނަކުން ގޮވާލައިފި އެވެ.
ވީކިހިނެއް؟ - ރާއްޖެ އާއި ބޭރުގެ ޖަމިއްޔާތަކާއި ދިވެހި ނޫސްވެރިން ވެސް އެ ބިލު ބޭރުކުރުމަށް ގޮވާލަމުން ދަނިކޮށް، ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވައިގެން ބިލުގެ މަސައްކަތްތައް ފަށައިފަ އެވެ. އެ ގޮތުން:
-
ބިލު ހުށަހެޅުއްވީ މަޖިލީހުގައި އަމިއްލަ ގޮތުން އިންނަވާ ނަމަވެސް ސަރުކާރަށް ތާއީދުކުރައްވާ، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުއްހަންނާން އަބޫބަކުރު
-
އެ ބިލު ތައްޔާރުކުރުމުގެ މަސައްކަތުގައި ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ބައިވެރިވެވަޑައިގެންނެވި
-
ސަރުކާރުން ހުށަހެޅި ބިލަކަށް ނުވި ނަމަވެސް އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން ތައްޔާރުކުރަމުން ދިޔަ ބިލާ މި ބިލާ މާ ބޮޑު ތަފާތެއް ނެތް ކަމަށް އޭޖީ އަހުމަދު އުޝާމް ވަނީ ވިދާޅުވެފައި
ތަފްސީލް - 'މީޑިއާ ކޮންޓްރޯލް ބިލް'ގެ ނަމުން މަޝްހޫރުވެފައިވާ އެ ބިލު މަޖިލީހުން ބޭރުކުރުމަށް ގޮވާލާ ކުރަމުންދާ ކެމްޕެއިނަށް ތާއީދުކޮށް ޖަމިއްޔާތަކުން އިއްޔެ ނެރުނު ބަޔާނުގައި ބުނީ މަޖިލީހަށް ހުށަހަޅާފައިވާ ބިލު އޮތީ މީޑިއާގެ މިނިވަންކަން ގެއްލޭ ގޮތަށެވެ.
މީޑިއާތައް ރެގިއުލޭޓްކުރުމަށް މުޅި ދުނިޔެއިން ވެސް ބަލައިގެންފައިވާ ހަމައަކީ މީޑިއާތަކުން އަމިއްލައަށް އިންތިހާބުކުރާ ބަޔަކު ނުވަތަ 'ސެލްފް ރެގިއުލޭޓަރީ' އުސޫލުތަކެއް ކަމަށާއި ބިލު އޮތީ އެ އުސޫލުތަކާއި ހަމަތަކާ ހިލާފަށް ކަމަށް އެ ބަޔާނުގައިވެ އެވެ.
ބަޔާނުގައި ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކަކީ:
-
ކޮމިޝަނުގައި ތިބޭ ހަތް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން މީޑިއާތަކުން އިންތިހާބުކުރި ނަމަވެސް ވަކިކުރުމުގެ ބާރު މަޖިލީހަށް ލިބޭ ގޮތަށް އޮންނާތީ ސިޔާސީ ނުފޫޒާއި މަޖިލީހުގެ ނުޒޫފު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށް
-
ކޮމިޝަނުގެ ރައީސް ކަނޑައަޅަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވެފައި، ކޮމިޝަން ހިންގުމުގެ ބާރުތަކެއް ކޮމިޝަނުގެ ރައީސަށް އޮންނާތީ ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ ބާރު ފޯރާނެ ކަމަށް
-
މައްސަލައެއް ބަލަން ފަށަމުން ނޫސްތަކުގެ ރަޖިސްޓްރީ ވަގުތީ ގޮތުން ބާތިލްކޮށް ސައިޓް ޑައުންކުރުމުގެ އިތުރުން 100،000ރ.އާ ހަމައަށް ޖޫރިމަނާކުރުމަށް ބިލުގައިވާ ފިޔަވަޅުތަކަކީ ވަރަށް ހަރުކަށި ފިޔަވަޅުތަކެއް
-
ބްރޯޑްކާސްޓިން، ޑިޖިޓަލް އަދި ޕްރިންޓް މީޑިއާގެ އިތުރުން ސޯޝަލް މީޑިއާ ޕޯސްޓްތަކާއި ކޮންޓެންޓް ވެސް ރެގިއުލޭޓްކުރެވޭ ގޮތަށް އޮތް ބިލުގައި ވަކިވަކި ނޫސްވެރިންނާއި ފަރުދުންނަށް ވެސް ފިޔަވަޅު އެޅޭނެ ކަމަށް ބިލުގައި އޮތުން
އެ ބަޔާނުގައި ބައިވެރިވެފައިވާ ޖަމިއްޔާތަކަކީ:
-
1-
ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ)
-
2-
އިންޓަނޭޝަލަ ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)
-
3-
އިންޓަނިއުސް
-
4-
ހިއުމަން ރައިޓްސް ވޮޗް
-
5-
ފެޑެރޭޝަން އޮފް މީޑިއާ އެމްޕްލޯއީސް ޓްރޭޑް ޔުނިއަން (އެފްއެމްއީޓީޔޫ)
-
6-
ސެންޓާ ފޮ ލޯ އެންޑް ޑިމޮކްރެސީ
-
7-
ސައުތު އޭޝިއަން ފޮ ހިއުމަން ރައިޓްސް (އެސްއޭއެޗްއާރު)
-
8-
ފްރީ މީޑިއާ މޫވްމަންޓް
-
9-
އަފްގާން އިންޑެޕެންޑެންޓް ޖާނަލިސްޓްސް އެސޯސިއޭޝަން
-
10-
ބަންގްލަދޭޝް މަނޮބަދިކަރް ސަންގްބަދިކް ފޯރަމް
-
11-
ފެޑެރޭޝަން އޮފް ނޭޕާލީ ޖާނަލިސްޓްސް
-
12-
ނޭޕާލް ޕްރެސް ޔުނިއަން
-
13-
އިންޑިއަން ޖާނަލިސްޓްސް ޔުނިއަން
-
14-
ސްރީ ލަންކާ ވޯކިން ޖާނަލިސްޓްސް އެސޯސިއޭޝަން
-
15-
ނޭޝަނަލް ޔުނިއަން އޮފް ޖާނަލިސްޓްސް އިންޑިއާ
-
16-
ޕާކިސްތާން ފެޑެރަލް ޔުނިއަން އޮފް ޖާނަލިސްޓްސް
-
17-
އީކޯކެއާ މޯލްޑިވްސް
-
18-
ޕްރޮޖެކްޓް ތިމާވެށި
-
19-
ސޭވް މޯލްޑިވްސް ކެމްޕެއިން ޓީމް
-
20-
ޓްރާންސްޕޭރެންސީ މޯލްޑިވްސް
މީގެ ކުރިން ދިވެހި ނޫސްވެރިން ތަމްސީލްކުރާ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއާ) އާއި މިހާރު މީޑިއާތައް ރެގިއުލޭޓްކުރަން އޮންނަ މުއައްސަސާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވެސް ވަނީ ބިލު ބޭރުކުރަން ގޮވާލާފަ އެވެ.
ފާހަގަކޮށްލެވޭ - މި ބިލާ ދެކޮޅަށް ނޫސްވެރިން މިދިޔަ ބުދަ ދުވަހު ވަނީ މަޖިލީހާއި ރައީސް އޮފީސް އަދި މުލިއާގެ ކުރިމަތީގައި މުޒާހަރާ ވެސް ކުރި އެވެ. އެ މުޒާހަރާގެ ތެރެއިން ބައެއް ނޫސްވެރިން ހައްޔަރު ވެސް ކުރުމަށް ފަހު، ފަހުން ވަނީ ދޫކޮށްލާފަ އެވެ.
މަޖިލިސް ޗުއްޓީގައި ވަނިކޮށް ދައުރުން ބޭރު ޖަލްސާތަކެއް ބާއްވައިގެނާއި ކޮމިޓީ ބާއްވަގެން ބިލުގެ މަސައްކަތްތައް ކުރާތީ މިދިޔަ ބުރާސްފަތި ދުވަހު ނޫސްވެރިން އަޑުއުފުލަމުން ދިޔައީ ރައީސް އޮފީހުގެ ކުރިމަތީގައި ހަދާފައި ހުންނަ މީޑިއާ ފެންޑާގަ އެވެ.
ނޫސްވެރިން ކުރަމުން ދިޔަ ޕްރެޝަރުތަކާ އެކު ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހީމް ހަލީލު އާއި ޔޫތު އެންޑް އިންފޮމޭޝަން މިނިސްޓަރު އިބްރާހީމް ވަހީދު އެ ދުވަހު ހެނދުނު ނޫސްވެރިންނާ މީޑިއާ ފެންޑާ ކައިރިން ބައްދަލުކުރެއްވި އެވެ.
އަދި މެންދުރުފަހު ސީނިއާ ނޫސްވެރިން ހިމެނޭހެން އެމްޖޭއޭއާ ރައީސް މުހައްމަދު މުއިއްޒު ބައްދަލުކުރައްވައި ހަވީރު އޭޖީ އުޝާމް ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބޭއްވި އެވެ. ނަމަވެސް ނޫސްވެރިން ޑިމާންޑްކުރި ގޮތަށް ބިލު ބޭރުކުރަން ސަރުކާރުން ބޭނުމެއް ނުވެ އެވެ. ސަރުކާރުން ބުނަނީ ބިލު އިސްލާހުކުރެވިދާނެ ކަމަށެވެ.
ކޮމެންޓް (2)
މުޙައްމަދު ބިން ޢާދިލް - ދޮވެމި ކަލަމިންޖާ - ދަރުމަވަންތަ ރަސްގެފާނު
ޥާލުސޮރު