އިހުތިޖާޖުގައި އިސްކޮށް ހަރަކާތްތެރިވާ ނޫސްވެރިން (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
އެނގުނީ މީޑިއާގެ ކަންބޮޑުވުމަށް ސަރުކާރުން ހައްލު ދޭން ބޭނުން ނޫންކަން: ނޫސްވެރިން
މީޑިއާތައް ކޮންޓްރޯލު ކުރާ ބިލު އަނބުރާ ގެންދިޔުމުގެ ބަދަލުގައި އެ ބިލު އިސްލާހު ކުރާނެ ކަމަށް އެޓާނީ ޖެނެރަލް ވިދާޅުވުމުން އެނގިގެން ދިޔައީ މައްސަލަ ހައްލު ކުރުމުގެ ބަދަލުގައި މީޑިއާގެ ބަހެއް ނެތި ކުރިއަށް ދިޔުމަށް ސަރުކާރުން އޮތްކަން ކަމަށް ބިލާ ދެކޮޅަށް އަޑުއުފުލާ ނޫސްވެރިން ބުނެފި އެވެ.
ވީ ކިހިނެއް؟ - މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 'މީޑިއާ ކޮންޓްރޯލު ކުރާ ބިލު' އާ ގުޅޭ ގޮތުން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކާ އެކު މިއަދު އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ބޮއިކޮޓުކޮށް ގިނަ ނޫސްވެރިން ވަނީ ނުކުމެފަ އެވެ.
ތަފްސީލް - ޕްރެސް ދޫކޮށް ނުކުތުމަށް ފަހު އެ ނޫސްވެރިންނާއި، ބިލާ ދެކޮޅަށް އަޑު އުފުލުމުގައި އިސްކޮށް އުޅޭ ސީނިއާ ބައެއް ނޫސްވެރިން ވަނީީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ނޫސްވެރިން ޕްރެސް ދޫކޮށް ނުކުތީ މީޑިއާ ކައުންސިލުން ހުށަހަޅާފައިވާ ބިލެއްގެ ޑްރާފްޓެއް އެބަ އޮތް ކަމަށާއި އެ ޑްރާފްޓާ، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މާ ބޮޑު ތަފާތެއް ނެތް ކަމަށް ވިދާޅުވެ، އެއީ ނޫސްވެރިންގެ ވިސްނުން ކަމަށް ސިފަވާ ގޮތަށް އޭޖީ ވިދާޅުވުމުން އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރުމަށް ފަހު އެވެ. ނޫސްވެރިން ބުނެފައިވަނީ އެއީ ނޫސްވެރިންގެ ހިޔާލު ނޫން ކަމަށެވެ.
އެ ބިލާ ގުޅޭ އެއްވެސް ވާހަކައެއް މިއަދު ރައީސް މުހައްމަދު މުއިއްޒު ނޫސްވެރިންނާއި ނޫސްވެރިންގެ ޖަމްއިއްޔާ، އެމްޖޭއޭއާ އެކު ބޭއްވެވި ބައްދަލުވުމުގައި ފާހަގަނުކުރައްވާ ކަމުގެ ކަންބޮޑުވުން ވެސް ބައްދަލުވުމުގައި ބައިވެރިވި ނޫސްވެރިން ވަނީ ފާޅުކޮށްފަ އެވެ.
އެމްޖޭއޭގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ޖުނައިދު ވިދާޅުވީ އޭޖީގެ ވާހަކައިން ދޭހަވީ މައްސަލަ ރަނގަޅަށް ދެނެގަނެ، އެެއަށް ހައްލު ހޯދުމުގެ ބަދަލުގައި މީޑިއާ ދާއިރާގެ ބަހެއް ނެތި އެބޭފުޅުން ބޭނުން ގޮތަކަށް ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ.
"އެ ޖާގަ ނުދޭނެ ނޫސްވެރިންނެއް. އެޖާގަ ދޭ ގޮތަކަށް ނޫން ނޫސްވެރިން ތިބީ. އަނެއްކާވެސް މި ޖެހުނީ ހަމަ ސުމަކުން ފަށަން،" ޖުނައިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބިލާ ދެކޮޅަށް އަޑު އުފުލާ ނޫސްވެރިން ކުރަމުން އަންނަ އިހުތިޖާޖު ހުއްޓާ ނުލާ ކުރިއަށް ގެންދާނެ ކަމަށެވެ.
"ނޫސްވެރިން ބޭނުމެއް ނުވޭ ރާއްޖޭގެ ޖުޑިޝަރީއަށް މި ވާގޮތަށް ރާއްޖޭގެ އެހެން މުވައްސަސާތަކަށް ވާގޮތަށް [ވާކަށް]،" އޭނާ ވިދާޅުވި އެވެ.
"ނޫސްވެރިކަމުގެ ދާއިރާއަށް އެ ޖާގަ ނުދޭނަމޭ ނޫސްވެރިން،" އެޗްއާރުސީއެމް ފަދަ މުވައްސަސާތަކަށް އައްޔަނު ކުރަނީ ސަރުކާރުން އެންޑޯޒް ކުރާ މެންބަރުންކަން ފާހަގަކުރައްވާ ޖުނައިދު ވިދާޅުވި އެވެ.
ގިނަ ބަޔަކު ކުރި މަސައްކަތުން ހޯދި ނޫސްވެރިކަމުގެ މިނިވަންކަން ގެއްލުނަ ނުދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޖުނައިދު ވަނީ، މީޑިއާތަކުގެ މަޝްވަރާއާ ނުލާ މީޑިއާތައް ރެގިޔުލޭޓު ކުރުމަށް ގާނޫނު އެކުލަވާލަަން މަސައްކަތް ނުކުރުމަށް އޭޖީ އަށާއި ރައީސް މުއިއްޒަށް ގޮވާލައްވައިފަ އެވެ.
'ދައުރު' ނޫހުގެ މެނޭޖިން އެޑިޓަރު އަދި އެޑިޓާސް ގިލްޑުގެ ރައީސް އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ ސަރުކާރަށް ވިސްނެންދެން ނޫސްވެެރިންގެ އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށެވެ.
"އެހެން މިނިވަން މުވައްސަސާތައް އަތުއަޅުވާލި ގޮތަށް މީޑިއާ އަތުއަޅުވާލަން ޖާގަ ދޭ ގޮތަކަށް ނޫން މި ތިބީ،" ޒާހިރު ވިދާޅުވި އެވެ.
މީޑިއާ ކޮންޓްރޯލު ބިލާ މެދު ހުރި ކަންބޮޑުވުންތަކާ އެކު ބިލު ބޭރުކުރަން އެދި ރައީސް މުއިއްޒުގެ އަރިހަށް ނޫސްވެރިން ދިއުމުން، ބިލު ބޭރުކުރައްވާނެ ކަމުގެ ޔަގީންކަން ނުދެއްވާ ރައީސް ވަނީ އެކަމާ ވިސްނާ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
އަދަދު ނޫހުގެ ސީއީއޯ ހުސެން ފިޔާޒު މޫސާ ވިދާޅުވީ ފެންނަނީ ސުޕްރީމު ކޯޓާއި މިނިވަން މުވައްސަސާތައް ކޮންޓްރޯލު ކުރި ގޮތަށް މީޑިއާ ކޮންޓްރޯލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރާތަން ކަމަށެވެ.
"މިއީ ހަމައެކަނި ނޫސްވެރިން ކޮންޓްރޯލު ކުރަނީކީ ނޫން. ދިވެހި ރައްޔިތުން ކޮންޓްރޯލު ކުރުން،" ފިޔާޒު ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ، އޭޖީގެ ވާހަކަތަކާ ގުޅިގެން ބައްދަލުވުން ދޫކޮށް ނުކުތް ނޫސްވެރިންގެ ތެރޭ ހިމެނޭ މޫސާ ރަޝީދު ފާހަގަކުރި ގޮތުން ޕްރެސްގައި އޭޖީ ދެއްކެވި ވާހަކަތަކާއި ނޫސްވެރިން ކުރި ސުވާލުތަކަށް ދެއްވި ޖަވާބުން ދޭހަވީ، މިހާރު މަޖިލީހުގައި އޮތް ބިލަކީ ސަރުކާރުގެ ބިލެއް ކަމާއި އެ ބިލު ފާސްކުރަން ސަރުކާރުން ބޭނުންވާކަން ކަަމަށެވެ.
"އެޓާނީ ޖެނެރަލްއަށް އަޅުގަނޑުމެން ދެންނެވި އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެއްވޭ. ހުރިހާ ސުވާލެއް ޓްވިސްޓު ކުރައްވައިގެން ދައްކަވަމުން ގެންދެވީ މި ބިލު ފާސްކުރަން ޖެހޭ ސަބަބުތައް," އޭނާ ބުންޏެވެ.
ފާހަގަކުރެވޭ - ނޫސްވެރިންގެ ޑިމާންޑަކީ ނޫސްވެރިންނާއި މީޑިއާގެ ކޮންޓްރޯލު ސަރުކާރަށް އޮންނަ ގޮތަށް އަދި ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އޮތް ބިލު އަނބުރާ ގެންދިޔުމެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭޖީ އުޝާމް ވިދާޅުވީ ބިލު އަނބުރާ ގެންދަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ބިލަށް އިސްލާހުތައް ގެނެސް ބިލު އިތުރަށް ފުރިހަމަ ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ކޮމެންޓް (1)
ދޮވެމި ކަލަމިންޖާ