ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުން މިއަދު ވަކިކުރި އިބްރާހިމް ސައީދު (ކޭޑް).

ފަލާހުގެ މައްސަލަ ބަލަން ގޮވާލި ސިޔާސީ މީހަކު މަގާމުން ވަކިކޮށްފި

ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުން އިބްރާހިމް ސައީދު މިއަދު ވަކިކުރީ ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު ނޫސްވެރިން އުލުބައިންދައި މަރާލަން ގޮވާލުމުން އެކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ޕޯސްޓުކުރެއްވުމުން

ނޫސްވެރިން އުލުބައިންދައި ލާއިންސާނީކޮށް މަރަން މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު އިއްޔެ ވިދާޅުވި މައްސަލަަ ބަލަން ގޮވާލެއްވުމުން، ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އިބްރާހިމް ސައީދު (ކޭޑް) މިއަދު މަގާމުން ވަކިކޮށްފި އެވެ.

ވީ ކިހިނެއް؟ - ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު ނޫސްވެރިންނަށް ހަރުކަށި މަރުގެ އިންޒާރެއް ދެއްވީ ދައުރުން ބޭރުން އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި މީޑިއާތައް ކޮންޓްރޯލުކުރުމަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުންނެވެ.

ސަރުކާރުގެ ބާރު ފޯރުވޭ ކޮމިޝަނަކުން މީޑިއާތަކާއި ނޫސްވެރިން ރެގިއުލޭޓްކުރުމުގެ ނަމުގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް، ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އެ ބިލަށް ފުރިހަމައަށް ތާއީދުކުރައްވާކަން ހާމަކުރައްވައި ފަލާހު ވިދާޅުވީ "ނޫސްވެރިން ލާންވީ ޖަލަކަށް ވެސް ނޫން، ހަމަ ސީދާ އުލުބައިންދަންވީ" ކަމަށެވެ.

ސްޕޯޓްސް މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ހުންނެވި ސައީދު މަގާމުން ވަކިކުރީ އެކަމާ ދެކޮޅު ހައްދަވައި އިއްޔެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާފައި ވަނިކޮށް މިއަދު އެވެ.

ތަފްސީލް - ފޭސްބުކްގައި ސައީދު އިއްޔެ ކުރެއްވި ޕޯސްޓުގައި އޮތީ، "ނޫސްެވެރިން އުލަށް އަމުނާ މަރާލަން" ގޮވި މައްސަލަ ބަލަން ގޮވާލާފަ އެވެ. އަބުރެއް އޮންނަނީ ހަމައެކަނި ފަލާހުގެ އެކަނިތޯ އާއި އެ މައްސަލާގައި ދައުވާ ކުރެއްވިން ނޫންތޯ ވެސް އެ ޕޯސްޓުގައިވެ އެވެ.

ރައީސް އޮފީހުން މިއަދު ސައީދަށް ފޮނުވާފައިވާ ސިޓީގައި އޮތީ މަގާމުން ވަކިކުރީ ރައީސް މުހައްމަދު މުއިއްޒަށް ގާނޫނުއަސާސީން ލިބިވަޑައިގަންނަވާ ބާރުގެ ދަށުުން ކަމަށެވެ. އެކަމަކު މަގާމުން ވަކިކުރި ސަބަބެއް ބުނެފައެއް ނެތެވެ.

'ސަރުކާރާ ދެކޮޅަށް ވާހަކަދައްކާ ކޮންމެ މީހަކު ކަތިލާނެ'

މަގާމުން ވަކިކުރުމާ ގުޅިގެން ސައީދު 'ދައުރު'އާ ވާހަކަދައްކަވަމުން ވިދާޅުވީ އޭނާ އެގޮތަށް ޕޯސްޓުކުރެއްވީ، ޕާޓީތަކުގެ މީޑިއާތަކުގެ ޕަބްލިކް ރިލޭޝަން ދާއިރާގައި 19 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ބޭފުޅެއްގެ ހައިސިއްޔަތުން ކަމަށެވެ.

"އަޅުގަނޑުމެން މި ނިސްބަތްވާ ނުވަތަ އަޅުގަނޑުމެން ގެނައި ކަމަށް ބުނާ މި ސަރުކާރު މި ގޮތަށް ކަންތައްތައް ކުރަމުންދާތީ މި ކަންބޮޑުވުންތައް ހުރީމާ. ޕީއެންސީގެ ޕާލިމެންޓްރީ ލީޑަރު ނޫސްވެރިން އުލުބައިންދަން ގޮވާލީ،" ޗެނަލް 13ގެ ސްޓޭޝަން މެނޭޖަރުކަން ވެސް ކުރިން ކުރައްވާފައިވާ ސައީދު ވިދާޅުވި އެވެ.

"ނޫސްވެރިން އުލުބޭންދުން މާނަކުރަނީ ނޫސްވެރިން އުލަށް ޖަހާފައި މެރުން. އެހެންވީމާ އެ ގޮތަށް މަޖިލީހުގެެ ތެރޭ އިދެ ގޮވައިގެން ގާނޫނަކުން ނޯވެ މި މީހުންނަށް ފިޔަވަޅު އެޅޭނެ ގޮތެއް. އެކަމަކު މި މައްސަލަ ބަލަންޖެހޭ. ނޫސްވެރިން އުލަށް ލާން ފަލާހު ބުނަންޏާ ފަލާހުގެ މައްސަލަ ވެސް ބަލަންޖެހޭނެ."

ސައީދު ވިދާޅުވީ މިފްކޯގައި މީގެ ކުރިން އަދާކުރައްވަމުން ގެންދެވި މަގާމުން ވެސް ވަކިކުރީ ސަރުކާރުގެ ވައްކަންތަކުގެ ވާހަކަދައްކާތީ ކަމަށާއި މިފަހަރު މަގާމުން ވަކިކުރީ ސަރުކާރު ނިސްބަތްވާ ޕާޓީގެ ހުރިހާ ކަމަކާ ހަވާލުވެގެން ހުންނަވާ ފަލާހުއާ ދިމާލަށް އެއްޗެއް ވިދާޅުވެގެން ކަމަށެވެ.

މިފްކޯގައި އޭނާ ހުންނެވީ ޕަބްލިކް ރިލޭޝަންސްގެ ޑެޕިއުޓީ މެނޭޖަރުގެ މަގާމުގަ އެވެ.

ސައީދު ވިދާޅުވީ މަގާމުން ވަކިކުރީ ބިރުދައްކަން ކަމަށާއި އޭގެން އެނގޭ އެއްޗަކީ ސަރުކާރާ ދެކޮޅަށް ބަސްބުނާ ކޮންމެ މީހަކު މަގާމުތަކުން ވަކިކުރާނެކަން ކަމަށެވެ.

"އަޅުގަނޑަށް ބިރެކޭ އެ ދެއްކީ. އެކަމަކު އަހަރެން ބިރެއް ނުގަނޭ. މީގެން މިއެނގުނީ ކޯއްޗެއް. މިގޮތަށް ވާހަކަދައްކާ ބަސްބުނާ ކޮންމެ މީހަކު ސަރުކާރުން ކަތިލާނެ ކުރިއަށް އޮތްތާ. އެއީ މީގެން މިއެނގުނު އެއްޗަކީ." ސައީދު ވިދާޅުވި އެވެ.

ކޮމެންޓް (3)

މުޙައްމަދު ބިން ޢާދިލް

28 އޯގަސްޓު 2025
ސަރުކާރުގެ ސިޔާސީ މަޤާމެއްގަ ސަރުކާރުގެ ވިސްނުން ކުރިޔަށް ގެންދިޔުމަށް ޢައްޔަނުކޮށްފައިވާ މީހަކު ސަރުކާރާ ޚިޔާލު ތަފާތުވީމާ މަޤާމުން ވަކިކުރުމަކީ މައްސަލައެއް ނޫން. އެކަމަކު ޒަމާނީ އޮއިވަރުގަ ތަނެއް ދޮރެއް ބަލާނުލާ ކޮމެންޓުކޮށްލީމާ މައްސަލައަކީ. ފަލާހު ދެއްކި ވާހަކަ ނިސްބަތްވަނީ ހުރިހާ ނޫސްވެރިންނަކަށް ނޫން. އަދި ކިއެއްތަ މީޑިއާގެ ފުޅާ މަފްހޫމުގެ ތެރޭގައި ހިމެނޭ މީހުންނަށް.
2 10

ބިން ލާދިން

28 އޯގަސްޓު 2025
@މުޙައްމަދު ބިން ޢާދިލް އަސާސީ ފެންވަރު ނެތް މީހުން މަޤާމުތަކަށް ލީމާ ވާނީ އެހެން! އެކަމަކުވެސް އެއްވެސް މީހަކު މަރާކަށް ނުގޮވޭނެ! އަދި ތިޔައީ މީހުން މަރަން ހިތްވަރު ދޭ މީހަކަށްވާނެ ކަން ޔަޤީން
6 4

ދަރުމަވަންތަ ރަސްގެފާނު

29 އޯގަސްޓު 2025
@ބިން ލާދިން ވަގުތުން ޖަޖުމަންޓެއް އެއައީ. ދެން ކިހިނެއް ރަނގަޅުވާނީ. ދަ އަޔަނީ އޮފް ދިސް. ބިން ލާދިން މިބުނަނީ އެހެން މީހަކާ ދިމާލަށް މީހުން މަރަން ހިއްވަރު ދެނީ. އެހެންވީމާ ޤާނޫނުލް އުޤޫބާތުގަ އޮތް ގޮތަށް މަރުގެ އަދަބު ތަންފީޛު ކުރަން ގޮވުމަކީ މީހުން މަރަން ހިތްވަރު ދިނުން. އެކަކަށްވެސް އަދަބު ނުދީ ދެން. ޤިޞާޞު ޙުކުމަށް ކީކޭ ތިބުނަނީ
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް