އެމްއެމްސީގެ ރައީސް ހުސައިން ސަގީފް - (ފޮޓޯ/ އެމްއެމްސީ)

މީޑިއާ ރެގިއުލޭޓްކުރުމުގެ ޒިންމާ އެބަ ނަގަން؛ މައްސަލައަކީ ބަޖެޓް: އެމްއެމްސީ

އެމްއެމްސީއަށް ދެނީ ތަން ހުޅުވައި ލައްޕައިލެވޭ ވަރަށް ދެވޭ ބަޖެޓެއް ކަމަށާއި ވަރަ ކޮށާލާފައި އުދުހެން އެންގިއަސް ނުވާނެ ކަމަށް އެމްއެމްސީގެ ރައީސް ސަގީފް ވިދާޅުވި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިހާރު ވެސް މީޑިއާތައް ރެގިއުލޭޓްކުރުމުގެ ޒިންމާ ފުރިހަމައަށް އަދާކުރަމުންދާ ކަމަށާއި މައްސަލައަކީ ކުޑަ ބަޖެޓެއް ސަރުކާރުން ދިނުން ކަމަށް އެމްއެމްސީގެ ރައީސް ހުސައިން ސަގީފް މިރޭ ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި އެމްއެމްސީ އުވާލައި، ސަރުކާރަށް ބާރު ފޯރުވޭ ގޮތަށް އޮންނަ އާ ކޮމިޝަނަކުން މީޑިއާތައް ރެގިއުލޭޓްކުރުމުގެ ނަމުގައި މީޑިއާތަކާއި ނޫސްވެރިންނަށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު މަޖިލީހުގެ ތަޅުމަށް މިއަދު ވަނީ ބަލައިގެންފަ އެވެ.

މަޖިލީހުގެ ތަޅުމުގައި ސަރުކާރަށް ނިސްބަތްވާ ބައެއް މެންބަރުން ބިލަށް ތާއީދުކުރައްވައި ދެއްކެވި އެއް ވާހަަކައަކީ ނޫސްތަކުން މީހުންގެ އަބަރު ގެއްލޭ ގޮތަށް ހަބަރުތައް ގެނައަސް އެމްއެމްސީން އަޅައިނުލާ ކަމަށެވެ. އެމްއެމްސީއަކީ ރަނގަޅު ނުހިނގާ މުއައްސަސާއެއް ކަމާއި، މެންބަރުން މުސާރަ ނަގައިގެން ތިބެނީ ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.

މިރޭ އެމްއެމްސީގެ މެންބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ދެއްކެވި މިފަދަ ވާހަކަތަކަށް ރައްދު ދެއްވި އެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގެ ކުރިން ކައުންސިލްގެ މެންބަރުންގެ ކުއްލި ބައްދަލުވުމެއް ވެސް ބޭއްވި އެވެ.

އެމްއެމްސީން ބޭއްވި ކުއްލި ބައްދަލުވުމުގައި އެ ކޮމިޝަނުގެ މެންބަރުން - (ފޮޓޯ/ އެމްއެމްސީ)

ތަފްސީލް - ބައެއް ނޫސްވެރިން ވެސް ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ކައުންސިލްގެ ރައީސް ސަގީފު ވިދާޅުވީ އެމްއެމްސީގެ ގާނޫނަކީ ދުނިޔޭގެ ހުރި މީޑިއާ ތަޖުރިބާކާރުންގެ ލަފައާއެކު ތައްޔާރުކޮށްފައިވާ ގާނޫނެއް ކަމަށެވެ. ދުނިޔޭގެ ކުރިއަރާފައި ތިބި ގައުމުތަކުގައި މީޑިއާ ރެގިއުލޭޓްކުރަނީ އެފަދަ ނިޒާމެއްގެ ތެރެއިން ކަން ފާހަގަކުރެއްވި އެވެ.

އެމްއެމްސީގައި ތިބެނީ މީޑިއާތަކުން ވޯޓުލައިގެން އިންތިހާބުކުރާ މީޑިއާތަކަށް ނިސްބަތްވާ 8 މެންބަރުންނާއި އާންމުންގެ 7 މެންބަރުންނެވެ. މިއިން ކޮންމެ މެންބަރަކީ ވެސް ޕާޓް-ޓައިމް މެންބަރުންނެވެ. މެންބަރުންނަށް ލިބެނީ މަހަކު ކުޑަ އެލަވަންސްއެކެވެ.

ސަގީފު ވިދާޅުވީ އެމްއެމްސީގައި މަސައްކަތްކުރަނީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހަމަތައް ހިފެހެއްޓުމަށް ލޯބިކުރާތީ މަސައްކަތްކުރާ ބަޔަކު ކަމަށެވެ. ޕާޓް ޓައިމް މެންބަރުން ނަމަވެސް ކައުންސިލްގެ މަސައްކަތްތަކާއި ޒިންމާތައް ފުރިހަމައަށް އަދާކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ވާހަކަ މި ދައްކަނީ މިހާރު މި އޮތް ބިލު ފާސްކޮށްގެން މި ތަން އުވާލަފާނެތީއެއް ނޫން. އަޅުގަނޑުމެންނަށް ލިބެނީ ވެސް ދެ އަހަރުގެ ޓާމެއް. ދެން އަންނަ ޓާމަަކަށް ކުރިމަތި ވެސް ނުލެވޭ. އޭގެ ފަހުން ދެން ލެވޭނީ. ހަގީގަތުގައި މި ކަމަށް ލޯބިކުރާ ބަޔަަކަށް ވާތީ މި އުޅެނީ،" ސަގީފް ވިދާޅުވި އެވެ.

އެހެން ނަމަވެސް ކައުންސިލަށް ކުރިމަތިވާ ގޮންޖެހުންތަކަށް އެއްވެސް ސަރުކާރެއްގައި އިޖާބައެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. މި ފަހުން އެމްއެމްސީން އިސްވެ ދިރާސާތަކެއް ހެދުމަށްފަހު އޮނިގަނޑަށް ގެނެވިދާނެ ރަނގަޅު ދެ ބަދަލެއް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ފޮނުވައިގެން މިހާތަނަށް ވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް ވިދާޅުވި އެވެ.

"އެމްއެމްސީއަށް އާންމުންގެ ފަރާތުން ވެސް މިހެން އަންނަ ޝަކުވާތައް އެ އޮންނަ ތަރުތީބުގެ ތެރެއިން ބަލަމުން އެބަދޭ. މި ތަނަށް އެބަ ބޭނުންވޭ ޝަކުވާތައް ބަލާނެ ފުލްޓައިމް އޮމްބަޑްސްޕާސަނެއް ވެސް. އެކަމަކު މި ގޮތަށް އޮނިގަނޑަށް ބަދަލުގެންނަން ހުށަހަޅާ ހުށަހެޅުމަކަށް އިޖާބައެއް ނުލިބޭ،" ސަގީފް ވިދާޅުވި އެވެ.

އެމްއެމްސީން ބޭއްވި ކުއްލި ބައްދަލުވުމުގައި އެ ކޮމިޝަނުގެ މެންބަރުން - (ފޮޓޯ/ އެމްއެމްސީ)

މިދިޔަ ދައުރުގެ ކުރިން އެމްއެމްސީގެ ނައިބު ރައީސްކަން ވެސް ކުރެއްވި ސަގީފު ވިދާޅުވީ އޭރުގައި އެ ކައުންސިލްގެ ބަޖެޓް އުޅުނީ 3 މިލިއަން ރުފިޔާގަ އެވެ. މި ފަހަރު ބަޖެޓް ދިނީ 5 މިލިއަން ރުފިޔާއަށެވެ. މިހާ ވެސް ކުޑަ ބަޖެޓެއްގައި ވެސް ކައުންސިލްގެ ޒިންމާތައް އަދާކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އެސްޖީ ވިދާޅުވާހެން ތަން ހުޅުވައި ލައްޕާ ލެވޭ ވަރަށް ބަޖެޓު މި ލިބެނީ. އަޅުގަނޑުމެންގެ ވަރަށް ކޮށާލާފައި އަދި އުދުހެން އެންގިއަސް އެ ކަމެއް ނުވާނެ،" ސަގީފް ވިދާޅުވި އެވެ.

ދިވެހި ނޫސްވެރިންނާއި ރާއްޖެއާއި ބޭރުގެ ޖަމިއްޔާތަކުން ވެސް ގޮވާލަމުންދަނީ މިހާރު ހުށަހެޅިފައިވާ ބިލު ބޭރުކޮށްލުމަށް ކަމަށާއި ނޫސްވެރިންނާއި އެމްއެމްސީގެ ހިޔާލު ހޯދައިގެން މީޑިއާތައް ރެގިއުލޭޓްކުރުމުގެ އާ ބިލެއް ތައްޔާރުކުރުމުގެ މަސައްކަތް ފެށުމަށް އެމްއެމްސީގެ މެންބަރުން މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ގޮވާލެއްވި އެވެ.

ކޮމެންޓް (1)

ބެންޗު ވާރމާސް - ގޮނޑި ހޫނުކުރުން ނޫންކަމެއް ނުކުރޭ

28 އޯގަސްޓު 2025
ތިތަނުގެ އެންމެން އިސްތިއުފާ. ޒިންމާ އަދާނުކުރެވޭ ތަނެއްގައި ކީއްކުރަން ތިހުންނަނީ. ބަޖެޓޭ ކިޔާނެ ކަމެއް ނެތް. ތިޔަ މުސާރަ ހަލާލެއް ނުވާނެ. މީޑއާ ރަނގަޅަށް ރެގިއުލޭޓު ކުރެވުނު ނަމަ މިބިލު އަންނާކަށް ނުޖެހުނީސް. ތިމީހުންގެ ނާޤާބިލުކަމުން ވާކަންކަން މީ
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް