ރައީސް މުހައްމަދު މުއިއްޒު މަކުނުދޫއަށް ވަޑައިގަތުން(ފޮޓޯ/ރައީސް އޮފީސް)

ހދ. މަކުނުދޫ

މަކުނުދޫ އެއާޕޯޓު އަވަަހަށް ނިންމައިދޭނަން؛ ދެން އަންނާނީ އެއާޕޯޓު ހުޅުވަން: ރައީސް

އެއާޕޯޓުގެ މަސައްކަތް މިއަދު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައި؛ މިދިޔަ އަހަރަށް އެއާޕޯޓު ހުޅުވައިދޭނެ ކަމަށް ވިދާޅުވުމަށް ފަހު މިއަހަރުގެ ރިޔާސީ ބަޔާނުގައި އެ ވާހަކަ ގެންނަވާފައި ނެތުމުން އެ ރަށު މީހުން މީގެ ކުރިން ހިތްހަމަނުޖެހުން ފާޅުކޮށްފައިވޭ

ހދ. މަކުނުދޫ އެއާޕޯޓުގެ މަސައްކަތް ހާއްސަ އިސްކަމެއްދީގެން ވީހާ ވެސް އަވަހަށް ނިންމައިދެވޭތޯ މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށާއި ދެން އެ ރަށަށް ވަޑައިގަންނަވާނީ އެއާޕޯޓު ހުޅުވުމަށް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ވީ ކިިހިނެއް؟ - މަކުނުދުއަކީ ހދ. އަތޮޅުގައި އެހެން ރަށްރަށާ ދުރުގައި އެކަހެރިކޮށް އޮންނަ ރަށެކެވެ. އެހެންވެ، އެ ރަށަށް ދަތުރުކުރުމުގައި އޮންނަ ދަތިކަން ފިލުވުމަށް އެއާޕޯޓެއް އެޅުމަކީ އެ ރަށުގެ ރައްޔިތުންގެ އުއްމީދެކެވެ.

އެކަަމަށް ހައްލެއް ހޯދައިދިނުމަށް ކުރީ ސަރުކާރުން ފެށި އެއާޕޯޓުގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސް، އެ ރަށު މީހުންގެ ބޮޑެތި ހިތްހަމަނުޖެހުންތަކެއް އަމާޒުވެފައިވަނިކޮށް، މިއަދު މަކުނުދުއަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ވަނީ އެ ކަމަށް ބޭނުންވާ އިތުރު ބިން ހިއްކުމުގެ މަސައްކަތާ އެކު، އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - އެއާޕޯޓުގެ ބޮޑު ބައެއް ހިއްކާ ނިމިފައި އޮތްއިރު އެ ތަން ތަރައްގީކުރުމުގެ މަސައްކަތް ލަސްވާތީ އާންމުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން މިދިޔަ އަހަރުގެ ތެރޭގައި އެއާޕޯޓު މަސައްކަތް ނިންމައި ހުޅުވާނެ ކަމަށް ރައީސް އޮތީ ވިދާޅުވެފަ އެވެ. އެކަމަކު މިއަހަރުގެ ރިޔާސީ ބަޔާނުގައި އެ މަޝްރޫއުގެ ވާހަކަ ގެންނަވާފައެއް ނުވެ އެވެ.

ރިޔާސީ ބަޔާނުގައި އެ މަޝްރޫއުގެ ވާހަކަ ރައީސް ފާހަގަކުރައްވާފައިނުވާތީ، މިދިޔަ ފެބްރުއަރީ މަސް ތެރޭ އޮތް ބައި-އިލެކްޝަން ކެމްޕޭން ދަތުރެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މަކުނުދުއަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކޮށްފައި ވެސްވެ އެވެ. އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އެ ދުވަހު މިިނިސްޓަރު ވިދާޅުވި އެވެ.

ބުނީ ކީކޭ؟ - މަކުނުދޫ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެއްވުމަށް ފަހު ވާހަކަފުޅުދައްކަވަމުން ރައީސް މިއަދު ވެސް ވިދާޅުވީ މަކުނުދުއަށް އެންމެ މުހިންމު މަޝްރޫއަކީ އެއާޕޯޓުގެ މަސައްކަތްކަން އެނގިވަޑައިގަންނަވާ ކަމަށާއި ރިޔާސީ އިންތިހާބުގައި އަދި އޭގެ ފަހުން ވެސް އެ ރަށަށް ވެވަޑައިގެންފައިވާ އެންމެ މުހިންމު ވައުދަކީ ވެސް އެއީ ކަމަށެވެ.

ރާއްޖޭގެ އަތޮޅުތައް ބެހިފައި އޮންނަ ގޮތަށް ބަލާއިރު މަކުނުދުއަކީ ވަރަށް އެކަހެރިކޮށް، އެންމެ ވަކިން އޮންނަ ދަތުރުފަތުރަށް އުނދަގޫ ރަށެއް ކަމަށާއި ދުރު ރާސްތާއަށް ބަލާއިރު މަކުނުދޫގައި އެއާޕޯޓެއް ތަރައްގީކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ރައީސް ތަކުރާރުކުރެއްވި އެވެ.

އެއާޕޯޓު މަޝްރޫއުގެ ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ:

  • އެ މަޝްރޫއަށް ބިން ހިއްކުމުގެ ބޮޑު ބައެއް މިހާރު އޮތީ ނިމިފައި؛ މި ތަނަށް 1800 މީޓަރުގެ ބިން އިތުރުކުރަން މި ސަރުކާރުން އޮތީ ނިންމާފައި

  • މިއަދު މަސައްކަތް ހަވާލުކުރި އެމްޓީސީސީން 1800 މީޓަރުގެ އެ ބިން ހިއްކުމުގެ މަސައްކަތް ކުރާނެ

  • އެމްޓީސީސީން ބިން ހިއްކުމުގެ މަސައްކަތްކުރާނީ ބޯހިޔާވަހިކަމަށާއި ރަށުގެ ބޭނުންތަކަށް ވެސް ބޭނުންވާ މިންވަރަށް ބިން ހިއްކާ ގޮތަށް؛ އެއީ 22 ހެކްޓަރުގެ ބިން

  • އެއާޕޯޓުގެ ހުރިހާ މަސައްކަތްތައް ވެސް މި އެއްބަސްވުމުގެ ދަށުން އެމްޓީސީސީން ކުރާނެ

  • އެއާޕޯޓު ހިންގުމާ ހަވާލުވާނީ އެއާޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލް

"އެހެންވީމާ މިއަދު ސޮއިކުރި އެއްބަސްވުމާ އެކު މިދެންނެވި ހުރިހާ ކަމެއް ފުރިހަމަވެފައި އޮންނާނެ ކަމުގެ ޔަގީންކަން އަރުވަން. އެންމެ އިސްކަމެއްދޭނީ ވަރަށް ބާރަށް ހަލުވިކަމާ އެކު ވީ އެންމެ އަވަހަކަށް މި މަޝްރޫއު ކުރިއަށް ގެންދަން. އިރާދަކުރެއްވިއްޔާ މި މަޝްރޫއު ވަރަށް ބާރަށް ގެންގޮސް ނިންމައިދޭނަން،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު އުންމީދަކީ އެއާޕޯޓުގެ މަސައްކަތް ނިންމައި އެއާޕޯޓު ހުޅުވަން ދެން އަންނަން. އެކަން ނިމުނީމާ އަޅުގަނޑަށް ދެން އާދެވޭނީ. އެެހެންވީމާ އަޅުގަނޑު ބަލާނަން ވީހާ ވެސް އަވަހަކަށް އެކަން ނިންމައިދެވޭތޯ."

އެނގުން މުހިންމު -  މަކުނޫދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފެށީ މިދިޔަ ސަރުކާރުންނެވެ. އެގޮތުން:

  • މަކުނުދޫ އެއާޕޯޓު އަޅަން ބިން ހިއްކުމަށް ބިގްފިޝް މޯލްޑިވްސްއާ ހަވާލު ކުރީ ޖޫން 2022ގައި 

  • ޖުމްލަ 16 މިލިއަން ރުފިޔާގެ އެ މަޝްރޫއުގެ ދަށުން ބިން ހިއްކަން ފެށީ ސެޕްޓެމްބަރު 2023ގައި

  • އޭރު 15،00 މީޓަރަށް ހަދަން ހަމަޖެހިފައި އޮތް ރަންވޭ މި ސަރުކާރުން ނިންމާފައި އޮތީ 1800 މީޓަރަށް ދިގުކުރުމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް