އިދިކޮޅު ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު މިއަދު ހދ. މަކުނުދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ސަލާމް ކުރައްވަނީ (ފޮޓޯ/ ޕީޕީއެމް)

މަކުނުދޫ އެއާޕޯޓް އެޅުން ރައްޔިތުން އެދޭ ގޮތަށް ބަދަލުކޮށްދޭނަން: މުއިއްޒު

އެ ރަށުގެ ސިއްހީ މަރުކަޒު ބޮޑުކޮށްދިނުމަށް ރައްޔިތުން އެދޭ އެދުން ފުއްދައިދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި

ހދ. މަކުނުދޫގައި މި ސަރުކާރުން އަޅަން ނިންމާފައިވާ އެއާޕޯޓު އަޅާ ސަރައްހަދާ މެދު އެ ރަށުގެ ރައްޔިތުންގެ މެދުގައި ހިތްހަމަނުޖެހުންތަކެއް ހުރުމުން، އޭނާގެ ސަރުކާރެއްގައި ރައްޔިތުން އެދޭ ގޮތަކަށް އެ އެއާޕޯޓު އަޅައިދިނުމަށް، ޕީޕިއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވައުދުވެވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - މުއިއްޒު އެ ގޮތަށް ވައުދުވެވަޑައިގެންނެވީ، އަންނަ މަހުގެ 9ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހއ. އަދި ހދ. އަތޮޅުގެ ރަށްތަކަށް އިއްޔެ ފެއްޓެވި ތިން ދުވަހުގެ ދަތުރުގައި މިއަދު މަކުނުދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގަ އެވެ.

ބުނީ ކީކޭ؟ - "[މިހާރު އެއާޕޯޓު އަޅަން ކަނޑައަޅާފައިވާ ސަރަހައްދަކީ] ތިމާވެށީގެ ގޮތުން ބަލާއިރު، އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމަށް މި ރަށުގެ އަހުލުވެރިން ތި ވިދާޅުވަނީ. އެހެންވީމަ، ތިބޭފުޅުންނަށް ވުރެ ބޮޑަށް މި ރަށަށް، މި ރަށުގެ ފަޅަށް ވާނެ ގޮތް އެނގޭނެ އެހެން ބަޔަކު ނޫޅޭނެ. އެހެންވީމަ، އަޅުގަނޑު ގަބޫލެއް ނުކުރަން އެކަން އެ ދަނީ ރަނގަޅަށް ކަމަކަށް،" މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު އިހްލާސްތެރިކަމާ އެކު ދަންނަވާނީ، މި ރަށުގެ ރައްޔިތުން އެދޭ ގޮތަށް އެ މަޝްރޫއު ބަދަލުކޮށްދޭނަމޭ."

މަކުނުދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ (ފޮޓޯ/ ޕީޕިއެމް)

ތަފްސީލު - މުއިއްޒު އެ ގޮތަށް ވިދާޅުވީ، އެ ޖަލްސާގައި އޭނާގެ ކުރިން ވާހަކަދެއްކެވި އެ ރަށުގެ ކުރީގެ ކަތީބު މުހައްމަދު އަހްމަދު އެއާޕޯޓު މަޝްރޫއާ ގުޅޭ ގޮތުން ފާޅުކުރެއްވި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހު އެވެ.

މުހައްމަދު އަހްމަދު ވިދާޅުވީ:

  • މިހާރު އެއާޕޯޓު އަޅަން ހަމަޖައްސާފައިވާ ތަނުގައި ބިން ހިއްކައިގެން އެއާޕޯޓު އަޅާ ނަމަ، މަކުނުދޫ ނުވަތަ އެ ރަށާ ޖެހިގެން އޮންނަ ހުރާ ގިރައިގެންދާނެ

  • ދުރު މުސްތަގުބަލަށް ވިސްނައިގެން، ފަޅުގެ އެހެން ސަރަހައްދެއްގައި، ބޮޑު ރަންވޭއަކާ އެކު އެއާޕޯޓެއް އަޅަން ޖެހޭ؛ ބޭނުންވަނީ ޖެޓް ޖެއްސޭ ފެންވަރަށް އެއާޕޯޓް ތަރައްގީ ކުރަން

"އެހެންވީމަ، އަޅުގަނޑުމެން ބޭނުންވަނީ، މިހާރު އޮތް އެއާޕޯޓުގެ ކޮންސެޕްޓް ބަދަލު ކުރަން. އެއާޕޯޓު [އަޅަން] އޮތް ސަރަހައްދަކީ [ގޯތި ދެވޭނެ ސަރަހައްދެއް]. އެއީ، މި ރަށުގައި ގެދޮރު އަޅާނެ ތަން މިހާރު ވަނީ ހުސްވެފައި،" މިހާރު ވެސް 300 ފަރާތަކުން ގޯއްޗަށް އެދުނު ނަމަވެސް، ދެވެން އޮތީ އެންމެ 70 ގޯތިކަން ފާހަގަކޮށް، އެ ރަށުގައި ހަރަކާތްތެރިވާ ޕީޕީއެމްގެ އިސް މެންބަރު ވިދާޅުވި އެވެ.

"ދެން ހިއްކަން އޮތް ދިމާލަކީ ހުރަ އާއި މި ރަށާ ދޭތެރެ. އަޅުގަނޑުމެންގެ އެދުމަކީ، އެ ދެމެދު ހިއްކާފައި އެއާޕޯޓު ހުރާ ރަށްމަތިން ދެކުނަށް ދަމާލާށޭ."

މަކުނުދޫގައި ބޭއްވި ޖަލްސާގެ ތެރެއިން (ފޮޓޯ/ ޕީޕީއެމް)

މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ރައްޔިތުން ނޭދޭ ގޮތަށް އެއާޕޯޓުގެ މަޝްރޫއު ކުރިއަށް ގެންދާތީ އޭނާ ހައިރާންވެވަޑައިގަންނަވާ ކަމަށެވެ. އަދި އެއާޕޯޓުގެ މަޝްރޫއު އޭނާގެ ސަރުކާރުން ކުރިއަށް ގެންދާއިރު، ގޯތި ދިނުމަށް ބޭނުންވާ ބިން ވެސް ހިއްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުހައްމަދު އަހުމަދުގެ ވާހަކައިގައި ރަށުގެ ސިއްހީ މަރުކަޒު އިތުރަށް ތަރައްގީ ކުރުމަށް ވެސް އެދިވަޑައިގެންނެވި އެވެ. މުއިއްޒު ވިދާޅުވީ، އޭނާގެ ސަރުކާރުގައި އެކަން ވެސް ކޮށްދެއްވާނެ ކަމަށެވެ.

މަކުނުދު އަކީ ރާއްޖޭގެ އުތުރުން އެންމެ ހުޅަނގަށް ވަކިން އޮންނަ ރަށެއްކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، ސަރުކާރަކުން މަޝްރޫއެއް ހިންގާއިރު އެކަން ކަމަށް ވެސް ވިސްނަން ޖެހޭ ކަމަށެވެ. އެ ރަށުގެ ރައްޔިތުން ސިއްހީ ހިދުމަތް ފަދަ އަސާސީ ކަންކަން ހޯދުމަށް، މާ ދުރަށް ދިއުމަކީ އިންސާފެއް ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ.

މަކުނުދުއަށް މުއިއްޒު ވެވަޑައިގެންނެވި އިތުރު ވައުދުތައް:

  • ޒުވާނުން ބޭނުންވާ ގޮތަށް ފުޓުބޯޅަ ދަނޑެއް އަޅާނަން

  • ޒަމާނީ ފެންވަރެއްގެ ޒުވާނުންގެ މަރުކަޒެއް ގާއިމްކުރާނަން

އިތުރު އާޓިކަލް

އިތުރު އާޓިކަލް