މަކުނުދޫ ރައްޔިތުން މިނިސްޓަރު މުއްތޮލިބާ އެކު ބޭއްވި ބައްދަލުވުމުގައި (ފޮޓޯ/ރާއްޖެއެމްވީ)

ހދ. މަކުނުދޫ

މަކުނުދޫ އެއާޕޯޓުގެ ވާހަކަ ރިޔާސީ ބަޔާނުގައި ނެތުމުން ހިތްހަމަނުޖެހިއްޖެ

މިނިސްޓަރު މުއްތޮލިބު މަކުނުދޫ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި އެއާޕޯޓުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައި

ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ހދ. މަކުނުދުއަށް މިއަދު ވަޑައިގަތުމުން އެ ރަށުގެ ބައެއް ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ވީ ކިހިނެއް؟ - ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަނީ މިނިސްޓަރު މިއަދު އެ ރަށަށް ވަޑައިގެން ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމަށް ދިޔަ ބައެއް މީހުން ހިތްހަމަނުޖެހުން ފާޅުކޮށް، ޝުއޫރު ފާޅުކުރަމުންދިޔަ ތަނެވެ.

ތަފާތު ޝުއޫރުތައް ލިޔެފައިވާ ބޯޑުތަކާ އެކު އެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަކުނުދޫ އެއާޕޯޓުގެ ވާހަކަ އިއްޔެގެ ރިޔާސީ ބަޔާނުގައި ރައީސް މުހައްމަދު މުއިއްޒު ފާހަގަ ނުކުރެއްވުމެވެ.

ތަފްސީލް - މިއަދުގެ ބައްދަލުވުމަށް މަކުނުދޫ ރައްޔިތުންނަށް ދައުވަތު ދީފައިވަނީ އެއާޕޯޓާ ގުޅޭ މަޝްވަރާތަކަށް ހާއްސަ ބައްދަލުވުމެއްގެ ގޮތުގަ އެވެ.

މުއްތޮލިބު މަކުނުދޫ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި އެއާޕޯޓުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ރިޕޯޓުކޮށްފައިވެ އެވެ.

އެއާޕޯޓުގެ މަސައްކަތް ކުރަނީ ރަށަށް ބޭނުންވާ އަސާސީ ކަމެއްގެ ގޮތުގައި ދެކިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ރަށުގެ ރައްޔިތުންނަށް އެ ދިމާވާ ދަތިކަމަކީ އަޅުގަނޑުމެންނަށް އޮޅިފައިވާ ނޫނީ ގަބޫލު ނުކުރާ ކަމެއް ނޫން،" އެއާޕޯޓުގެ މުހިއްމުކަން ފާހަގަކުރައްވައި މުއްތޮލިބު ވިދާޅުވި އެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓަރު ވިދާޅުވީ އެއާޕޯޓު އަޅަން ހިއްކި ބިމުގެ ޝޯ ޕްރޮޓެކްޝަން މަސައްކަތް ނިމުމުން، އެއާޕޯޓު އަޅާނެ ބަޔަކު ހޯދަން އިއުލާނު ކުރާނެ ކަމަށެވެ. އެމްޓީސީސީ ނޫނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ވެސް އެ މަސައްކަތް ކުރާނެ ބަޔަކު ހޯދައި މި އަހަރު މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަން މަކުނުދޫ ރައްޔިތުންނަށް މުއްތޮލިބު ދެއްވި އެވެ

ގުޅުން ހުރި - މަކުނުދޫ އެއާޕޯޓު އަޅަން ބިން ހިއްކުމަށް ބިގްފިޝް މޯލްޑިވްސްއާ ހަވާލު ކުރީ ޖޫން 2022ގަ އެވެ. ޖުމްލަ 16 މިލިއަން ރުފިޔާގެ އެ މަޝްރޫއުގެ ދަށުން ބިން ހިއްކަން ފެށީ ސެޕްޓެމްބަރު 2023ގަ އެވެ.

މަކުނުދޫ އަކީ ހދ. އަތޮޅުގައި އެހެން ރަށްރަށާ ދުރުގައި އެކަހެރިކޮށް އޮންނަ ރަށެކެވެ. އެ ރަށަށް ދަތުރުކުރުމުގައި އޮންނަ ދަތިކަން ފިލުވުމަށް އެއާޕޯޓެއް އެޅުމަކީ ރަށުގެ ރައްޔިތުންގެ އުއްމީދެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް