ވިޔަފާރިވެރިޔާ އަދި ސިޔާސީ ލީޑަރު ގާސިމް އިބްރާހިމް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ސަރުކާރުން ހުށަހެޅި ޑީލް ގަބޫލުކޮށް ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް ދޭން ވިލާއިން އެއްބަސްވެއްޖެ

އެއާޕޯޓުގެ ބަދަލެއްގެ ގޮތުގައި ވިލާއިން އެދުނީ 22 މިލިއަން ޑޮލަރު އެކަމަކު ސަރުކާރުން ހުށަހެޅީ ބަދަލުގެ ގޮތުގައި 18 މިލިއަން ޑޮލަރު ދޭން ނުވަތަ ވަކި މުއްދަަތަކަށް ވިލާގެ ޓެކްސް ފައިސާ ލުއިކޮށްދޭން

ގދ. ކާޑެއްދޫ އެއާޕޯޓް އަނބުރާ ހޯދަން ސަރުކާރުން ހުށަހެޅި ހުށަހެޅުން ގަބޫލުކޮށް، އެ އެއާޕޯޓު ސަރުކާރަށް ދޫކޮށްލަން ވިލާ ކުންފުނިން އެއްބަސްވެއްޖެ އެވެ. 

ވީ ކިހިނެއް؟ - ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް އިންޓަނޭޝަނަލް ކުރުމުގެ ވިސްނުން ހުރިނަމަވެސް، ސަރުކާރުން ބޭނުންވާ ނަމަ ރަނގަޅު ޑީލެއްގެ ތެރެއިން އެތަން ތަރައްގީކުރަން ސަރުކާރަށް ދޫކޮށްލަން ތައްޔާރަށް ހުންނެވި ކަމަށް ގާސިމް މީގެ ކުރިން އޮތީ ވިދާޅުވެފަ އެވެ.

ގދ. އަތޮޅަށް ރައީސް މުހައްމަދު މުއިއްޒު ވެފައިވާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވައުދު ފުއްދުމަށްޓަކައި ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް ނަގަން ބޭނުންވާތީ، ސަރުކާރުން ވަނީ ވިލާ ކުންފުންޏާ އެކު އެކަމުގެ މަޝްވަރާތައް ކޮށްފަ އެވެ. އެގޮތުން:

  • ވިލާއިން ހުށަހެޅީ ސަރުކާރަށް އެ އެއާޕޯޓު ދޭ ނަމަ ބަދަލެއްގެ ގޮތުގައި 21 މިލިއަން ޑޮލަރު ދޭން

  • އެކަމަކު ސަރުކާރުން ހުށަހެޅީ ބަދަލުގެ ގޮތުގައި 18 މިލިއަން ޑޮލަރު (277 މިލިއަން ރުފިޔާ) ނުވަތަ 18 މަސް ދުވަހަށް ޓެކްސް ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހަދައިދިނުމަށް

ތަފްސީލް - ސަރުކާރުން ހުށަހަޅާފައިވާ އެ ހުށަހެޅުންތަކުގެ ތެރެއިން ހުށަހެޅުމެއް ބަލައިގަނެ އެއާޕޯޓު ދޫކޮށްލަން އެއްބަސްވާކަން ގާސިމް ހާމަކުރެއްވީ ވިލާ ކުންފުންޏާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ރޭ 'އެކްސް'ގައި ހިއްސާކުރެއްވި ބަޔާނެއްގަ އެވެ. ނަމަވެސް، ކާޑެއްދޫ އެއާޕޯޓު ހޯދަން ސަރުކާރުން ދެ ހުށަހެޅުމެއް ވިލާއަށް ހުށަހަޅާފައި އޮތްއިރު، މީގެ ތެރެއިން ބަލައިގަތީ ކޮން ހުށަހެޅުމެއް ކަމެއް ގާސިމްގެ މި ބަޔާނުގައި ހާމަކުރައްވާފައެއް ނުވެ އެވެ.

މި ބަޔާނުގައި ވިދާޅުވީ ކުންފުންޏަށް ފައިދާވާނެ ގޮތަކަށް، ރަނގަޅު ޑީލަކާ އެކު އެއާޕޯޓު ސަރުކާރަށް ދޫކޮށްލުމަށް ހުށަހެޅީ އެތަން ހިންގުމުގައި މިހާތަނަށް ވިލާއާއިން ކޮށްފައިވާ މަސައްކަތްތަކާއި، އެތަން ތަރައްގީކުރަން ކޮށްފައިވާ އިންވެސްޓުމަންޓުތަކާ އެކިއެކި މަސައްކަތްތަކުގައި ހޭދަވި ހަރަދުތަކަށް ބަލާފަ އެވެ.

ބަޔާނުގައިވާ ގޮތުން:

  • އެއާޕޯޓު ސަރުކާރަށް ދޫކޮށްލެވޭނެ ގޮތަކަށް ވިލާއިން ހުށަހެޅުމެއް ހުށަހެޅީ ގދ. އަތޮޅަށް ވެވަޑައިގެންނެވި އެއާޕޯޓުގެ ވައުދު ފުއްދޭނީ ވީހާ ވެސް އަވަހަކަށް އެތަން ސަރުކާރަށް ލިބިގެން ކަމަށްވުމުން

  • އޮންނަ އުސޫލުގެ ދަށުން އެ ހުށަހެޅުމަށް ސަރުކާރުގެ ފަރާތުން ކައުންޓާ އޮފާގެ ދެ އޮޕްޝަނެއް ވިލާއަށް ހުށަހެޅި

  • ވިލާއިން ވަނީ ކައުންޓާ އޮފާ ގަބޫލުކޮށް ގާނޫނީ ގޮތުން އެ އެއްބަސްވުމަށް ރުހުން އޮތް ކަމަށް ބުނެފައި

ފަސްމަންޒަރު - ގދ. އަތޮޅުގެ ވެރިރަށް ތިނަދޫއާ އިންވެގެން އޮންނަ ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް ހިންގަން ހަވާލުކޮށްފައި އޮތީ ވިލާ ކުންފުންޏާ އެވެ. ނަމަވެސް އޭގެ އެއްވެސް ކަމެއް ނުކުރެވި، އެއާޕޯޓް ހަލާކުވަމުންދާތީ، އާންމުންގެ ކަންބޮޑުވުންތައް ވަނީ ގިނަވެފަ އެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ އެއް ރީޖަނަލް އެއާޕޯޓު ކަމަށްވާ ކާޑެއްދޫ ތަރައްގީކޮށް، ހިންގަން ވިލާ އެއާއަށް 50 އަހަރަށް އެންމެ ފުރަތަމަ ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2013ގަ އެވެ. އެ ކުންފުނިން ކާޑެއްދޫ އެއާޕޯޓް ހިންގަން ރަސްމީކޮށް ފެށީ ޖެނުއަރީ 2014ގަ އެވެ. ނަމަވެސް:

  • އެ ސަރުކާރުން 2017ގައި އެ އެއާޕޯޓުގެ އެއްބަސްވުން ބާތިލްކޮށް ސަރުކާރަށް ނެގި

  • މޭ 2021ގައި ސުޕްރީމް ކޯޓުން އެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށް ހުކުމްކުރި

  • ސުޕްރީމް ކޯޓުގެ ހުކުމާ އެކު ވިލާ އެއާއާ އަލުން އެ އެއާޕޯޓް ހަވާލުކުރި

ކޮމެންޓް (2)

ހުސެން ސައީދު

24 އޯގަސްޓު 2025
އޭނާއަށް ދިން 2 ފަޅުވެސް އަތުނުލާ އަދި 18 މިލިއަން ޑޮލަރު ދިނީމަ މި ދެން ރޯމާ ދުވާލު ވައްކަން ނޫން ކޮންކަމެއް؟
0 0

ޢައިޖޭ

24 އޯގަސްޓު 2025
2013 ގައި ޔާމިން ވެރިކަމިގައިތަ ނޫނީ ވަހީދު ވެރިކަނުގަިއ ތަ ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް