ކާޑެއްދޫ އެއާޕޯޓުގެ މައްސަލާގައި ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް މަޖިލިހުގެ އިގުތިސާދީ ކޮމިޓީގައި

ރަނގަޅު ޑީލެއްގެ ދަށުން ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް ދޫކޮށްލަން މިހުރީ ތައްޔާރަށް: ގާސިމް

ގާސިމް އިބްރާހިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓު ހިންގަނީ ގެއްލުމުގައި ކަމަށް؛ އެއާޕޯޓް ތަރައްގީކުރުން ލަސްވަނީ އެ ސަރަހައްދުގެ އެއާޕޯޓުތައް ތަރައްގީކުރަން ސަރުކާރުން ގެންގުޅޭ ވިސްނުން ސާފުނުވުމުން ކަމަށް ވެސް ވިދާޅުވި

ގދ. ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް އިންޓަނޭޝަނަލް ކުރުމުގެ ވިސްނުން އެބަހުރި ކަމަށާއި ނަމަވެސް ސަރުކާރުން ބޭނުންވާ ނަމަ ރަނގަޅު ޑީލެއްގެ ތެރެއިން އެތަން ތަރައްގީކުރަން ސަރުކާރަށް ދޫކޮށްލަން ތައްޔާރަށް ހުންނެވި ކަމަށް ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ގދ. އަތޮޅުގެ ވެރިރަށް ތިނަދޫއާ އިންވެގެން އޮންނަ ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް ހިންގަން ހަވާލުކޮށްފައި އޮތީ ވިލާ ކުންފުންޏާ އެވެ. ނަމަވެސް އޭގެ އެއްވެސް ކަމެއް ނުކުރެވި، އެއާޕޯޓް ހަލާކުވަމުންދާތީ، އާންމުންގެ ކަންބޮޑުވުންތައް ވަނީ ގިނަވެފަ އެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި ދިރާސާކުރަމުން އަންނަ މައްސަލާގައި އެ ކުންފުނީގެ ވެރިން ހާޒިރުކޮށް މިއަދު ސުވާލުކުރި އެވެ.

ބުނީ ކީކޭ؟ - މާމިނގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ގާސިމް މި ބައްދަލުވުމުގައި ވިދާޅުވީ ވިލާ ކުންފުނީގެ ވިސްނުން އޮތީ ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރުން ކަމަށެވެ. ނަމަވެސް އެކަން ލަސްވަމުންދަނީ ރާއްޖޭގެ ކްރެޑިޓް ރޭޝިއޯ އޮތް ގޮތާއި ވިލާ ކުންފުނީގެ ފައިނޭންޝަލް ހާލަތު ހުރި ގޮތުން އެފަދަ މަޝްރޫއުއަކަށް ފައިނޭންސްކުރުމުގައި ހުރި ދަތިތަކުގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.

"އެކަމަކު ސަރުކާރުން ވަކި ގޮތެއް ބޭނުންވެގެން ވިދާޅުވެއްޖެއްޔާ އަޅުގަނޑުމެން މިތިބީ، ރީޒަނަބަލް ކަަމަކަށް ވެއްޖެއްޔާ އަޅުގަނޑުމެންނަށް ވެސް ގެއްލުން ނުވާ ގޮތަކަށް އެތަން ދޫވެސް ކޮށްލާ ގޮތަށް. އަޅުގަނޑުމެން ދަޖަލު ކުރުމެއް ވެސް ނެތް އިނގޭތޯ،" ގާސިމް ވިދާޅުވި އެވެ.

ކާޑެއްދޫ އިންޓަނޭޝަނަލް ކުރުމުގެ ޝައުގުވެރިކަން ހުރި ކަމަށް ރައީސް މުހައްމަދު މުއިއްޒު މީގެ ކުރިން ގާސިމް އަރިހު ވިދާޅުވެފައިވާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ގާސިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓުގެ ބައެއް ކަހަލަ ކަންކަން އަބަދުވެސް ތަރައްގީކުރަން ޖެހޭކަން ގަބޫލުކުރައްވާ ކަމަށާއި އެކަމަކު ތަނެއް ތަރައްގީކުރަން ބަލާއިރު އެތަނަކަށް ލިބޭ އެއްޗަކުން އެކަން ކުރެވޭނެތޯ ވެސް ބަލަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ:

  • ކާޑެއްދޫ އެއާޕޯޓު ހިންގަނީ ގެއްލުމުގައި. ލިބެނީ ވަރަށް ކުޑަ އެއްޗެއް

  • ލިބޭ އެއްޗެއްގެ ވެސް ދެބައިކުޅަ އެއްބައި ހުރީ ޕެންޑިންގައި. އެހެންވެ ކޮންމެ އަހަރަކު ވެސް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އިތުރަށް ހަރަދުކުރަން ޖެހޭ

ކާޑެއްދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ލަސްވެފައިވަނީ ސަރުކާރުތަކުގެ ސަބަބުން ކަމަށާއި ތިން މަސް ތެރޭ އެ މަސައްކަތް ފަށާނެ ކަމަށް މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ގާސިމް އޮތީ ވިދާޅުވެފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި ވެސް ގާސިމް ވިދާޅުވީ އެތަން އިންޓަނޭޝަނަލް ކުރުމުގެ މަސައްކަތް ލަސްވަނީ ސަރުކާރުތަކުން އެތަނުގެ 'ޕްލޭނާ ކުޅޭވަރުން' ކަމަށެވެ.

ކާޑެއްދޫ އެއާޕޯޓުގެ މައްސަލައާ ގުޅޭ ގޮތުން ވިލާ އެއާގެ ބޭފުޅުންނާ އެކު ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ބޭއްވި ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/މަޖިލިސް)

މި ބައްދަލުވުމުގައި ވިލާ އެއާގެ ފަރާތުން ވާހަކަދެއްކެވި އެހެން ބޭފުޅަކު ފާހަގަކުރެއްވި ގޮތުގައި ކާޑެއްދޫ އެއާޕޯޓު ތަރައްގީކުރުން މަޑުޖެހިފައި އޮންނަ މައިގަނޑު އެއް ސަބަބަކީ ކާޑެއްދުއާ އިންވެގެން އޮންނަ ތިނަދޫގައި އަދި ގއ. ވިލިނގިލީގައި ވެސް އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމުގެ ވިސްނުން ސަރުކާރުން ގެންގުޅުމާއި އެކަމާ މެދު މިހާތަަނަށް ވަކި ގޮތެއް ނިންމިފައި ނެތުމުންނެވެ.

ކައިރި ކައިރީގައި ދެ އެއާޕޯޓު އޮތުމަކީ އިގްތިސޯދީ ގޮތުން ފައިދާ ހުރި ގޮތެއް ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ.

ވިލާ އެއާއިން ބުނި ގޮތުގައި:

  • ދެ ޕާޓީއަކާ އެކު އެއާޕޯޓު ތަރައްގީކުރަން އެމްއޯޔޫގައި ސޮއިކޮށްފައި ވަނިކޮށް ތިނަދު އާއި ވިލިނގިލީގައި އެއާޕޯޓެއް އަޅަން ރައީސް އިއުލާން ކުރެއްވުމުން އިންވެސްޓަރުގެ ކޮންފިޑެންސް ގެއްލުނު

  • އެ ސަރަހައްދުގައި އެއާޕޯޓު ތަރައްގީކުރަން ސަރުކާރުން ގެންގުޅޭ މާސްޓާ ޕްލޭންއާ މެދު ސުވާލު އުފެދުނު 

  • އެހާ ކައިރިކައިރީގައި ދުނިޔޭގެ އެއްވެސް ތަނެއްގައި އެއާޕޯޓެއް ތަރައްގީއެއް ނުކުރާނެ

ފަސްމަންޒަރު - ރާއްޖޭގެ އެންމެ ދުވަސްވީ އެއް ރީޖަނަލް އެއާޕޯޓު ކަމަށްވާ ކާޑެއްދޫ ތަރައްގީކޮށް، ހިންގަން ވިލާ އެއާއަށް 50 އަހަރަށް އެންމެ ފުރަތަމަ ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2013ގަ އެވެ. އެ ކުންފުނިން ކާޑެއްދޫ އެއާޕޯޓް ހިންގަން ރަސްމީކޮށް ފެށީ ޖެނުއަރީ 2014ގަ އެވެ. ނަމަވެސް:

  • އެ ސަރުކާރުން 2017ގައި އެ އެއާޕޯޓުގެ އެއްބަސްވުން ބާތިލްކޮށް ސަރުކާރަށް ނެގި

  • މޭ 2021ގައި ސުޕްރީމް ކޯޓުން އެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށް ހުކުމްކުރި

  • ސުޕްރީމް ކޯޓުގެ ހުކުމާ އެކު ވިލާ އެއާއާ އަލުން އެ އެއާޕޯޓް ހަވާލުކުރި

އިތުރު އާޓިކަލް

އިތުރު އާޓިކަލް