މިދިޔަ ހޯމަ ދުވަހު މުއިއްޒު، ތިނަދޫއަށް ވަޑައިގެންނެވި ދަތުރުގައި އެރަށު ރައްޔިތުން މަރުހަބާ ކިޔާއިރު، އަރިހުގައި ގދ. އަތޮޅު ރައީސް ފައިހަތު ގުދުރަތުﷲ: މުއިއްޒު ވިދާޅުވީ، ކާނޑެއްދޫ އާއި ތިނަދޫ ބުރިޖަކުން ގުޅާލާނެ ކަމަށް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ކާޑެއްދޫ-ތިނަދޫ ބުރިޖަކުން ގުޅާލަން މުއިއްޒު ވައުދުވެއްޖެ

އޭނާ ވެވަޑައިގެންނެވި ވައުދު ތިނަދޫގެ ބައެއް މީހުންނަށް އޮޅުނ އަރާފައިވާތީވެ މުއިއްޒު ވަނީ އެ ވާހަކަ އިތުރަށް ތަފްސީލުކޮށްދެއްވާފައި

ގދ. ކާނޑެއްދޫ އެއާޕޯޓް އިންޓަނޭޝަލްކޮށް ގދ. ތިނަދުއާ ބުރިޖަކުން ގުޅުވާލާނެ ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވައުދުވެވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - މުއިއްޒު ހުވަދޫއަށް ކުރެއްވި ދަތުރުގައި މިދިޔަ ހޯމަ ދުވަހު ގއ. ވިލިނގިއްޔަށް ވަޑައިގެން އެރަށުގައި އިންޓަނޭޝަލް އެއާޕޯޓަކަށް ހަދަން ވައުދުވުމާއެކު ތިނަދޫގެ ރައްޔިތުންގެ މެދުގައި ހިތްހަމަނުޖެހުން އުފެދިފައިވާ މި ދަނޑިވަޅުގައި، އޭނާ ދެއްކި ވާހަކަ 'އޮޅުން އަރާފައިވާތީ' އެކަން ރޭ ރ. ދުވާފަރުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވަނީ ތަފްސީލުކޮށްދެއްވައިފަ އެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑު ދެންނެވީ، ހުވަދު އަތޮޅަކީ މުޅި ދުނިޔެއަށް ބަލާއިރުވެސް އެންމެ ބޮޑު އަތޮޅު. އިދާރީ ގޮތުން ދެބަޔަކަށް ބެހިފަ މިއޮތީ، އުތުރު ބުރި އާއި ދެކުނު ބުރި. އަޅުގަނޑު އިއުލާން ކުރިން 10،000 އެނދުގެ ޓޫރިޒަމް ޕްރޮޖެކްޓެއް، ހުވަދު އަތޮޅަށް. އެވައުގެ ޕްރޮޖެކްޓެއް ކުރިއަށްދާން ދެ އިންޓަނޭޝަން އެއާޕޯޓު ބޭނުން ވާނެ ހުވަދު އަތޮޅަށް،" އެ ވާހަކަ އިތުރަށް ތަފްސީލުކޮށްދެއްވަމުން މުއިއްޒު ވިދާޅުވި އެެވެ.

"އެހެންވީމައި ކާޑެއްދޫގައި އޮންނާނީ، އިންޓަނޭޝަލް އެއާޕޯޓެއް. އެ އެއާޕޯޓާއި ތިނަދޫއާ އެއްގަމު މަގުން ގުޅުވާލެވޭ ކޯސްވޭ ބުރިޖެއް އިރާދަކުރެއްވިއްޔާ ގާއިމް ކުރެވިގެންދާނެ."

އިދިކޮޅު ރިޔާސީ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒު ރ.ދުވާފަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ ޕީޕީއެމް)

ތަފްސީލު - މުއިއްޒު ވިދާޅުވީ، ގއ. އަދި ގދ. ގައި ގާއިމް ކުރާ އިންޓަނޭޝަނަލް ދެ އެއާޕޯޓަކީ ދެލެވެލްގެ ދެ އެއާޕޯޓެއް ނޫން ކަމަށާއި އެއީ އެއް ފެންވަރަކަށް ހަދާ ބައިނަލުގުވާމީ ފެންވަރުގެ ދެ އެއާޕޯޓެވެ.

"ދެ އެއާޕޯޓަކީ ވެސް، މި ދެންނެވިހާ އެނދުތައް ތައާރަފުކޮށްގެން ގެންދަންޏާ ޒަރޫރީ ކަމެއް. ކާނޑެއްދޫގެ އެއާޕޯޓަކީ ސާފުކޮށް މި ދެންނެވީ، އިންޓަނޭޝަލް އެއާޕޯޓެއް،" ވިލިނގިލީގައި ދެއްކެވި ވާހަކަތަކަށް ތިނަދޫ ރައްޔިތުން އޮޅުން އަރާފައިވާ ކަމަށް ފާހަގަކޮށް މުއިއްޒު ވިދާޅުވި އެވެ.

ރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ (ފޮޓޯ/ ޕީޕީއެމް)

ރޭގެ ޖަލްސާގައި މުއިއްޒު ވަނީ ތިނަދޫއަށް ވެވަޑައިގެންވި ބައެއް ވައުދުތަ އްވެސް އިތުރަށް ތަފްސީލުކޮށްދެއްވާފަ އެވެ. އެގޮތުން ވިދާޅުވީ:

  • ގާނޫނަށް ބަދަލު ގެނެސް، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުން

  • އެ ދަރަޖަ ދޭއިރު، ސިޓީއެއްގައި ހުންނަ ޖެހޭ ހުރިހާ ހިދުމަތެއް ގާއިމްކުރެވިދާނެ؛ އޭގެ ތެރޭގައި، ހުރިހާ މަގެއް ހެދުމާއި ޓާޝަރީ ހޮސްޕިޓަލެއް

ފާހަގަކޮށްލެވޭ ކަމެއް - ކާނޑެއްދޫ އެއާޕޯޓް ވިލާ ކުންފުންޏާ ހަވާލުކޮށްފައި އޮތީ ވެސް، އިންޓަނޭޝަލް ފެންވަރަށް ތަރައްގީ ކުރުމަށެވެ. ތިނަދޫގައި ބޭއްވި ޖަލްސާގައި ވެސް އެ އެއާޕޯޓް އިތުރަށް ތަރައްގީ ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް ވިލިނގިލީގައި ބޭއްވި ޖަލްސާގައި އެ އެއާޕޯޓް ތަރައްގީ ކުރާނީ، އިންޓަނޭޝަލް ފެންވަރަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް