ގއ. ވިލިނގިލީގައި މިރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ (ފޮޓޯ/ ޕީޕިއެމް)
މުއިއްޒުގެ ވައުދު: އިންޓަގްރޭޓެޑް ޓޫރިޒަމްއާ އެކު ވިލިނގިލިގިއްޔަށް އިންޓަނޭޝަލް އެއާޕޯޓެއް
ގއ. ވިލިނގިލީގެ އުތުރުން އޮންނަ އެކެފަރުގައި އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓަކާ އެކު އެ ސަރަހައްދުގައި އިންޓަނޭޝަލް އެއާޕޯޓެއް ތަރައްގީ ކުރާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވައުދުވެވަޑައިފި އެވެ.
ވީ ކިހިނެއް؟ - މުއިއްޒު މި ވައުދު ވެވައިގަތީ އަންނަ މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް މިއަދު އެ ރަށަށް ވަޑައިގެން، މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
-
އިތުރަށް ކިޔާލަން: ވިލިނގިލީގެ އިދިކޮޅު ސަޕޯޓަރުން: 'މަންޒަރު ސާފު؛ މިކަން ނިމިއްޖެ'
ބުނީ ކީކޭ؟ - "ގއ. އަތޮޅުގައި އިންޓަނޭޝަލް އެއާޕޯޓެއް އޮތުމަކީ ކޮންމެހެން މުހިންމުކަމެއް. އެހެންވީމާ އަޅުގަނޑުމެންގެ ތަރައްގީގެ ޕްލޭގައި އެކަން އޮތް ގޮތަކީ، މިހާރު ކޫއްޑޫގައި އޮތް އެއާޕޯޓަކީ ޓްރޭނިން އެއާޕޯޓަކަށް ބަދަލުކޮށް، ވިލިނގިލީ ކައިރީ އޮތް ފަރު، އެކެފަރު ހިމެނޭ ގޮތަށް ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރުން،" ހުވަދުއަކީ ޓޫރިޒަމް ހަބަކަށް ހެއްދެވުމަށް މުއިއްޒު ގެންގުޅުއްވާ ތަސައްވުރަށް އެއީ މުހިންމު ކަމެއްކަން ކުރައްވައި، އޭނާ ވިދާޅުވި އެވެ.
"އަދި އެއެއާޕޯޓާ އެކު އިންޓަގްރޭޓެޑް ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް މި ފަރުގައި ހިންގުން."
ތަފްސީލު - މިހާރު ވެސް ވިލިނގިލިން ފުރައިގެން 10 ވަރަކަށް މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓެއް އެ ރަށާ ޖެހިގެން އޮންނަ ކޫއްޑޫގައި އޮވެ އެވެ. ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ބައިނަލްއަގުވާމީ އެއާޕޯޓެއް ވިލިނގިލީގައި އެޅިޔަސް، ކޫއްޑޫ އެއާޕޯޓް ބޭކާރު ނުވާނެ ކަމަށެވެ. އަދި ކޫއްޑޫ އެއާޕޯޓު ވެސް ތަމްރީންތަކުގައި ބޭނުން ކުރެވޭނެ ފަދަ އެއާޕޯޓެއްގެ ގޮތުގައި ބޭނުންކުރެވިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރޭ ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އޭނާގެ ވިސްނުމަކީ 10،000 އެނދާ އެކު ހުވަދު އަތޮޅަކީ ޓޫރިޒަމްގެ ހަބެއްގެ ގޮތުގައި ތަރައްގީކޮށްދެއްވުމެވެ. އެ ތަސަވުރަށް އިޝާރާތްކޮށް، މުއިއްޒު ވިދާޅުވީ ގއ. އަދި ގދ.ގައި ވެސް އިންޓަނޭޝަނަލް އެއާޕޯޓެއް އޮތުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކެވަޑައިގެންނަވާ ކަމަށެވެ. އެގޮތުން:
-
ގދ. ކާނޑެއްދޫގައި އޮތް އެއާޕޯޓް ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީ ކުރެވޭނެ
-
މި ދެ އަތޮޅުގައި ބައިނަލްއަގުވާމީ އެއާޕޯޓެއް އޮތުން ކޮންމެހެ ވެސް ބޭނުންތެރި
-
އެއާއެކު 10،000 އެނދު ގާއިމުކުރެވި މި ދެ އަތޮޅު އެކީގައި ވަރަށް ބޮޑަށް ކުރިއަރާ ދާނެ
"މިއީ ހަމަ މިހެން ދައްކާ ވާހަކައެއް ނޫން. މީގެ މާޒީއަށްދާ އިރު، [ކުރީގެ] ރައީސް ޔާމީން އެކަން ކުރެވޭނެ ގޮތްވެސް ކަނޑައެޅުއްވި. އެހެން ނަަމަވެސް ވެރިކަން ބަދަލުވެގެން އައިމާ އެކަން އޮތީ ނުވެފައި،" ޔާމީންގެ ތާއީދާ އެކު އިންތިހާބަށް ނުކުމެވަޑައިގެން ހުންނެވި މުއިއްޒު ވިދާޅުވި އެވެ.
"ހަމަ ޔަގީން ކަމާ އެކު މި ދަންނަވަނީ. ހަމަ ޔަގީންކަމާ އެކު މި ދަންނަވަނީ، އެކަން ކޮށްދޭނަން ތިބޭފުޅުންނަށް."
ގއ. އަތޮޅުގެ ބައިނަލްއަގުވާމީ އެއާޕޯޓް ތަރައްގީ ކުރާ އިރު، ކޮންމެ ވެސް ވަރަކަށް ބިން ހިއްކާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެ ބިން ހިއްކާ އިރު، ވިލިނގިޔަށް ބޭނުންވާ ބިން ވެސް އިތުރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބިން އިތުރުވެގެން ދިޔުމުން، ތިޔަ ބޭފުޅުންނަށް ގެދޮރުވެރިކަމާއި ކުޅިވަރު ކޮމްޕްލެކްސްއެއް ގާއިމްކުރުމާއި ދެން މިހެން ގޮސް ހުރި ހުރިހާ ކަމެއް ކުރުމަށް [ވިލިނގިޔަށް] ބިން ބޭނުންވޭ އެބަ،" މުއިއްޒު ވިދާޅުވި އެވެ.
ވިލިނގިޔައް މުއިއްޒު ވެވަޑައިގެންވި ބައެއް އެހެން ވައުދުތައް:
-
ޔުނިވާސިޓީގެ ކެމްޕަަސްއަކާ އެކު ދަރިވަރުން ދިރިއުޅެން ދަނާލެއް
-
ފީނުމުގެ ތެރޭގައި ދިމާވާ ކަންކަމަށް ފަރުވާ ދޭ ޑީކޮމްޕްރެޝަން ޗެންބާ ގާއިމް ކުރަން
ފާހަގަކޮށްލެވޭ ކަމެއް - މިއަދު ގއ. ކޮލަމާފުއްޓަށް ވަޑައިގެން ވެސް މުއިއްޒު ވަނީ އެރަށް ކައިރީ އިންޓަގްރޭޓެޑް ޓުއަރިޒަމް މަޝްރޫއުއެއް ގެންނަނާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.