ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ގއ. ވިލިނގިއްޔަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުން މަރުހަބާ ކިޔަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ވިލިނގިލީގެ އިދިކޮޅު ސަޕޯޓަރުން: 'މަންޒަރު ސާފު؛ މިކަން ނިމިއްޖެ'
ގއ. ވިލިނގިލި - "މިކަން ނިމެއްޖެ، ނިމެއްޖެ. މި ވެރިކަން އަހަރެމެން ނިންމާނަން،" އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މި ރަށަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ގޮސް ތިބި ޒުވާނުން އެއް އަޑަކުން ގޮވަމުން ދިޔަ އެވެ.
ރަށުގައި ދިރިއުޅޭ 3،000އެއްހާ މީހުންގެ އާބާދީއެއް އޮންނަ މި ރަށަށް މުއިއްޒު މިއަދު އިރުއޮއްސެމުން ދިޔަ ވަގުތު ވަޑައިގެންނެވި އިރު، ޕީޕީއެމް-ޕީއެންސީއަށް ތާއީދުކުރާ ގިނަ ބަޔަކު ފިޔާތޮށި ކުލައިން ޖަރީވެގެން ގޮސް ތިއްބެވެ. އަދި ބަނދަރު ސަރަހައްދަށް އެއްވެފައި ތިބި 400 ވަރަކަށް މީހުންނާ ސަލާމް ކުރައްވަން މުއިއްޒު ބައި ގަޑިއެއްހާއިރު ހޭދަކުރެއްވި އެވެ.
"މި ތަނުގައި ނުހުންނާނެ ރަށުން ބޭރުން ފައިސާ ހަރަދުކޮށްގެން އަދި ބިރު ދައްކައިގެން ގެނައި އެކަކު ވެސް،" މުއިއްޒު މީހުންނާ ސަލާމްކުރައްވަމުން ދިޔައިރު، ވިލިނގިލީ ކައުންސިލްގެ ޕީޕިއެމް މެންބަރުން އިބްރާހިމް ރަޝީދު މައިކުން ގޮވަމުން ގެންދެވި އެވެ.
"މަންޒަރު މި އޮތީ ވަރަށް ސާފުކޮށް. މިކަން ނިމެއްޖެ، ހަމަ ރަނގަޅަށް ވެސް ނިމިެއްޖެ."
ސަފުގައި ތިބި އެހެން މީހުން ވެސް އެއް އަޑަކުން އެހެން ގޮވަމުން ދިޔަ އެވެ. މުއިއްޒު ހުވަދުއަށް ކުރައްވާ ދަތުރުގައި އެހެން ރަށްރަށުން ނުފެންނަހާ ފޯރި އާއި ޖޯޝު މި ރަށުން ފެނުނެވެ.
"ބަދަލަކަށް ބޭނުންފައިވާ މަންޒަރު މި ފެންނަނީ. [ރައީސް] އިބްރާހިމް މުހައްމަދު ސޯލިހްގެ އަނިޔާވެރިކަމާއި ނާގާބިލުކަން އަހަރެމެންނަށް އެނގިއްޖެ. މި ރަށަށް ވީ އެއްވެސް ވައުދެއް ނުފުއްދާ. އެހެންވީމާ، އަހަރެމެން ބޭނުމެއް ނޫން ދެ ވަނަ ދައުރަކަށް އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބު ކުރާކަށް،" މުއިއްޒަށް މަރުހަބާ ކިޔަން ގޮސް ހުރި، ނާސިރު ނަމަކަށް ކިޔާ މީހަކު ބުންޏެވެ.
ރައީސް ސޯލިހް 2018ގެ ކެމްޕެއިންގައި މި ރަށަށް ވަޑައިގެން، ވެވަޑައިގެންނެވި އެންމެ މުހިންމު ވައުދަކީ ކައިރީގައި އޮތް ކޫއްޑޫ އާއި ވިލިނގިލި ބުރިޖަކުން ގުޅުވާލުމެވެ. ނަމަވެސް، ފަސް އަހަރު ވެގެން ދިޔައިރު، ދިރާސާ ކުރުމަށް ބަޖެޓުގައި ފައިސާގެ އަދަދުތަކެއް ޖެހުން ފިޔަވައި އަމަލީ މަސައްކަތެއް ނުފެށެ އެވެ. މި ފަހަރުގެ ކެމްޕެއިނަށް ވަޑައިގެން ރައީސް ސޯލިހް އެދިވަޑައިގެންނެވީ، އެ މަޝްރޫއުއާ މެދު ރަށުގެ ރައްޔިތުން އިތުރަށް ވިސްނުމަށެވެ. އެއަށް ވުރެ މުހިންމު ތަރައްގީގެ މަޝްރޫއޫތައް މި ރަށަށް ޕްލޭން ކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"2018ގެ އިންތިހާބުގައި ޕީޕީއެމްއަށް މެޖޯރިޓީ ނުލިބުނަސް، އިރާދަކުރެއްވިއްޔާ މި ފަހަރުގެ އިންތިހާބުގައި ބޮޑުތަނުން ވިލިނގިލިން ޕީޕީއެމް ކުރި ހޯދާނެ،" މި ރަށުގެ ޕީޕީއެމްގެ އިސް މެންބަރެއް ކަމަށްވާ އަލީ ޝަމީމް ބުންޏެވެ.
ވެރިކަމުގެ ދެވަނަ ދައުރަކަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް ސޯލިހް 2018ގެ ރިޔާސީ އިންތިހާބުގައި މި ރަށުން މެޖޯރިޓީ ހޯއްދެވި އެވެ. އެ މަނިކުފާނަށް %58 ލިބިވަޑައިގެންނެވި އިރު، ވެރިކަމުގެ ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވި އޭރުގެ ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވީ %41 ވޯޓެވެ. ނަމަވެސް، ޕީޕީއެމްގެ ސަޕޯޓަރުން ބުނި ގޮތުގައި، މިފަހަރު ފެންނަ މަންޒަރު ތަފާތުވާނެ އެވެ.
ދައުލަތުގެ ހުރިހާ ބާރެއް އަތްޕުޅުގައި އޮވެ، ދެ ވަނަ ދައުރަކަށް ކެމްޕެއިން ކުރެއްވުމަށް ޔާމީން 2018ގައި މި ރަށް ވަޑައިގެންނެވި އިރު، އޭރު ވެސް މި މަންޒަރުތައް ރަށުގައި ހުރެގެން ބަލާލުމުގެ ފުރުސަތު ލިބުނެވެ. ޔާމީންގެ ތާއީދާ އެކު ރިޔާސީ ރޭހަށް ނުކުމެވަޑައިގެން ހުންނެވި މުއިއްޒަށް މިއަދު މި ރަށުން ކީ މަރުހަބާ އަކީ އޭރު ޔާމީނަށް ކީ މަރުހަބާއަށް ވުރެ ހޫނު މަރުހަބާ އެކެވެ.
"މިކަން ނިމެއްޖެ، މިކަން ނިމިއްޖެ،" ވިލިނގިލީ ޖެޓީން ފެށިގެން އެ ސަރަހައްދާ އެތައް ފޫޓެއް ދުރުގައި ހުންނަ އަތޮޅުގެއާ ހަމައަށް ދަމާލާފައި އޮތް ލައިންގެ އެންމެ ފަހަތުގައި ހުރި، ރަމީޒު ނަމަކަށް ކިޔާ މީހަކު ބުންޏެވެ.
ކޮމެންޓް (1)
ތެފައާސާ.