ވިލިނގިލީގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ކެމްޕޭނު ޓީމް)

ގއ. ވިލިނގިލި

ވިލިނގިލި-ކޫއްޑޫ ބްރިޖު އެޅުމާ މެދު އަލުން ވިސްނާލަން ރައީސް އެދިވަޑައިގެންފި

ރައީސް ވިދާޅުވީ ބްރިޖު އެޅުމާ މެދު ގޮތެއް ނިންމާނީ ވިލިނގިލީ ރައްޔިތުންނާ މަޝްވަރާ ކުރުމަށް ފަހު ކަމަށް

ގއ.ވިލިނގިއްޔާއި އެ ރަށާ ކައިރީ އޮންނަ ކޫއްޑޫ ގުޅާލުމަށް އަޅާ ބްރިޖް ޕްރޮޖެކްޓާ މެދު އަލުން ވިސްނާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިލިނގިލި ރައްޔިތުންގެ ކިބައިން މިރޭ އެދިވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ވިލިނގިއްޔަށް ވަޑައިގެން އެ ރަށުގައި ތިބި ސަޕޯޓަރުންނާ އެކު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު  ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކޫއްޑު އާއި ވިލިނގިލި ގުޅާލުމަކީ ބުރަ އަދި ބޮޑު މަސައްކަތެއް ކަމަށެވެ. އެ މަސައްކަތުގެ ދިރާސާ ނިމިފައިވާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

ވިލިނގިލީގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ (ފޮޓޯ/ކެމްޕޭނު ޓީމް)

ބުނީީ ކީކޭ؟ - ކޫއްޑު އާއި ވިލިނގިލި ގުޅާލުމަކީ ވިލިނގިލީ ރައްޔިތުން ވަރަށް ބޭނުންވާ ކަމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ މަޝްރޫއު މަޑުޖެހުނީ ކޮވިޑުގެ ބަލިމަޑުކަމާ ހުރެ ކަމަށެވެ.

"އެެހެންނަމަވެސް އެ މަޝްރޫއުގެ ދިރާސާ ނިމި ކުރިއަށް ދިޔުމުގެ މަރުހަލާގައި މިހާރު އޮތީ. އެކަމަކު އަޅުގަނޑު ތި ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، އަދި ހިންގަވާށޭ މިއާ ދޭތެރޭ ވިސްނާލަން. މިއަށް ވުރެ ރަނގަޅަށް މުޅި ވިލިނގިއްޔަށް ތަރައްގީ ގެނެވޭނެ ޕްރޮޖެކްޓުތަކެއް، ޕްރޮޕޯސަލްތަކެއް އަޅުގަނޑުމެންގެ އަތުގައި އެބަހުރި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބްރިޖު އެޅުމާ މެދު ގޮތެއް ނިންމާނީ ވިލިނގިލީ ރައްޔިތުންނާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

"އެކަމަށް ދާނީތޯ. ނޫނީ އަޅުގަނޑުމެންގެ ކުރިމަތީގައި މި ހުރި ޕްރޮޕޯސަލްތަކައިގެން ކުރިއަށް ދާނީތޯ، މިއީ މިއަދު އަޅުގަނޑުމެން ވިސްނާލާފައި ގޮތެއް ނިންމަން ޖެހޭ ކަމެއް."

ވިލިނގިލީ ރައްޔިތުންނާ އެކު ވަރަށް އަވަހަށް އެކަމާ މަޝްވަރާކޮށް ގޮތެއް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެނގުން މުހިންމު - ވިލިނގިއްޔާއި ކޫއްޑޫ ގުޅާލާ ބްރިޖު އެޅުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް މިހާތަނަށް އެ މަޝްރޫއު ކުރިއަށް ނުގޮސް އޮތީ މަޑުޖެހިފަ އެވެ. އެގޮތުން:  

  • އެ މަޝްރޫއުގެ ސާވޭ އާއި އެހެނިހެން ދިރާސާތަކަށް ބޭނުންވާ 1 މިލިއަން ރުފިޔާ 2020ގެ ބަޖެޓުގައި ހިމަނާފައިވޭ

  • އެ އަދަދު ވަނީ ފަހުން 2021ގެ ބަޖެޓަށް ބަދަލުކޮށްފައި؛ ނަމަވެސް، މިހާތަނަށް ސާވޭއާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވޭ

  • އެއަށް ފަހު ސަރުކާރުން ބުނީ އެ މަޝްރޫއު ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުން ކުރިއަށް ގެންދަން މަސައްކަތް ކުރަމުން އަންނަ ކަމަށް

  • މިދިޔަ އަހަރު ވެސް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވޭ

  • ބްރިޖުގެ މަސައްކަތް ނުފެށި ލަސްވަމުން ދާތީ ވިލިނގިލީ ކައުންސިލުން މިދިޔަ އޮކްޓޯބަރުގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

ވިލިނގިއްޔަށް އިތުރު ވައުދު

ކެމްޕޭނު ތެރޭގައި ވަޑައިގަންނަވާ ރަށްރަށަށް ކުރިއަށް އޮތް ދައުރުގައި އިންތިހާބުވެއްޖެ ނަމަ ކޮށްދެއްވާނެ ކަންތައް ރައީސް ގެންދަވަނީ ވިދާޅުވަމުންނެވެ. އެގޮތުން ވިލިނގިއްޔަށް މިހާރު ވެސް މި ދައުރުގެ ތެރޭ ބަޖެޓުން 202 މިލިއަން ރުފިޔާ ހަރަދުކުރެވިއްޖެ ކަމަށާއި އަދިވެސް އިތުރު މަޝްރޫއުތައް އެ ރަށުގައި ހިންގަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަންނަ ދައުރުގައި ވިލިނގިއްޔަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަންތައް

  • އިތުރު 100 ހައުސިން ޔުނިޓު

  • އިތުރަށް ބިން ހިއްކުމާއި ހިއްކާ ބިމުގައި އިތުރު މަޝްރޫއުތައް ހިންގާނެ

  • ދޮރަގައްލާފަރު ޕިކްނިކް އައިލެންޑަކަށް ބަދަލުކުރާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް