ވިލާ ގްރޫޕުގެ ޗެއާމަން ގާސިމް އިބްރާހިމް: ރަނގަޅު ޑީލެއް ލިބިއްޖެ ނަމަ ކާޑެއްދޫ އެއާޕޯޓު ދޫކޮށްލަން އޭނާ ހުންނެވީ ތައްޔާރަށް. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ކާޑެއްދޫ އެއާޕޯޓު ހޯދަން 2 ގޮތެއް: ވިލާއަށް 18 މަހުގެ ޓެކްސް ލުޔެއް ނުވަތަ 18 މިލިއަން ޑޮލަރު

ގދ. ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް ހިންގަން ވިލާ އެއާއާ ހަވާލުކުރި ނަމަވެސް އެއްވެސް ކަމެއް ނުކުރެވި، އެއާޕޯޓް ހަލާކުވަމުންދާތީ، އާންމުންގެ ކަންބޮޑުވުންތައް ވަނީ ގިނަވެފައި

ގދ. ކާޑެއްދޫ އެއާޕޯޓް އަނބުރާ ހޯދަން ސަރުކާރުން ވިލާ އެއާއަށް 18 މިލިއަން ޑޮލަރު (277 މިލިއަން ރުފިޔާ) ދެއްކުމަށް ނުވަތަ ވިލާ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާއިން 18 މަސް ދުވަހުގެ އެޖަސްޓްމަންޓެއް ހެދުމަށް ރައީސް އޮފީހުން ހުށަހަޅައިފި އެެވެ.

ވީ ކިހިނެއް؟ - ގދ. އަތޮޅުގެ ވެރިރަށް ތިނަދޫއާ އިންވެގެން އޮންނަ ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް ހިންގަން ހަވާލުކޮށްފައި އޮތީ ވިލާ ކުންފުންޏާ އެވެ. ނަމަވެސް އޭގެ އެއްވެސް ކަމެއް ނުކުރެވި، އެއާޕޯޓް ހަލާކުވަމުންދާތީ، އާންމުންގެ ކަންބޮޑުވުންތައް ވަނީ ގިނަވެފަ އެވެ.

ރޭ ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ކާޑެއްދޫ އެއާޕޯޓާ ގުޅުވައިގެން ވިލާ ކުންފުންޏަށް ތުހުމަތުތަކެއް ކުރައްވާފަ އެވެ.

ޔާމީން ވިދާޅުވި ގޮތުގައި ކޮންމެ ސަރުކާރެއް އަޔަސް، ކާޑެއްދޫ އެއާޕޯޓަކީ ވިލާގެ ޗެއާމަން އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށް "ތަރިކަ މުދާގަނޑެއް" ގޮތަށް ދީފައި އޮންނަ ފަދަ ތަނެކެވެ.

"[ގާސިމް] އެދިވަޑައިގަންނަވައިގެން ކޮންމެ ސަރުކާރަކުން ކާޑެއްދޫ އެއާޕޯޓު ގާސިމަށް ދެނީ. މިއަދު ކިހިނެއްތޯ މިވީ؟ ހިންގަން އުޅެއުޅެ ނުހިންގިގެން އެންމެ ފަހުން ސަރުކާރު ބޮލުގައި އަޅަން ޖެހުނީ،" ގާސިމް ވިދާޅުވި އެވެ.

"ތިރީސް މިލިއަން ޑޮލަރު. ކުޑަ އަދަދެއް ނޫން. ދައްކަން ހުރި ޓެކްސް ފައިސާ މައާފުކޮށްފައި ސަރުކާރުން އެ އެއާޕޯޓު ނެގީ. ކޮން ކަހަލަ ލަދު ހުތުރު ކަންތައްތޯ މިއީ؟"

ރޭ 'ވޭކް އަޕް'ގެ ނަމުގައި އާޓިފިޝަލް ބީޗްގައި ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ޔާމީން ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ތަފްސީލް - ނަމަވެސް ގާސިމް މިރޭ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ޔާމީންގެ ވާހަކަތަކަށް ވަނީ ރައްދު ދެއްވާފަ އެވެ.

އެ ތުހުމަތުތައް ދޮގުކުރައްވައި ގާސިމް ވަނީ ރައީސް އޮފީހުން މިދިޔަ އަންގާރަ ދުވަހު ވިލާ އެއާގެ ޗެއާމަން އަދި ގާސިމްގެ ދަރިކަލުން ސިޔާދު ގާސިމަށް އެޑްރެސްކޮށް ފޮނުވި ސިޓީއެއް އާއްމުކުރައްވައިފަ އެވެ.

އެ ސިޓީގައި ބަޔާންކޮށްފައިވަނީ 14 އޮގަސްޓުގައި ބޭއްވި އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމުގައި މަޝްވަރާކޮށް، ކާޑެއްދޫ އެއާޕޯޓު ސަރުކާރާ ހަވާލުކުރަން ވިލާ އެއާއަށް ހުށަހަޅާ ދެ ގޮތެކެވެ.

އެ ސިޓީގައިވާ ގޮތުން:

  • އެ އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުވާނެ ކަމަށް އާންސްޓް އެންޑް ޔަންގުން ލަފާކުރީ 100 މިލިއަން ޑޮލަރު

  • ވިލާއިން އެދެނީ ބަދަލުގެ ގޮތުގައި 21 މިލިއަން ޑޮލަރު

  • ނަމަވެސް އެއާޕޯޓުގެ އަގަކީ 18.5 މިލިއަން ޑޮލަރު (އާންސްޓް އެންޑް ޔަންގްގެ އަންދާޒާ)

  • އެ އެއާޕޯޓު ތަރައްގީކުރުން ޖާމިނުކޮށް ދައުލަތުން ވިލާ އެއާއަށް އދ. އަތޮޅުން ދޫކުރި ދެ ފަޅުރަށުގެ އަގަކީ 15 މިލިއަން ޑޮލަރު؛ ވުމާ އެކު ޖުމްލަ 33.5 މިލިއަން ޑޮލަރު

  • ކާޑެއްދޫ އެއާޕޯޓް. (ދައުރު ފޮޓޯ)
  • ކާޑެއްދޫ އެއާޕޯޓް. (ދައުރު ފޮޓޯ)
  • ކާޑެއްދޫ އެއާޕޯޓް. (ދައުރު ފޮޓޯ)

ވިލާއިން ބަދަލުގެ ގޮތުގައި 21 މިލިއަން ޑޮލަރު ހޯދަން ހުށަހެޅި ނަމަވެސް، ސަރުކާރުން ހުށަހެޅި ދެ ގޮތަކީ:

  • 1-

    އެ އެއާޕޯޓާ ގުޅޭގޮތުން ވިލާ އެއާއިން ކޮށްފައިވާ ހަރަދުތަކުގެ ބަދަލެއްގެ ގޮތުގައި 18 މިލިއަން ޑޮލަރު (277 މިލިން ރުފިޔާ) ދައުލަތަށް މާލީ ބުރައަކަށްނުވާ ގޮތަށް، 18 މަސް ދުވަހަށް ބަހާލައިގެން ދައުލަތުން އެ ކުންފުންޏަށް ދެއްކުން

  • 2-

    ވިލާ ގްރޫޕުގައި ހިމެނޭ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ޓެކްސް ފައިސާއިން 18 މަސް ދުވަހަށް ބަހާލައިގެން އެޖަސްޓްމަންޓެއް ހެދުން

އިކޮނޮމިކް ކައުންސިލުން ލަފާ ދިނީ އެ ގޮތްތަކުގެ ތެރެއިން ގޮތަކަށް ވިލާ އެއާއިން އެއްބަސްވާ ނަމަ، މިހާރު އެ ކުންފުންޏާ އެކު ދައުލަތުން ހަދާފައިވާ އެއްބަސްވުމާއި އެ އެއްބަސްވުމާ ގުޅުންހުރި ހުރިހާ ބައިތައް ކަމާބެހޭ މިނިސްޓްރީން ބާތިލުކޮށް، އެ ކުންފުނިން އެއްބަސްވާ ގޮތަކަށް ބަދަލު ދިނުމުގެ ކަންކަން ކަމާބެހޭ މިނިސްޓްރީތަކާ ގުޅިގެން ކުރިއަށް ގެންދިއުމަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - ރަނގަޅު 'ޑީލެއް' ލިބިއްޖެ ނަމަ ކާޑެއްދޫ އެއާޕޯޓު ދޫކޮށްލާނެ ކަމަށް ގާސިމް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

މިހާރު ދައުލަތުން ހުށަހަޅާފައިވާ ދެ ގޮތުން ކުރެ ގޮތެއް ވިލާ އެއާއިން ހިޔާރުކުރި ކަމެއް އަދި މިހާތަނަށް އެނގިފައެއްނެތެވެ.

ކޮމެންޓް (5)

މާކޮސް

24 އޯގަސްޓު 2025
އިންސާނަކަށްވީތީ ހުންނަން ޖެހޭ ލަދު ހަޔާތުގެ ކަންފުޅެއްވެސް ހަމަނެތީ ހޯދައި ލިބިގަތުމުގައި ތިމާއީ ﷲގެ އަޅެއްކަންވެސް ދަހިވެތި ކަމެއްގެ ސަބަބުން ހަނދުމަ ނެތީއެވެ ޣައްދާރުން ވާނީ ހަމަ ޣައްދާރުންނަށެވެ 7/2/12
0 0

ސިކުނޑި

23 އޯގަސްޓު 2025
ގާސިމު ރުހުނަސް ނުރުހުނަސް، ކާޑެއްދޫ އެއަރޕޯޓާއި، އެތަން ތަރައްގީކުރަން ޖާމިނުކޮށް ދީފައިވާ ދެ ފަޅުރަށްވެސް އަތުލަންވީ! އެއްބަސްވުމާއި ޚިލާފު ވެފައިވާތީ އެއްބަސްވުން އުވާލެވޭނެ! އިތުރަށް ބޮޑާ ހާކަންޏާ ސަރުކާރަށް ނުދައްކާހުރި ޓެކްސްފައިސާ ދައްކަން މުހުލަތެއްދީ، ނުދައްކައިފިނަމަ އެކައުންޓްތައް ފްރީޒް ކޮށްލާ! ދިވެހި ދައުލަތުގެ މިއްލްކިއްޔާތަކީ ރައީސް އޮފީހުން ހިތުހުރިހާ ގޮތަކަށް މޮޑެވޭނެ ފުށް ގަނޑަކަށް ވެގެން ނުވާނެ! ކާޑެއްދޫ އެއަރޕޯޓަކީ ތިނަދޫއާއި އިންވެގެން އޮންނަ ތަނެއްނޫން! މިހާރު އެއުޅެނީ ކެމްޕޭނަށް ތިނަދޫއަށް ދާއިރު ދައްކާނެ ވާހަކައެއް ހޯދަން! ތިނަދޫ މީހުން ގުނބޯ ނެހެއްދޭނެ!
0 0

މާމިގިލީ މުކައްބަ

23 އޯގަސްޓު 2025
ގައުމުވެސް ބަނޑަލަށް ދިރުވާލާ.
1 1

މުކައްބަ ގާސިމް

23 އޯގަސްޓު 2025
ދެން އެހެންވީމަ މީނަގެ ބައޮގްރަޕީއެއް ނެރެނެްވީނު އަނެއްކާވެސް ބެރުދުންމާރު ތާޅަފިލީގަ.
0 0

ސަމީނު

22 އޯގަސްޓު 2025
މި ހަބަރުގަ ފަށަމުން ބުނެފަ އެއިނީ ތެދެއް ނަމަ "އެއްވެސް ކަމެއް ނުކުރެވި" އޮތް ތަނަކަށް ބަދަލުގެ ގޮތުގައި 18 މިލިއަން ޑޮލަރު ދޭން ޖެހެންޏާ ވަރަށް ގަދަ ދޯ. އެއާޕޯޓު ތަރައްގީ ނުކޮށް އޮތްއިރު އެއާޕޯޓު ތަރައްގީ ކުރަން ޖާމިނުކޮށް ދީފަ އޮތް ރަށެއްގެ އަގު މީގަ ބަލަން ޖެހޭތަ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް