ކާޑެއްދޫ އެއާޕޯޓް: އެތަން ހިންގާ ވިލާއިން އެތަން ތަރައްގީ ނުކުރާތީ ފެންވަރު ދަށްވެ އާންމުންގެ ޝަކުވާ ބޮޑު (ފޮޓޯ/އަލީ ރަފީގް)

ކާޑެއްދޫ އެއާޕޯޓް ސަރުކާރާ ހަވާލުކުރަން ވިލާއިން ހުށައަޅާފައެއް ނެތް: އަމީން

އަމީން ވިދާޅުވީ އެ އެއާޕޯޓް ތަރައްގީ ކުރެވޭނޭ ގޮތެއް ހޯދުމަށް ވިލާއާ އެކު މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް

ގދ. ކާޑެއްދޫ އެއާޕޯޓް އަނބުރާ ސަރުކާރާ ހަވާލުކުރަން އެތަން ހިންގާ ވިލާ އެއާއިން އެއްވެސް ހުށަހެޅުމެއް ސަރުކާރަށް ރަސްމީކޮށް ހުށަހަޅާފައި ނެތް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

އެނގުން މުހިންމު - ކޯޓުން ނިންމައިގެން ކާޑެއްދޫ އެއާޕޯޓް ވަނީ މިދިޔަ ސަރުކާރުގެ ތެރޭ ވިލާއާ ހިންގަން ހަވާލުކޮށްފަ އެވެ. އެގޮތުން:

  • ވިލާއިން އެ އެއާޕޯޓް ތަރައްގީ ކުރަން އެއްވެސް ކަމެއް ނުކުރާތީ އެ އެއާޕޯޓް ވަރަށް ބޮޑަށް ބާވެ ހިދުމަތުގެ ފެންވަރު ދަށްވެފައިވާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައި 

  • އެ އެއާޕޯޓުން އެކަށީގެންވާ އާމްދަނީއެއް ނުލިބި ގެއްލުން ވާތީ ރަނގަޅު ހުށަހެޅުމެއްގެ ދަށުން ސަރުކާރަށް އެތަން ދޫކޮށްލަން ތައްޔާރު ކަމަށް ވިލާ ގުރޫޕްގެ ޗެއާމަން މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މީގެ ކުރިން ވިދާޅުވެފައިވޭ

ވީ ކިހިނެއް؟ - ކާޑެއްދޫ އެއާޕޯޓާ ގުޅޭ ގޮތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ މިއަދު މިނިސްޓަރު އަމީންއާ ކުރެއްވި ސުވާލުގައި ވިދާޅުވީ، އެ އެއާޕޯޓުން "ފަންވަތެއްގެ މިންވަރު ވެސް ނުނަގާ އަނބުރާ ސަރުކާރާ އެތަން ހަވާލުކުރާނެ" ކަމަށް ވިލާއިން ބުނެފައިވާ ކަމަށެވެ. އެހެންވެ އެކަން އޮތް ހިސާބަކީ ކޮބައިތޯ އޭނާ ސުވާލުކުރެއްވި އެވެ. 

ތަފްސީލް - އެ ސުވާލަށް އަމީން ވިދާޅުވީ އެ ތަން އަނބުރާ ސަރުކާރާ ހަވާލުކުރަން ރަސްމީކޮށް ވިލާއިން އެއްވެސް ހުށަހެޅުމެއް މިހާތަނަށް ސަރުކާރަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އެ ވާހަކަތައް ކޮންމެވެސް ވަރަކަށް ސޯޝަލް މީޑިއާއިން ފެނުނު ކަމަށް ވިދާޅުވި އެވެ. 

"ރަސްމީ ސިފައެއްގައި ތިކަހަލަ އެއްވެސް ހުށަހެޅުމެއް އައިސްފައެއް ނެތް. ކެމްޕޭން ތެރޭގައި ސޯޝަލް މީޑިއާގައި ހިނގަމުންދާ ކަމަކަށް އަޅުގަނޑަށް ދަތި އެއްޗެއް ދަންނަވަން،" އަމީން ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި، ކާޑެއްދޫ އެއާޕޯޓް ތަރައްގީ ކުރުމަށް ރައީސް މުހައްމަދު މުއިއްޒުގެ ވިސްނުމެއް އެބަ އޮތެވެ. އެ ވިސްނުމާ އެއްގޮތަށް އެތަން ތަރައްގީ ކުރަން ވިލާއާ އެކު މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް އަމީން ވިދާޅުވި އެވެ.

"ރައީސްގެ ވިސްނުންފުޅާ އެއްގޮތަށް އެ އެއާޕޯޓް ތަރައްގީ ކުރަން އެ ޕްލޭނައިގެން އަޅުގަނޑުމެން ކުރިއަށް ދާ ވާހަކަ ދަންނަވަން،" އޭނާ ވިދާޅުވި އެވެ. 

އެނގުން މުހިންމު - މިދިޔަ ހޮނިހިރު ދުވަހު ރައީސް ބޭއްވެވި ނޫސްވެރިންގެ ދިގު ބައްދަލުވުމުގައި ރައީސް ވިދާޅުވީ ތިނަދު އާއި ކާޑެއްދޫ ގުޅުވާލައި ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަލް ކުރުމަށް ސަރުކާރުގެ ޕްލޭނެއް އެބަ އޮތް ކަމަށެވެ. އެކަމަކު އޭގެ ތަފްސީލެއް ނުދެއްވަ އެވެ.

ކޮމެންޓް (1)

ސިކުނޑި

7 މޭ 2025
ރަސްމާލެ ގުޅާލާ ބިއްލޫރި ޓަނަލްއެއްވެސް އެބައޮތް ރައީސްގެ ވިސްނުންފުޅުގަ! ދައުރެއް ނިންމާލާނީ ޢަމަލު އެއްފަރާތްކޮށް ވިސްނުން އިސްކޮށްގެން! ފަލްސަފާތަކާއި ދެއުޅި އެއްނުވާ ކަންކަމުގައި! ރައީސް ކުރައްވާ ކަންކަމާއި، ވިސްނުން ފުޅުތަކާއި ވައުދުތައް އެއްގޮތް ކުރަން މަސްއްކަތްކުރެވޭ ވަރުގެ ގާބިލުކަމެއް މިސަރުކާރަކުނެތް! ވަރަށް ސާފުކޮށް މިދެންނެވީ! ރާއްޖޭން ބޭރުން ސްޓެރެޖިސްޓެއް ގެނެސްގެން ނަމަވެސް ކަންކަން އިސްލާހުކުރަންއެބަޖެހޭ ބައިނަލްއަގުވާމީ މުޖުތަމަޢުގެ ކުރިމަތީގައި ރާއްޖެ ބޮލާފޮށާއެޅި ޓޫރިޒަމް ހަލާކުވުމުގެ ކުރިން!
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް