ސްޓެލްކޯގެ މާލޭ އިންޖީނުގެ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ސްޓެލްކޯ

ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރަން މާދަމާ ހެނދުނު އެއް ގަޑިއިރަށް ކަރަންޓު ކަނޑާލާނެ: ސްޓެލްކޯ

ސްޓެލްކޯއިން ބުނިގޮތުގައި ކަރަންޓު ކަނޑާލަނީ، ކުރިއަށް އޮތްތަނުގައި ކަރަންޓުގެ ހިދުމަތް ދިނުމުގައި ދިމާވެދާނެ މައްސަލަތަކަށް ދުރާލާ ތައްޔާރުވެ، މައްސަލަތައް ހުއްޓުވުމަށް ބޭނުންވާ މަސައްކަތެއް ކުރުމަށް
22 އޯގަސްޓު 2025

ހުޅުމާލެ އިންޖީނުގޭގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން ބޮޑު މަސައްކަތެއް ކުރާތީ މާދަމާ ހެނދުނު މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ތަފްސީލު - ސްޓެލްކޯއިން ބުނީ ހުޅުމާލޭގައި ހުންނަ 50 މެގަވޮޓުގެ އިންޖީނުގޭގައި ކޮންމެހެން ކުރަންޖެހޭ ބޮޑު މަސައްކަތެއް ކުރުމަށްޓަކައި މާދަމާ ހެނދުނު 6އިން 10އަށް އިންޖީނުގެ ނިއްވާލާނެ ކަމަށެވެ.

"މި މަސައްކަތް ކުރިއަށްދާ ވަގުތު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން، ކޮންމެ ސަރަހައްދަކުން ގާތްގަނޑަކަށް އެއް ގަޑިއިރަށް ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ އެވެ،" ސްޓެލްކޯއިން ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ ކަރަންޓު ކަނޑާލުމުގެ ކުރިން އެސްއެމްއެސް މެދުވެރިކޮށް ކަރަންޓު ކެނޑޭ ވަގުތުތަކާއި ސަރަހައްދުތައް ކަސްޓަމަރުންނަށް ދުރާލާ އަންގާނެ ކަމަށެވެ.

ހިދުމަތް މެދުކަނޑާލި ނަމަވެސް، އެ ސަރަހައްދުތަކުގައި ހިމެނޭ ހޮސްޕިޓަލްތަކާއި މުހިންމު ހިދުމަތް ދޭ އިދާރާތަކަށް ކަރަންޓުގެ މެދުކެނޑުމެއް ނާންނާނެ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

ސްޓެލްކޯގެ އަމާޒަކީ، އެ ކުންފުނިން ބުނިގޮތުގައި، އެ މަސައްކަތް ތާވަލުކޮށްފައިވާ ގަޑީގެ ކުރިން ނިންމައި، ވީހާ ވެސް އަވަހަކަށް އާންމު ހާލަތަށް ކަރަންޓުގެ ހިދުމަތް ގެނައުމެވެ.

"މިއީ ކުރިއަށް އޮތްތަނުގައި ކަރަންޓުގެ ހިދުމަތް ދިނުމުގައި ދިމާވެދާނެ މައްސަލަތަކަށް ދުރާލާ ތައްޔާރުވެ، މައްސަލަތައް ހުއްޓުވުމުގެ ގޮތުން ނުވަތަ ޕްރިވެންޓިވް މެޝާއެއްގެ ގޮތުގައި ކުރަންޖެހޭ މުހިންމު މަސައްކަތެކެވެ،" ސްޓެލްކޯއިން ބުންޏެވެ.

އެނގުން މުހިންމު - މިފަހަކަށް އައިސް ކަރަންޓު ކެނޑުމަކީ އާންމުކޮށް ދިމާވާ މައްސަލައަކަށް ވަނީ ވެފަ އެވެ. މިދިޔަ ޖޫން އަދި ޖުލައި މަހު ވެސް އެކި ފަހަރު މަތިން މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނެވެ. އަދި ޖޫންގައި ހަ ގަޑިއިރަށް ކަރަންޓު ކެނޑުނު މައްސަލަ، ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ރައީސް މުހައްމަދު މުއިއްޒު ކަމާ ބެހޭ ފަރާތްތަކަށް ވަނީ އަންގަވާފަ އެވެ.

ސްޓެލްކޯއިން ފަހުން ބުނި ގޮތުގައި، އެ ފަހަރު ބޮޑު 'ބްލެކްއައުޓް' އަކަށް ދިޔައީ، ދެ ރަށަށް ކަރަންޓު ދޭން ސިނަމާލެ ބްރިޖުން އަޅާފައިވާ އިންޓަކަނެކްޝަން ކެނޑިގެންނެވެ.

މި މަހު ވެސް އެކި ފަހަރުމަތިން މާލެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް