ވެލިދޫގެ ކައުންސިލް މެންބަރުންނާ ރައީސް ބައްދަލުކުރައްވަނީ - (ފޮޓޯ/ ރައީސް އޮފީސް)

ކައުންސިލުތަކުގެ މާލީ ބާރު ހަނިވާ އިސްލާހު 50އަށް ވުރެ ގިނަ ކައުންސިލުން ކުށްވެރިކޮށްފި

ސަރުކާރުން ފޮނުވި ގޮތަށް މާ ބޮޑު ބަދަލެއް ނުގެނެސް، ކައުންސިލްތަކުގެ މާލީ ބައެއް ބާރުތައް ހަނި ކުރާ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލު މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ ފާސްކޮށްފައި

ކައުންސިލްތަކުގެ މާލީ ބާރު ހަނިކުރާ ގޮތަށް ގާނޫނަށް ގެނައި އިސްލާހާ ދެކޮޅަށް 50އަށް ވުރެ ގިނަ ރަށު އަދި އަތޮޅު ކައުންސިލުން ބަޔާން ނެރެފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރުން ފޮނުވި ގޮތަށް މާ ބޮޑު ބަދަލެއް ނުގެނެސް، ކައުންސިލްތަކުގެ މާލީ ބައެއް ބާރުތައް ހަނި ކުރާ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލު މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ.

ތަފްސީލް - އިދިކޮޅު އެމްޑީޕީ އާއި ބައެއް ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ފާސްކުރި ބިލާ އެކު ގާނޫނަށް އަންނާނެ އެންމެ ބޮޑު ބަދަލަކީ ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރު ނުވަތަ ދައުރު ހަމަވާން އަހަރަކަށް ވުރެ ކުުރު މުއްދަތެއް އޮވެއްޖެ ނަމަ، މާލީ ކަންކަމާ ގުޅޭ މައިގަނޑު ތިން ކަމެއްގައި ސަރުކާރުގެ ބަހެއް ނެތި ނުކުރެވޭ ގޮތް ހެދުމެވެ. އެ ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުން

  • ކައުންސިލް އިހްތިސާސްގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަހަރައްދުތައް ކުއްޔަށް ދޫކުުރުމާއި ދިނުން

  • ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައި ނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުން

މިހާރު އޮތް ކައުންސިލުތަކުގެ ދައުރު އަންނަ މެއި މަހަށް ހަމަވާތީ ދައުރުގެ ބާކީ މިހާރު އޮތީ ގާތްގަނޑަކަށް 10 މަހެވެ. އެހެންކަމުން، މި އިސްލާހު ތަސްދީގު ކުރުމާ އެކު، މި ދައުރުގެ ބާކީ މި އޮތް މުއްދަތު ތެރޭ މާލީ ކަންކަމާ ގުޅޭ އެ ތިން ކަމުން ކަމެއް ކުރެވޭނީ ސަރުކާރުގެ ހުއްދައާ އެކު އެވެ.

ސަރުކާރުގެ ފަރާތުން އެ ހުއްދަ ދޭނީ، ބިލުގައިވާ ގޮތުން، ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިންނެވެ.

އިސްލާހާ މެދު ކަންބޮޑުވުން ފާޅުކޮށް މިހާތަނަށް ބަޔާން ނެރެފައިވާ ކައުންސިލުތަކަކީ:

  • ހއ. އަތޮޅުން ހޯރަފުށި، މާރަންދޫ އަދި ތަކަންދޫ

  • ހދ. އަތޮޅުން ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިތުރުން ކުމުންދޫ، ހަނިމާދޫ އަދި ނޭކުރެންދޫ ކައުންސިލް

  • ށ. އަތޮޅުން ފޯކައިދޫ، ފޭދޫ، ކަނޑިތީމު އަދި ނޫމަރާ

  • ނ. އަތޮޅުން ކެނދިކުޅުދޫ، ޅޮހި، މަނަދޫ އަދި ލަންދޫ ކައުންސިލުގެ އިތުރުން އެ އަތޮޅު ކައުންސިލް

  • ރ. އަތޮޅުން އަލިފުށި

  • ބ. އަތޮޅުން ގޮއިދޫ، މާޅޮސް، ގޮއިދޫ، ކެންދޫ އަދި ހިތާދޫގެ އިތުރުން އެ އަތޮޅު ކައުންސިލް

  • ޅ. އަތޮޅުން ހިންނަވަރު އަދި ކުރެންދޫ

  • ކ. އަތޮޅުން މާފުށި، ދިއްފުށި، ގުޅި އަދި ކާށިދޫގެ އިތުރުން އެ އަތޮޅު ކައުންސިލް

  • އއ. އަތޮޅުން ބޮޑުފޮޅުދޫ، އުކުޅަސް، ތޮއްޑޫ، ހިމަންދޫ، މާޅޮސް، މަތިވެރި އަދި ފެރިދޫ

  • ތ. އަތޮޅުން ވަންދޫ، އޮމަދޫ، ކަނޑޫދޫ އަދި ކިނބިދޫ

  • މ. އަތޮޅުން ދިއްގަރު، ކޮޅުފުށި އަދި މަޑުއްވަރި

  • ފ. އަތޮޅުން ފީއަލީ އަދި މަގޫދޫ

  • ލ. އަތޮޅުން ގަން އަދި ކަލައިދޫގެ އިތުރުން އެ އަތޮޅު ކައުންސިލް

  • ގއ. އަތޮޅުން ކޮޅަމާފުށި

  • ގދ. އަތޮޅުން ގައްދޫ، ހޯނޑެއްދޫ، ފިޔޯރީ، ނަޑެއްލާ އަދި ތިނަދޫ ސިޓީ ކައުންސިލް

  • އައްޑޫ ސިޓީ ކައުންސިލް

  • ފުވައްމުލައް ސިޓީ ކައުންސިލް

ރަށު އަދި އަތޮޅު ކައުންސިލުތަކުން ނެރުނު އެ ބަޔާންތަކުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާ އެއް ކަމަކީ، ކައުންސިލްތަކުގެ އުމުރު ފަސް އަހަރު ކަމަށް ކަނޑައަޅާފައިވީ ނަމަވެސް ނުސީދާ ގޮތެއްގައި އެ ފަސް އަހަރުގެ ބާރު ހަނިވެގެން ދިއުމެވެ. އެގޮތުން، ކައުންސިލަރުންގެ ގާނޫނީ ވާޖިބު އަދާކުރަން ހުރަސް އެޅޭ އެއް އަހަރު މި އިސްލާހުގެ ސަބަބުން އަންނާނެކަން ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން، ކައުންސިލުތަކަށް ކުލިން ލިބޭ އާމްދަނީ މީގެ ސަބަބުން ހުއްޓޭ ކަމަށާއި ކައުންސިލްތަކުގެ ޕްލޭންތަކާއި ލަނޑުދަނޑިތައް ހާސިލް ކުރުމަށް ހުރަސް އެޅޭ ކަންތައް ގާނޫނަށް ގެންނަ އިސްލާހުގައި ހިމެނޭކަން ކައުންސިލުތަކުން ފާހަގަކޮށްފައިވެ އެވެ.

މިއީ ކައުންސިލުތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ހުއްޓުވައި އާމްދަނީ ހޯދުމަށް ހުރި ދޮރުތައް ބަންދު ކުރުމަށް ގެންނަ އިސްލާހެއް ކަމަށް ވެސް ބައެއް ކައުންސިލުތަކުން ވަނީ ބުނެފަ އެވެ.

ބިލުގައި ހިމެނޭ ބައެއް އިސްލާހުތައް 

  • ކައުންސިލްގެ ބޭންކް އެކައުންޓު ބަލަހައްޓަން ވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތިން؛ އެކައުންޓު ސްޓޭޓްމަންޓް ހޯދަން އެދިއްޖެ ނަމަ، އެ މައުލޫމާތު ކައުންސިލުން ދޭން ވާނެ

  • ދައުލަތުން ކައުންސިލްތަކަށް ދޫކުރާ ފައިސާ ދޫކުރަން ވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަން ޖެހޭ އެއްވެސް ޓެކުހެއް ނުވަތަ ޔުޓިލިޓީ ބިލަކަށް ދަކަން ފައިސާއެއް އޮތް ނަމަ، އެ ފައިސާތައް އުނިކުރުމަށް ފަހު، ބާކީވާ އަދަދު؛ އެގޮތަށް އުނި ކުރާނީ ހަ މަސް ވަންދެން ނުދައްކާ ހުރި ފައިސާ

  • އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުލި ނުނެގޭނެ (މިސާލަކަށް ކަރަންޓް ހިދުމަތް ދިނުމަށް ސްޓެލްކޯ ނުވަތަ ފެނަކައަށް ދޫކޮށްފައިވާ ބިމުން ކުލި ނުނެގޭނެ)

އިތުރު އާޓިކަލް

އިތުރު އާޓިކަލް