ހިޔާލު ހޯދުމުގެ ވޯޓާ ގުޅޭ ބިލަށް ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދުމަށް މިއަދު ކޮމިޓީން ބޭއްވި ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/މަޖިލިސް)

ކުދި ޕާޓީތަކުން ބޭނުންވަނީ ހިޔާލު ހޯދުމުގެ ވޯޓު ފަސޭހައިން ނުނެގޭ ގޮތަށް ހަދަން

މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވި ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ އަދި އެމްއެންޕީން ދެކޭގޮތުގައި އެއްވެސް ހިފެހެއްޓުމެއް ނެތި މިފަދަ ވޯޓުތައް ނެގޭ ގޮތަށް ގާނޫނު ހަދައިފި ނަމަ ގައުމުގެ ހަމަޖެހުން ގެއްލި އިގްތިސޯދީގޮތުން ވެސް ބުރަ ބޮޑުވާނެ

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުތައް ގިނަވެއްޖެ ނަމަ ގައުމުގެ ހަމަޖެހުން ގެއްލި، އިގްތިސާދީ ގޮތުން ވެސް އޭގެ ބުރަ ދައުލަތަށް ކުރިމަތިވެދާނެތީ، ފަސޭހައިން އެ ވޯޓު ނުނެގޭނެ ގޮތަށް ބިލު އިސްލާހު ކުރަން ކުދި ސިޔާސީ ޕާޓީތަކުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ހިޔާލު ދީފި އެވެ.

ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު މިހާތަނަށް އިއުލާންކުރައްވާފައިވާ ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދިޔުމުގެ ކުރިން އެފަދަ ވޯޓުތަކާ ގުޅޭ ހާއްސަ ގާނޫނެއް ހެދުމަށްޓަކައި ބިލެއް މި މަހު ކުރީކޮޅު ސަރުކާރުގެ ފަރާތުން ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ. އެއާއެކު:

  • އެ ބިލު ދިރާސާ ކުރުމުގެ މަސައްކަތް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އަންނަނީ ކުރަމުން އަދި ކަމާ ގުޅުން ހުރި ފަރާތްތައް ހާޒިރުކޮށް ދަނީ ހިޔާލު ހޯދަމުން

  • އެ ކޮމިޓީން އިއްޔެ އިލެކްޝަންސް ކޮމިޝަންއާ ބައްދަލުކުރުމަށް ފަހު މިއަދުގެ ބައްދަލުވުމުގައި އޮތީ ބައެއް ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދުން

  • މިއަދުގެ ބައްދަލުވުމަށް ހާޒިރުވީ ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ އަދި އެމްއެންޕީން

ތަފްސީލު - ބައްދަލުވުމުގައި ފުރަތަމަ ވާހަކަ ދެއްކެވި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކުރީގެ ޓްރާސްޕޯޓް މިނިސްޓަރު ޑރ. އަމީން އިބްރާހިމް މައިގަނޑު ތިން ހިޔާލެއް ފާޅު ކުރެއްވި އެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • 1-

    ގާނޫނުއަސާސީގައި ކަނޑައެޅިގެން މިވެނި ކަމެއް ކުރަން ވާނީ، ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަމަށް ބުނެފައިވާ ކޮންމެ ކަމެއް ބިލުގައި ހިމެނެން ވާނެ ކަމަށް

  • 2-

    މަޖިލީހުން ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ބޭނުންވާ ހާލަތުގައި 'ސިމްޕަލް މެޖޯރިޓީއަކުން' ފާސްކޮށްގެން އެކަން ކުރެވޭނެ ގޮތަށް އޮތުމަކީ ވިސްލާން ޖެހޭ ކަމެއް

  • 3-

    ވޯޓު އެއްވަރުވެއްޖެއްޔާ ދެން ހާދަނެ ގޮތެއްގެ ތަފްސީލު ވެސް އޮތުން މުހިންމު

އަމީން ފާހަގަ ކުރެއްވި ގޮތުގައި، ކޮންމެ ބަޔަކަށް މަޖިލީހުގެ މެޖޯރިޓީ އޮތް ނަމަވެސް، އަބަދާއި އަބަދު އެއްވެސް ހިފެހެއްޓުމެއް ނެތި މިފަދަ ވޯޓުތައް ނެގޭނެ ގޮތަށް ބިލު އޮވެގެން ނުވާނެ އެވެ. މިފަދަ ކަމެއް ކުރާއިރު އިގްތިސާދީ ގޮތުން ވެސް ބަލަން ވާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މިކަހަލަ އާންމު ވޯޓަކަށް ދާ ދިޔުމަކީ، ވަރަށް ބޮޑެތި ހަރަދުތަކެއް ހިމެނޭ ކަމެއް. ގައުމުގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ބަރޯސާވެފައި މި ވަނީ ޓޫރިޒަމްއަށް ކަމަށްވާތީ، ދުނިޔޭގެ މަސްރަހަށް މި އަންނަ ބަދަލާ އެކު ރާއްޖޭގެ އިގްތިސާދަށް ވެސް ނޭދެވޭ އަސަރުތައް ކުރަމުން އެބަ އާދޭ. އެހެންވީމަ، ކުރިއަށް އޮތް ތަނުގައި އެކަހަލަ ވަރަށް ބޮޑު ޗޭންޖެއް އަތުވެދާނެ،" ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ގާސިމް އިބްރާހިމްގެ ރަނިން މޭޓެއްގެ ގޮތުގައި ހުންނެވި އަމީން ވިދާޅުވި އެވެ.

"އެކަހަލަ ހާލަތެއްގައި ވެސް ފަަހަރެއްގައި މަޖިލީހުގެ ކޮމްޕޮޒިޝަން އޮތް ގޮތަކުން ވަރަށް ފަސޭހަކަމާއެކު މިކަހަލަ ބިލެއް [ގަރާރެއް] ހުށަހަޅައިގެން އާންމު ވޯޓަކަށް ދާން ބޭފުޅުންކޮޅެއް މަސައްކަތް ކުރައްވަފާނެ. އަދި މަޖިލީހުގެ ކޮމްޕޮޒިޝަން އޮތް ގޮތުން ފާސް ވެސް ވެދާނެ."

އެކަމަކު ސަރުކާރުގެ ނުވަތަ ދައުލަތުގެ މާލީ ހާލަތު އޮތް ގޮތުން އެކަން ކުރަން އުނދަގޫވުން އެކަށީގެންވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އެހެންވީމަ، އަޅުގަނޑު ދެކޭ ގޮތުގައި ސިމްޕަލް މެޖޯރިޓީއާ މެދު އިތުރަށް ވިސްނުން ބެހެއްޓެވުން މުހިންމު،" އަމީން ވިދާޅުވި އެވެ.

އަމީންގެ ވާހަކައަށް މި ބައްދަލުވުމުގައި އެމްޑީއޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޝާހް އިސްމާއިލް އާއި އެމްއެންޕީގެ ފާތުމަތު ޝަރީފް ވެސް ތާއީދު ކުރެއްވި އެވެ.

ފާތުމަތު ޝަރީފް ދެއްވި ހިޔާލަކީ، މިފަދަ ވޯޓެއް އަހަރަކު ނެގޭނެ މިންވަރެއް ބިލުގައި ކަނޑައެޅުމެވެ. އަދި ހަރަދު ކުޑަކުރުމަށްޓަކައި މިފަދަ ވޯޓުތައް އީ-ވޯޓީން މެދުވެރިކޮށް ކުރިއަށް ގެންދިޔުމަށް އޭނާ ހިޔާލު ފާޅު ކުރެއްވި އެވެ.

މިއަދުގެ ބައްދަލުވުމަށް ހާޒިރުވި ތިން ޕާޓީން ވެސް ލިޔުމުން އިތުރު ހިޔާލުތައް ހުށަހަޅާނެ ކަމަށް ބުންޏެވެ.

އިދިކޮޅު އެމްޑީޕީ އާއި ޕީއެންއެފް އަދި ވެރިކަންކުރާ ޕީއެންސީން މިއަދުގެ ބައްދަލުވުމުގައި ބައިވެރިއެއްނުވެ އެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގެ ޔޫޓިބް ލައިވް

އިތުރު އާޓިކަލް

އިތުރު އާޓިކަލް