އެންމެ ފަހުން ބޭއްވި މަޖިލީހުގެ އިންތިހާބުގައި ވޯޓް ގުނަނީ (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)

އީސީން އެދެނީ ހިޔާލު ހޯދުމުގެ ވޯޓް ނަގަން 4 މަސް ދޭން

އީސީން ބުނަނީ ރައްޔިތުން ހޭލުންތެރިކުރުވުމަށް އެކަށީގެންވާ ވަގުތު ބޭނުންވާނޭ ކަމަށް؛ އެކި ގޮތް ގޮތަށް މާނަ ނެގޭނޭ ގޮތަށް ގާނޫނުގައި ކަންކަން ހިމެނުމަކީ އެފަދަ ވޯޓްތަކާ މެދު ފަހުން ޝައްކު އުފެދޭނޭ ކަމެއް ކަމަށް އީސީން ބުނޭ
21 ޖުލައި 2025

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް 4 މަސް ލިބޭ ގޮތަށް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބިލް އިސްލާހުކޮށް ދިނުމަށް އެ ކޮމިޝަނުން މިއަދު ރައްޔިތުން މަޖިލީހުގެ އެދިއްޖެ އެވެ.

އެ ނޫން ވެސް މުހިންމު ގިނަ ކަންކަން އެ ބިލުން އިސްލާހުކޮށް ދިނުމަށް އީސީން ވަނީ އެ ބިލް ދިރާސާކުރާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އެދިފަ އެވެ. 

ތަފްސީލް - އެ ބިލަށް އީސީގެ ހިޔާލު ހޯދުމަށް މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް، މުހައްމަދު ޒާހިދު ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓް ނަގަން ހާއްސަ ގާނޫނެއް ވުޖޫދު ކުރުމަކީ އެފަދަ ވޯޓްތައް ނެގުމާ ގުޅޭ ކަންކަން ރައްޔިތުންނަށް ސާފުވެ އުސޫލުތައް އެކަށައެޅޭނެ ކަމެއް ކަމަށެވެ.

"ހުރިހާ ރައްޔިތުންނަށް ވެސް އެނގޭ ގޮތަށް ކަންކަން ސާފުވެގެން ގާނޫނެއްގައި އޮވެގެން މިފަދަ ވޯޓުތައް ނެގުމަކީ އަޅުގަނޑުމެން އެދޭ ކަމެއް ތާއިދުކުރާ ކަމެއް މަރުހަބާ ކިޔާ ކަމެއް،" ޒާހިދު ވިދާޅުވި އެވެ. 

އެއަށް ފަހު އޭނާ ވަނީ އެ ބިލަށް ގެންނަން އީސީއަށް ފެންނަ މުހިންމު އިސްލާހުތައް ހުލާސާކޮށް ވިދާޅުވެދެއްވައިފަ އެވެ. އެގޮތުން:

  • އޭނާ ފާހަގަކުރެއްވި އެންމެ މުހިންމު އެއް ކަމަކީ ވޯޓުގެ ނަތީޖާ ނެރުމުގައި ބަލާނީ، ވޯޓްލީ ރައްޔިތުންގެ އަގުލަބިއްޔަތަށްތޯ ނުވަތަ ވޯޓްލުމުގެ ޝަރުތު ހަމަވާ މީހުންގެ އަދަދަށްތޯ މިހާރު ބިލުން ސާފުނުވުން 

ޒާހިދު ވިދާޅުވީ ބިލުގެ އެކި ތަންތަނުގައި އެ ވާހަކަ ލިޔެފައި އޮތީ އެކި ގޮތަށް އަދި އެކި ގޮތަށް މާނަކުރެވޭ ގޮތަށް ކަމަށެވެ. އެހެންކަމުން، އެކަން ސާފުވާ ގޮތަށް އެކަމާ ގުޅޭ މާއްދާތައް އިސްލާހުކުރަން ޒާހިދު އެދިވަޑައިގެންނެވި އެވެ. 

"އެހެން ނޫނީ ވޯޓުގެ ނަތީޖާ އިއުލާން ކުރުމުގައި ބޮޑެތި ޝައްކުތަކާއި ސުވާލުތައް އުފެދިދާނެ މިހާރު އޮތް ގޮތުން،" ޒާހިދު ވިދާޅުވި އެވެ.

ދެން އޭނާ ފާހަގަކުރެއްވި އަނެއް މުހިންމު ކަމަކީ ފެންނަ ނުފެންނަ ވޯޓެއް ނަގަން އީސީގެ މައްޗަށް ލާޒިމްވާ މުއްދަތު ކުރުވުމެވެ. މިހާރު ބިލުގަައި އޮތީ އެފަދަ ގަރާރެއް ރައީސް ނެރުއްވާތާ ނުވަތަ މަޖިލީހުން ފާސްކުރާތާ 45-90 ދުވަސް (ދޮޅުމަހާއި 3 މަސް) ތެރޭ ވޯޓް ނަގަން ޖެހޭނޭ ކަމަށެވެ. ޒާހިދު ވިދާޅުވި ގޮތުގައި:

  • ފެންނަ ނުފެންނަ ވޯޓަކީ މިހާރު ބާއްވާ އިންތިހާބުތައް ގޮތަށް ދުރާލާ އެނގިގެން ބާއްވާ އިންތިހާބެއް ނޫން؛ އެހެންވުމުން ތައްޔާރުވާން ވަގުތު ބޭނުންވާނެ 

  • ފެންނަ ނުފެންނަ ވޯޓެއްގައި ރައްޔިތުންގެ ކައިރިން ކަމަކަށް އަހާއިރު ވޯޓަށް އަހާ ކަމަކާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރަން ވަގުތު ބޭނުންވާނެ؛ އެކަމަށް އެންމެ މަދުވެގެން ވެސް ދޮޅުމަސް ބޭނުންވާނެ 

  • ސަބަބަކީ އެކި ސުވާލު އެކި ފަހަރު އަހާއިރު ރައްޔިތުން ހޭލުންތެރިކުރަން ވަގުތު ބޭނުންވާނެތީ 

"މިހާރު އިންތިހާބުތަކުގައި ވެސް އާންމުކޮށް 120 ދުވަސް [4 މަސް] ދީފައި އޮވޭ. އެވަރު މިފަދަ ވޯޓެއް ނަގަން ވެސް ދޭން އަޅުގަނޑުމެންނަށް ފެންނަނީ. 45-120 ދުވަސް އޮތުން ރަނގަޅު،" ޒާހިދު ވިދާޅުވި އެވެ.

"އެއަށް ވުރެ ކުރު މުއްދަތެއްގައި ވެސް އިންތިހާބެއް ބާއްވަން ބުނެފިއްޔާ މާދަން ވެސް ބާއްވަން ބުނެފިއްޔާ އަޅުުގަނޑުމެން މިތިބީ ތައްޔާރަށް. އެކަމަކު މީގައި ރައްޔިތުން ހޭލުންތެރި ކުރުން، މި އަހާ ސުވާލަށް އެކަމަށް ވަގުތު ބޭނުންވަނީ." 

އޭނާ ދެން ފާހަގަކުރެއްވި ކަންކަމަކީ: 

  • ފެންނަ ނުފެންނަ ވޯޓް ނަގާނޭ މުހިންމު ކަންތައްތައް ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާންކުރުމަށް ދޫކޮށް ނުލާ ސީދާ ގާނޫނުގައި ވޯޓް ނެގޭނެ މުހިންމު ކަންކަން ބަޔާންކޮށް ތަފްސީލްކުރުން 

  • މަޖިލީހުން ފެންނަ ނުފެންނަ ވޯޓެއް ނަގަން ފާސްކުރާ ގަރާރު ފާސްކުރަން ޖެހޭނީ މުޅި މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުންތޯ ނުވަތަ ހާޒިރުވެ ވޯޓް ދިން މެންބަރުންގެ އަގުލަބިއްޔަތުންކަން ބިލްގައި ސާފުވާން ޖެހޭ 

  • އެއް ގަރާރެއްގައި އެއް މައްސަލައަކަށް ވުރެ ގިނަ މައްސަލައިގައި ވޯޓް ނެގުމަށް ހިމެނިދާނެތޯ ސާފުކުރަން ޖެހޭ 

  • ފެންނަ ނުފެންނަ ވޯޓުގެ ކަންކަމުގައި ރައީސްއަށް ލިބިފައިވާ އިހުތިޔާރުތައް ގާނޫނުގައި ސާފުކޮށް ބަޔާންކުރަން ފެނޭ

  • ވޯޓާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުމަކީ ކައުންސިލުން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި މަޖުބޫރުކުރަން ޖެހޭ 

  • ވަކި މުއްދަތެއް ތެރޭ ބަޖެޓް ދިނުން ލާޒިމްވާ ގޮތަށް ގާނޫނުގައި ކަނޑައަޅަން ޖެހޭ؛ ކުރު މުއްދަތެއް ތެރޭ އިންތިހާބު ބާއްވާއިރު ބަޖެޓް ލަސްވާ ނަމަ އިންތިޒާމްތައް ލަސްވާނެ 

  • ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 30 ދުވަސް ތެރޭ ގަވައިދުތައް ހެދުން ލާޒިމްކުރުން 

އެ އިސްލާހުތަކާއި އެހެން ވެސް ބިލަށް ގެންނަން ބޭނުން ހުރިހާ އިސްލާހުތައް އަންނަ މަހުގެ ފުރަތަމަ ހަފްތާ ތެރޭ ލިޔުމުން ފޮނުއްވާނޭ ކަމަށް ވެސް ޒާހިދު ވިދާޅުވި އެވެ.

'ހިޔާލު ހޯދުމުގެ ވޯޓަށް ރައްޔިތުންނަށް އެދެވޭ ގޮތް ހެދުން'

އޭނާ ވަނީ ކޮމިޓީ މަރުހަލާގައި ބިލް އިސްލާހު ކުރާއިރު ވިސްނުމަށް އެހެން މުހިންމު ހިޔާލެއް ވެސް ކޮމިޓީއާ ވެސް ހިއްސާކުރައްވައިފަ އެވެ. އެގޮތުން ވިދާޅުވީ: 

  • ވަކި އަދަދެއްގެ ރައްޔިތުންގެ ޕެޓިޝަނެއް ހުށަހަޅައިގެން މުހިންމު ކަންކަމުގައި ފެންނަ ނުފެންނަ ވޯޓް ނެގޭ ގޮތަށް ބައެއް ގައުމުތަކުގައި އޮވޭ؛ އެއީ ގާނޫނެއް ހަދާއިރު ވިސްނުން މުހިންމު ކަމެއް 

  • އިންތިހާބީ މުއްދަތެއްގައި ކަންކަން ހިނގަމުން ދާއިރު ގައުމަށް ދިމާވާ ބޮޑެތި މައްސަލަތައް، ގާނޫނަށް ގެންނަ ބަދަލުތައް ފަދަ ކަންކަމުން އާންމުންނަށް ބޮޑެތި ދަތިތައްވާ ނަމަ ވޯޓަށް އެހުމުގެ ފުރުސަތު ދޭނެތޯ ވިސްނާލުން ރަނގަޅު

"ޑިމޮކްރަސީއަކީ ވީހާ ވެސް ގިނަ ކަންކަމުގައި ރައްޔިތުންގެ މަޝްވަރާ އާއި ހިޔާލު ހޯދައިގެން ހިންގާ ނިޒާމެއް ވީމާ މިއީ ވިސްނާލަން ރަނގަޅު ކަމެއް ރައްޔިތުންނަށް ވެސް އެ ފުރުސަތު އޮތުން. ނޫނީ ވެދާނޭ އަދި އެއީ އެންމެ ރަނގަޅު ކަމެއް ނޫން ކަމަށް ވެސް،" ޒާހިދު ވިދާޅުވި އެވެ. 

'އެއް ކަމެއްގައި ފެންނަ ނުފެންނަ ވޯޓަށް އެހޭނޭ މުއްދަތެއް'

ޒާހިދުގެ އިތުރުން ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވެސް ވަނީ ބިލުގައި ހިމެނޭ ބައެއް ކަންކަން ފާހަގަކުރައްވައި އިސްލާހުކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. އެގޮތުން އޭނާ ފާހަގަކުރެއްވީ: 

  • ބިލުގައި ތަސައްވަރުކޮށްފައި ނުވާކަމެއް، މަޖިލީހާއި ރައީސްއަށް ފެންނަ ނުފެންނަ ވޯޓް ނަގަން ނިންމުމުގެ ބާރު ލިބޭއިރު، ރައީސް އާއި މަޖިލީހުން ތަފާތު ދެ ކަމަކަށް އެއް ވަގުތެއްގައި ވޯޓެއް އަހާފާނެ ހާލަތެއް އައިސްފިނަމަ އަމަލުކުރާނީ ކިހިނެއްކަން ސާފުނުވުން

  • އެއް ކަމަކަށް ރައްޔިތުންގެ ހިޔާލު ހޯދަން ކިހާ މުއްދަތެއްގައިތޯ ވޯޓަށް އެހޭނެތޯ

  • ނަގާނީ ހަމަ އެކަނި ފެންނަ ނުފެންނަ ވޯޓެއްތޯ ނުވަތަ ވަކި ޗޮއިސްތަކެއް ދޭގޮތަށް ވެސް ގާނޫނު އޮތުން ރަނގަޅު؛ މިސާލަކަށް، ރާއްޖޭގައި އޮންނަން ފެންނަނީ ޔުނިޓަރީތޯ ނުވަތަ ފެޑަރަލް ދައުލަތެއްގެ ގޮތުގައިތޯ ޗޮއިސްއެއްގެ ގޮތުގައި ބޭއްވުން

  • ލިޔަންކިޔަން ނޭނގޭ މީހުންނަށް، ވިޝުއަލްކޮށް ސުވާލުގައި ބުނާ އެއްޗެއް އެނގޭނޭ ގޮތަށް ކަރުދާސް ހަދަން ގާނޫނުގައި މަގުފަހިކުރުން

އެހާ ގިނަ ކަންކަން އީސީން ފާހަގަކުރުމުން މެންބަރުން ވަނީ އެ ބިލް މަޖިލީހަށް ފޮނުވިއިރު ޑްރާފްޓިން މަރުހަލާގައި އެ ކޮމިޝަނާ އެޓާނީ ޖެނެރަލް އޮފީހުން މަޝްވަރާ ކުރިތޯ ސުވާލު ކުރައްވައިފަ އެވެ. އެކަމާ ގުޅިގެން ޒާހިދު ވިދާޅުވީ އޭޖީން، އީސީއާ އެފަދަ މަޝްވަރާއެއް ނުކުރާ ކަމަށެވެ.

މީގެ އިތުރަށް ޒަކަރިއްޔާ ވަނީ، ރައްޔިތުން އޭގެ މައްޗަށް އަމަލުކުރުން ލާޒިމްވާ ކަންކަން ވޯޓް ނެގުމުގެ އިޖުރާއަތްތައް ހިމެނޭ ގޮތުން ގާނޫނުގައި ހިމަނައި ދިނުމަށް އެދިވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ ހަދާ ގަވައިދެއްގައި އެފަދަ ކަންކަން ހިމަނައިގެން އަމަލުކުރުން ލާޒިމް ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. 

"މުޅި ރައްޔިތުން އޭގެ މައްޗަށް އަމަލުކުރަން ޖެހޭ ކަންކަން ގާނޫނެއްގައި ހިމެނުއްވައި ދެއްވާށޭ. އަޅުގަނޑުމެން ފަސް މީހުން ތިބެގެން ހަދަން ޖެހޭ ގަވައިދެއްގައި އެކަން ހިމެނުމަކީ އެއީ ރަނގަޅު ކަމެއް ނޫނޭ،" ޒަކަރިއްޔާ ވިދާޅުވި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް