ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު - (ފޮޓޯ/ ރައީސް އޮފީސް)
ސާޖިދާގެ ދައުވާ ބޭރުކުރަން އެމްޑީޕީން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްފި
ރައީސް މުހައްމަދު މުއިއްޒު އާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ ދޮށީ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް، އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު ދެއްކި ވާހަކައިގެ މައްސަލަ ސިވިލް ކޯޓުން ބަލާތީ، އެމްޑީޕީން ހައި ކޯޓުގައި އިސްތިއުނާފްކުރި މައްސަލަ ހައި ކޯޓުން ބޭރުކޮށްފި އެވެ.
ވީކިހިނެއް؟ - ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ ދަރިކަލެއްގެ ސަބަބުން ކަމަށް މަރިޔަމް ޒުބައިރު އެމްޑީޕީގެ އެއްވުމެއްގައި ދެއްކި ވާހަކައަކާ ގުޅިގެން މަރިޔަމް ޒުބައިރުގެ އިތުރުން އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ މައްޗަށް ސާޖިދާ ވަނީ މަދަނީ ދައުވާކުރައްވައިފަ އެވެ.
އޭގެ ފަހުން:
-
ސިވިލް ކޯޓަށް މައްސަަ ނުބެލޭނެ ކަމަށް ބުނެ އެމްޑީޕީގެ ފަރާތުން އިއުތިރާޒުތަކެއް ހުށަހެޅި ނަމަވެސް އެ ކޯޓުން ނިންމީ މައްސަލަ ކުރިއަށް ގެންދަން
-
އެމްޑީޕީން ސިވިލް ކޯޓުގެ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފްކުރި
-
ހައި ކޯޓުގައި އެ ނިންމުން އިސްތިއުނާފްކޮށްފައިވަނިކޮށް، އެމްޑީޕީއާއި ފައްޔާޒު އަދި މަރިޔަމް ޒުބައިރު ވެސް ދައުވާތަކަށް ދިން މުއްދަތުގައި ޖަވާބު ނުދޭތީ އެ ފަރާތްތަކުގެ ގައިރު ހާޒިރުގައި ސިވިލް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ހުކުމްކުރި
-
ސިވިލް ކޯޓުން ހުކުމްކޮށްފައިވަނިކޮށް، އިއްޔެ ހައި ކޯޓުން ތާވަލުކުރި އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމަށް އެމްޑީޕީ، ފައްޔާޒު އަދި މަރިޔަމް ޒުބައިރުގެ ފަރާތުން ހާޒިރުވެފައެއް ނުވޭ
ތަފްސީލް - ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު މުހައްމަދު ނިޔާޒް އާއި ފަނޑިޔާރު ހުސައިން މަޒީދުގެ އަގުލަބިއްޔަތުން މައްސަލަ ބާތިލްކުރަން ނިންމެވީ:
-
ކޯޓަށް ހާޒިރުވުމުގެ ޗިޓާ ހަވާލުވުމަށްފަހު، އެމްޑީޕީއާއި ފައްޔާޒު އަދި މަރިޔަމް ޒުބައިރުގެ ވަކީލުންގެ ގޮތުގައި ހަމަޖައްސާފައިވާ ބޭފުޅުން ކޯޓަށް ހާޒިރު ނުވާއިރު ކޯޓަށް ހާޒިރުނުވެވޭނެ މަގުބޫލު ސަބަބެއް ވެސް އަންގާފައި ނުވާތީ
-
މި ހާލަތުގައި މައްސަލަ ބާތިލްކުރުމުގެ އިހުތިޔާރު ފަނޑިޔާރުންނަށް ލިބިގެންވާ ކަމަށް ހައި ކޯޓުގެ ގަވާއިދުގެ 48ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނާތީ
މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި އިންނެވި ފަނޑިޔާރު ދީބަނާޒު ފަހުމީގެ ރައުޔު ތަފާތެވެ. ދީބަނާޒުގެ ރައުޔަކީ:
-
މި މައްސަލާގައި އެމްޑީޕީން އިޖުރާއީ ހުށަހެޅުމަށް ހުށަހަޅާފައިވާތީ އެއާ މެދު ކޯޓުން ވަކި ގޮތެއް ނިންމަންދެން އިސްތިއުނާފީ އަޑުއެހުންތައް ފަސްކުރަން ވާނެ
-
އަދި އެ ހުށަހެޅުމާ މެދު ގޮތެއް ނިންމުމަކާ ނުލައި، އިސްތިއުނާފްކުރާ ފަރާތްތަކުން ކޯޓަށް ހާޒިރުނުވުމުގެ މައްޗަށް އެކަނި ރިއާޔަތްކޮށް މައްސަލަ ބާތިލް ނުކުރެވޭނެ
ހައި ކޯޓުގެ ގަވާއިދުގައި ބުނާ ގޮތުން މިފަދަ ހާލަތެއްގައި ކޯޓުން މައްސަލަ ބާތިލްކުރާތާ 15 ދުވަހުގެ ތެރޭގައި އަލުން މައްސަލަ ހުށަހެޅޭނެ އެވެ.
ކިޔާލަން
ރައީސްގެ ދަރިކަލުންގެ އަބުރަށް އަރައިގަތް ކަމަށް ސާބިތުވޭ: ހުކުމް
20 ޖުލައި 2025
ސާޖިދާ ހުށަހެޅި މައްސަލަ ބަލަން ނިންމުމުން އެމްޑީޕީން ހައި ކޯޓަށް
8 ޖުލައި 2025
ލައިވްކުރަން ސާޖިދާ ހުށަހެޅުއްވި ނަމަވެސް ކޯޓުން ނިންމީ ނުކުރަން
9 މޭ 2025
އެނގުން މުހިންމު - ސިވިލް ކޯޓަށް މި މައްސަލަ ނުބެލޭނެ ކަމަށް އެމްޑީޕީން ބުނަނީ:
-
އަބުރާބެހުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދު އޮންނަ ގޮތުން އެފަދަ މައްސަލައެއް ޝަރީއަތަށް ހުށަހެޅޭނީ އަބުރަށް އުނިކަން އައި ފަރާތް
-
އަބުރަށް އުނިކަން ލިބުނު ފަރާތަކަށް މި ބުނަނީ އުމައިރު؛ މައްސަލަ ހުށަހެޅުއްވީ އުމައިރުގެ މަންމާފުޅު ސާޖިދާ
-
ކުޑަކުއްޖެއްގެ އަބުރު ނަގައިލި ކަމަށް ބުނާ މައްސަލަތަކުގައި ބެލެނިވެރިޔާއަށް މައްސަލަ ހުށަހެޅޭނެ ކަމަށް ސިވިލް ކޯޓުން ނިންމި ނަމަވެސް ގަވާއިދުގައި އެހެނެއް ނުބުނޭ
ފާހަގަކޮށްލެވޭ - ސިވިލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީ ފައިސަލް އާދަމް ކުރެއްވި ހުކުމުގައި ވަނީ މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކުގެ ސަބަބުން ރައީސްގެ ދަރިކަލުން އުމައިރުގެ އަބުރު ރައްކާތެރިވެގެންވުމުގެ ހައްގު ނިގުޅައިގެންފައިވާކަން ސާބިތުވާ ކަމަށެވެ. އޭގެ އިތުރުން:
-
މަރިޔަމް ޒުބައިރުގެ އަތުން ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ސާޖިދާއަށް ލިބިވަޑައިގަންނަވާކަން އަދި ގެއްލުމުގެ ބަދަލު ހޯއްދަވަން ދައުވާކުރެއްވޭނެކަން
-
މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކާ ގުޅިގެން އެމްޑީޕީންނާއި ފައްޔާޒު ޒިންމާވާން ޖެހޭކަން ނުވަތަ ނޫންކަން ނިންމޭނީ މުޅި މައްސަލަ ބަލައިގެން ކަން؛ މި ވަގުތު އެ ދެ ފަރާތް މި ކަމުގައި ޒިންމާ ކުރެވެން ނެތް ކަން
-
މާފަށް އެދެން އަމުރުުކުރަން ސާޖިދާގެ ފަރާތުން ހުށަހެޅުއްވި ނަމަވެސް އެއީ ރާއްޖޭގެ ގާނޫނުތަކުން ކޯޓުތަކަށް ލިބިގެންވާ ބާރެއް ނޫން؛ އެހެންވެ އާންމުކޮށް މާފަށް އެދެން އަމުރު ކުރެވޭކަށް ނެތް ކަން
ކޮމެންޓް (1)
ތެފައާސާ.