މުލިއާގޭގެ ގޯތިތެރޭގައި ރައީސް މުއިއްޒު (ކ)، އަނބިކަނބަލުން ސާޖިދާ (ވ)، އަދި ދެ ދަރިކަލުން: ދަރިކަލުންނަށް ނިސްބަތްކޮށް އިދިކޮޅުން ދެއްކި ވާހަކަތަކުގެ މައްސަލަ ލައިވް ނުކުރާނެ - (ފޮޓޯ/ ރައީސް އޮފީސް)

ޝަރީއަތް ލައިވްކުރަން ސާޖިދާ ހުށަހަޅުއްވައިފި؛ ސިވިލް ކޯޓުން ނިންމީ ނުކުރަން

ސިވިލް ކޯޓަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ހުށަހެޅުއްވި މައްސަލައަކީ އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު، ސާޖިދާގެ ދަރިކަލުންގެ ކާރާމާތް ނަގާލިކަމަށް ވިދާޅުވާ މައްސަލައެއް

ރައީސް މުހައްމަދު މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ ދޮށީ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް، އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު ދެއްކި ވާހަކައާ ގުޅިގެން ހުށަހެޅި މައްސަލައިގެ ޝަރީއަތް ލައިވްނުކުރަން ސިވިލް ކޯޓުން އިއްޔެ ނިންމައިފި އެވެ.

ވީކިހިނެއް؟ - ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ ދަރިކަލެއްގެ ސަބަބުން ކަމަށް މަރިޔަމް ޒުބައިރު އެމްޑީޕީގެ އެއްވުމެއްގައި ދެއްކި ވާހަކައަކާ ގުޅިގެން މަރިޔަމް ޒުބައިރުގެ އިތުރުން އެމްޑީޕީއާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ މައްޗަށް ސާޖިދާ ވަނީ މަދަނީ ދައުވާކުރައްވައިފަ އެވެ.

އެ ޝަރީއަތްތައް އެކުގައި ހިންގުމަށާއި ލައިވްކުރުމަށް ސާޖިދާގެ ފަރާތުން ހުށަހެޅުއްވި އެވެ.

ތަފްސީލް - ތިން ފަރާތުގެ މައްޗަށް ކުރާ ދައުވާތަކުގައި ހިމެނެނީ އެއް މައުލޫއެއް ކަމަށް ވާތީ، ސާޖިދާ އެދިވަޑައިގަތް ގޮތަށް ތިން ފަރާތުގެ ޝަރީއަތް ވެސް އެކުގައި ކުރިއަށް ގެންދަން ކޯޓުން ނިންމާފައިވެ އެވެ.

ނަމަވެސް ސިވިލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ ފައިސަލް އާދަމް އިއްޔެ ނެރުއްވި ނިންމެވުމުގައި ވަނީ ޝަރީއަތް ލައިވްނުކުރުމަށެވެ. އެ ގޮތަށް ނިންމެވި ސަބަބަކީ:

  • ހުށަހެޅިފައިވާ މައްސަލައެއްގައި ކުޑަކުދީންގެ މަސްލަހަތު ހިމާޔަތްކުރުން، ނުވަތަ މީހަކު ކުރި ކުށެއްގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތެއްގެ މަސްލަހަތު ރައްކާތެރިކުރުމަކީ ޝަރީއަތް ލައިވްނުކުރުމަށް ފަނޑިޔާރަށް ބެލިދާނެ މަގުބޫލު ދެ ސަބަބު

  • ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އާންމު އުސޫލަކީ މައްސަލަތައް ވީހާވެސް ހާމަކަން ބޮޑުކޮށް ހުޅުވާލައިގެން ގެންދިއުން ކަމަށް ވިއަސް ކުޑަކުދިންގެ މަސްލަހަތު ހިިމެނޭ މައްސަލަތަކަށް އެ އުސޫލުން އިސްތިސްނާ ލިބިފައިވޭ

  • މުޅި މައްސަލައިގެ މައިގަނޑު މައުލޫއު ކުޑަކުއްޖަކަށް އަމާޒުވާއިރު ކޯޓުން ޝަރީއަތުގެ އަޑުއެހުންތައް އިންތިޒާމު ކުރުމުގައި ވެސް އެންމެ ބޮޑަށް ބަލަން ޖެހޭނީ އެ ކުއްޖާއަށް އެންމެ މަސްލަހަތު ބޮޑު ގޮތް

  • ސިޔާސީ ގޮތުން ޝައުގުވެރިކަން އުފެދިފައިވާ މައުލޫއެއްގެ އަމާޒަކަށް ކުޑަކުއްޖަކުވާ ހާލަތުގައި، ޝަރީއަތް ލައިވްކޮށްފިނަމަ އެ ކުއްޖާއަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމުގެ ފުރުސަތު ބޮޑު

ފާހަގަކޮށްލެވޭ - ސާޖިދާ ވަނީ ފެމިލީ ކޯޓަށް ވެސް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. އެ ގޮތުން:

  • ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ނިގުޅައިގަނެފައިވާ ކަމަށް ބުނެ

  • ފެމިލީ ކޯޓަށް މައްސަލަ ހުށަހެޅީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ބައިނަލްއަގުވާމީ މުއާހަދާއިން ކަށާވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގަނެފައިވާ ކަމަށް ބުނެ

ގުޅުން ހުރި ކަމެއް - މަރިޔަމް ޒުބައިރުގެ މައްޗަށް ދައުވާކުރަން ކޯޓަށް މައްސަލަ ހުށަހަޅުއްވާފައިވާއިރު، ރައީސްގެ ދަރިކަލުންގެ ކަރާމަތް ނަގާލީ ކުއްޖާގެ މަންމަ ކަމަށް ބުނެ، އެމްޑީޕީން ވަނީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅަން ނިންމައިފަ އެވެ.

އެމްޑީޕީން ބުނީ މަރިޔަމް ޒުބައިރު ވާހަކަ ދެއްކީ ވަކި ކުއްޖަކަށް ނިސްބަތްކޮށް ނޫން ކަމަށާއި ކުއްޖާގެ ޒާތީ މައުލޫމާތުތައް ހާމަކުރީ ސާޖިދާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަމަށެވެ.

ކޮމެންޓް (2)

ސިކުނޑި

9 މޭ 2025
ފިރިކަލުން އެ ހުންނެވީ ފޭކު މީހަކާ ބައްދަލުކޮށްގެން ސައުދީ ޝާހީ އާއިލާ ނަމާއި އަބުރު ނަގާލައި، ދިވެހި ދައުލަތުގެ ކަރާމާތް ގެއްލުވާލާފައި! މިކަން ކޯޓަކަށް ހުށަހަޅަން ކެރޭވަރުގެ މީހެއްނެތްތޯ؟؟
1 0

ޞަނަފްސާ

9 މޭ 2025
އޮސްކާ އެވޯޑް ހައްގު ޑްރާމާއެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް