ރައީސް މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ (ފޮޓޯ/ރައީސް އޮފީސް)

އެމްޑީޕީ

ސާޖިދާ ހުށަހެޅުއްވި މައްސަލަ ބަލަން ނިންމުމުން އެމްޑީޕީން ހައި ކޯޓަށް

ފަސްޓް ލޭޑީ ސާޖިދާ، އެމްޑީޕީ އާއި އެ ޕާޓީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރުގެ މައްޗަށް ދައުވާކުރެއްވީ މަރިޔަމް ޒުބައިރުގެ ވާހަކަތަކުގެ ސަބަބުން ރައީސްގެ ދަރިކަލުންގެ ފުރާނައަށް ނުރައްކާވެދާނެ ފަދަ ހާލަތެއް ކުރިމަތިކޮށްފައިވާތީ އާއި އަނބުރު ނަގާލާފައިވާ ކަމަށް ވިދާޅުވެ

ރައީސް މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ދޮށީ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް، އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު ދެއްކި ވާހަކައާ ގުޅިގެން ހުށަހެޅި މައްސަލަ ބަލަން ސިވިލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުގައި މިދިޔަ ހަފުތާ އަންގާރަ ދުވަހު އިސްތިއުނާފުކޮށްފި އެވެ.

ވީކިހިނެއް؟ - ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ ދަރިކަލެއްގެ ސަބަބުން ކަމަށް މަރިޔަމް ޒުބައިރު އެމްޑީޕީގެ އެއްވުމެއްގައި ދެއްކި ވާހަކައަކާ ގުޅިގެން މަރިޔަމް ޒުބައިރުގެ އިތުރުން އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ މައްޗަށް ސާޖިދާ ވަނީ މަދަނީ ދައުވާކުރައްވައިފަ އެވެ.

މައްސަލަ ހުށަހެޅި ގޮތުން އެ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ބުނެ އިއުތިރާޒުތަކެއް އެމްޑީޕީގެ ފަރާތުން ހުށަހެޅި އެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ އެ މައްސަލަ އެ ކޯޓަށް ބެލޭނެ ކަމަށެވެ. ދައުވާއަށް ޖަވާބުދާރީވުމަށް ވެސް ކޯޓުން އެންގި އެވެ.

ތަފްސީލް - ހައި ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި، ސިވިލް ކޯޓުގެ މި މައްސަލައިގެ ނިންމުމެއް މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އިސްތިއުނާފުކޮށްފަ އެވެ. ރަޖިސްޓްރީން ދައްކާ ގޮތުގައި، އިސްތިއުނާފް ބަލައިގަތުމާ މެދު ކޯޓުން ވަކި ގޮތެއް އަދި ނުނިންމަ އެވެ.

އެމްޑީޕީގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލު އަހުމަދު މައުރޫފު މިއަދު 'ދައުރު'އަށް ވިދާޅުވީ އެއީ މައްސަލަ ނުބެލޭނެ ކަމަށް ސިވިލް ކޯޓަށް ހުށަހެޅި ނުކުތާތަކާ މެދު އެ ކޯޓުން ނިންމި ނިންމުމުމުގެ އިސްތިއުނާފް ކަމަށެވެ.

މަދަނީ އިޖުރާއަތުގެ ގަވާއިދާއި ކުޑަކުދިން ރައްކާތެރިކުރުމުގެ ގާނޫނު އަދި ގާނޫނުއަސާސީގެ ބައެއް ވެސް ފާހަގަކޮށް ހުށަހަޅާފައިވާ މައްސަލަ އެ ގޮތަށް އެކުގައި ބެލިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން - (ފޮޓޯ/ އެމްޑީޕީ)

ފާހަގަކޮށްލެވޭ - ސާޖިދާ ވަނީ ފެމިލީ ކޯޓަށް ވެސް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. އެ ގޮތުން:

  • ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ނިގުޅައިގަނެފައިވާ ކަމަށް ވިދާޅުވެ

  • ފެމިލީ ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ބައިނަލްއަގުވާމީ މުއާހަދާއިން ކަށާވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގަނެފައިވާ ކަމަށް ވިދާޅުވެ

ގުޅުން ހުރި ކަމެއް - މަރިޔަމް ޒުބައިރުގެ މައްޗަށް ދައުވާކުރަން ކޯޓަށް މައްސަލަ ހުށަހަޅުއްވާފައިވާއިރު، ރައީސްގެ ދަރިކަލުންގެ ކަރާމަތް ނަގާލީ ކުއްޖާގެ މަންމަ ކަމަށް ބުނެ، އެމްޑީޕީން ވަނީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅަން ނިންމައިފަ އެވެ.

އެމްޑީޕީން ބުނީ މަރިޔަމް ޒުބައިރު ވާހަކަ ދެއްކީ ވަކި ކުއްޖަކަށް ނިސްބަތްކޮށް ނޫން ކަމަށާއި ކުއްޖާގެ ޒާތީ މައުލޫމާތުތައް ހާމަކުރީ ސާޖިދާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަމަށެވެ.

ކޮމެންޓް (3)

ށާޕި

8 ޖުލައި 2025
މޫނުމަތިން އެނގޭ ޒީލަ ގަދަ ބަދަލު ހިފުމުގެ ރޫހު. ދިވެހި ރާއްޖެއަކުން އިންސާފެއް ނުލިބޭނެ. ޙުކުމް ވަރަށްސާފު. ވަޒީފާ ވަރަށްމުހިއްމު. ޙުކުމްވިއްޔާހުކުމް، ވަޒީފާވިއްޔާ ވަޒީފާ.
0 0

ތެފައާސާ.

8 ޖުލައި 2025
ސިވިލް ކޯޓުގެ ފަނޑިޔާރުންނަށް އެނޫންގޮތަކަށް ނިންމަން ކިހިނަކުންހޭ ކެރޭނީ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންނަށް ހަދާލިގޮތްވެސް އެންމެންނަށް ހާމަކޮށް ފެންނާންނޫންހޭ އެ އޮތީ؟ މި ބުނީއޭ ހުކުމް ކޮށްފައި އޮތްކަމެއްގައި ހުކުމް ކުރި ފަހުން، އެކަމަކު ހަމަ އެ ހުކުމް ކުރަން ނުފޫޒު ފޯރުވިކަމަށް ސާބިތުވެއެޖެއޭ، ބަޔަކު ކޮސްވެދާނެ ނޫންހޭ؟
2 0

ސުނީ

9 ޖުލައި 2025
@ތެފައާސާ. އަސްލު މަ ހިތައް އަރަނީ މި ރާއްޖޭގެ ޝަރުޢީ ނިޒާމާއި އަޅާބަލާއިރު ސަދޫމް އަސްލު ރަނގަޅޭ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް