މުލިއާގޭގެ ގޯތިތެރޭގައި ރައީސް މުއިއްޒު (ކ)، އަނބިކަނބަލުން ސާޖިދާ (ވ)، އަދި ދެ ދަރިކަލުން: ދަރިކަލުންނަށް ނިސްބަތްކޮށް އިދިކޮޅުން ދެއްކި ވާހަކަތަކުގެ މައްސަލަ ފެމިލީ ކޯޓަށް ވެސް ހުށަހަޅައިފި - (ފޮޓޯ/ ރައީސް އޮފީސް)

ރައީސްގެ ދަރިކަލުންގެ އަބުރަށް އަރައިގަތް ކަމަށް ސާބިތުވާ ކަމަށް ކޯޓުން ހުކުމްކޮށްފި

ފަސްޓް ލޭޑީ ސާޖިދާ، އެމްޑީޕީ އާއި އެ ޕާޓީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރުގެ މައްޗަށް ދައުވާކުރެއްވީ މަރިޔަމް ޒުބައިރުގެ ވާހަކަތަކުގެ ސަބަބުން ރައީސްގެ ދަރިކަލުންގެ އަބުރު ނަގާލާފައިވާ ކަމަށް ވިދާޅުވެ

ރައީސް މުހައްމަދު މުއިއްޒު އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ދޮށީ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް، އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު ދެއްކި ވާހަކައިން އުމައިރުގެ އަބުރަށް އަރައިގެންފައިވާކަން ސާބިތުވާ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ ދަރިކަލެއްގެ ސަބަބުން ކަމަށް މަރިޔަމް ޒުބައިރު އެމްޑީޕީގެ އެއްވުމެއްގައި ދެއްކި ވާހަކައަކާ ގުޅިގެން މަރިޔަމް ޒުބައިރުގެ އިތުރުން އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ މައްޗަށް ސާޖިދާ ވަނީ މަދަނީ ދައުވާކުރައްވައިފަ އެވެ. 

އެ މައްސަލާގައި ސާޖިދާ ކުރައްވާ ދައުވާތަކަށް ޖަވާބު ހުށަހެޅުމަށް ދިން ފުރުސަތުގައި ދައުވާ ރައްދުވާ ފަރާތްތަކުން ޖަވާބު ހުށަހަޅާފައެއް ނުވެ އެވެ. ދިން މުއްދަތު ހަމަވި ފަހުން ޖަވާބެއް ފޮނުވި އެވެ. ނަމަވެސް ސާޖިދާ އެދިވަޑައިގަތީ މުއްދަތު ހަމަވި ފަހުން ޖަވާބު ހުށަހެޅުމުން، ގައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށެވެ.

މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކުގެ ސަބަބުން އުމައިރުގެ އަބުރަށް އުނިކަން އަންނަ ކަމަށް ސާބިތުވާ ކަމަށް ސިވިލް ކޯޓުން ހުކުމްކުރީ، މައްސަލަ ރައްދުވާ ފަރާތްތަކުގެ ގައިރު ހާޒިރުގަ އެވެ.

ތަފްސީލް - ސިވިލް ކޯޓުން ކުރި ހުކުމުން އެނގުުނު ގޮތުގައި ގައިރު ހާޒިރުގައި ކުރާ ހުކުމުން ތިން ކަމަކަށް ސާޖިދާ އެދިވަޑައިގެންނެވި އެވެ. އެ ތިން ކަމަކީ:

  • ގާނޫނުއަސާސީންނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ސާޖިދާގެ ދަރިކަލަށް ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިވެގެންވުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ކަނޑައަޅައިދިނުން

  • ދަރިކަލަށް ލިބިފައިވާ އަދި ލިބޭނެ ކަމަަށް ގަބޫލުކުރެވޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ސާޖިދާއަށް ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުން

  • ދަރިކަލަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކަށާއި އޭގެ ސަބަބުން ނުކުމެވެފައިވާ ނަތީޖާއަށް އާންމުކޮށް މައާފަށް އެދުމަށް ދައުވާ ލިބޭ ފަރާތްތަކަށް ކޯޓުން އެންގުން

މައްސަލަ ބެއްލެވި ގާޒީ ފައިސަލް އާދަމް ކުރެއްވި ހުކުމުގައި ވަނީ:

  • މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކުގެ ސަބަބުން އުމައިރުގެ އަބުރު ރައްކާތެރިވެގެންވުމުގެ ހައްގު ނިގުޅައިގެންފައިވާކަން ސާބިތުވާ ކަމަށް

  • އެހެންވެ، މަރިޔަމް ޒުބައިރުގެ އަތުން ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ސާޖިދާއަށް ލިބިވަޑައިގަންނަވާކަން އަދި ގެއްލުމުގެ ބަދަލު ހޯއްދަވަން ދައުވާކުރެއްވޭނެކަން

  • މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކާ ގުޅިގެން އެމްޑީޕީންނާއި ފައްޔާޒު ޒިންމާވާން ޖެހޭކަން ނުވަތަ ނޫންކަން ނިންމޭނީ މުޅި މައްސަލަ ބަލައިގެން

  • މާފަށް އެދެން އެންގުމަކީ ރާއްޖޭގެ ގާނޫނުތަކުން ކޯޓުތަކަށް ލިބިގެންވާ ބާރެއް ނޫން؛ އެހެންވެ އާންމުކޮށް މާފަށް އެދެން އަމުރު ކުރެވޭކަށް ނެތް

ފާހަގަކޮށްލެވޭ - އެމްޑީޕީގެ ފަރާތުން ވަނީ މި މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ހައި ކޯޓުގައި ސިވިލް ކޯޓުގެ ނިންމުމެއް އިސްތިއުނާފު ވެސް ކޮށްފަ އެވެ. އަދި ހައި ކޯޓުން ވަނީ އެ މައްސަލަ އެ ކޯޓުގައި ރަޖިސްޓްރީކޮށްފަ އެވެ.

ސިވިލް ކޯޓަށް މި މައްސަލަ ނުބެލޭނެ ކަމަށް އެމްޑީޕީން ބުނަނީ:

  • އަބުރާބެހުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދު އޮންނަ ގޮތުން އެފަދަ މައްސަލައެއް ޝަރީއަތަށް ހުށަހެޅޭނީ އަބުރަށް އުނިކަން އައި ފަރާތް

  • އަބުރަށް އުނިކަން ލިބުނު ފަރާތަކަށް މި ބުނަނީ އުމައިރު؛ މައްސަލަ ހުށަހެޅުއްވީ އުމައިރުގެ މަންމާފުޅު ސާޖިދާ

  • ކުޑަކުއްޖެއްގެ އަބުރު ނަގައިލި ކަމަށް ބުނާ މައްސަލަތަކުގައި ބެލެނިވެރިޔާއަށް މައްސަލަ ހުށަހެޅޭނެ ކަމަށް ސިވިލް ކޯޓުން ނިންމި ނަމަވެސް ގަވާއިދުގައި އެހެނެއް ނުބުނޭ

ކޮމެންޓް (1)

ދޮޅި

20 ޖުލައި 2025
ތި ނޫން ހުކުމެއް ނެރެފިނަމަ ވާނެގޮތް ސާފެވެ. ސްޕްރީމް ކޯޓުގެ ފަޑިޔާރުންނަށް ޖެހުނު ދަތުރެވެ. ވީމާ، ތިއީކީ މީހަކު ކުޑަކޮށްވެސް އެ ނޫންގޮތަކަށް އުއްމީދު ކުރާނޭ ހުކުމެއް ނޫނެވެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް