ޓީއެމްއޭގެ ޕައިލެޓުންނާއި ފަޅުވެރިން، އަދި އިންޖިނިއަރުން ހިމެނޭ ގޮތަށް ބޭއްވި ބައްދަލުވުން - (ފޮޓޯ/ އޭވިއޭޓާސް މޯލްޑިވްސް)

ޓީއެމްއޭ

ޓީއެމްއޭ މުވައްޒަފުންގެ ކަންބޮޑުވުންތަކާ އެކު މުސާރަ ޑޮލަރުން ދޭ ގޮތަށް ބަދަލުކޮށްފި

ޓީއެމްއޭއިން މީގެ ކުރިން ނިންމާފައި އޮތީ މުސާރައިގެ %80 ޑޮލަރުން އަދި %20 ދިވެހި ރުފިޔާއިން ދޭ ގޮތަށް؛ މި ނިންމުން ބަދަލު މިކުރީ މުވައްޒަފުން ހަޅުތާލުކުރަން ނިންމާފައި ވަނިކޮށް

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ މުވައްޒަފުންގެ މުސާރައިގެ ބައެއް ދިވެހި ރުފިޔާއިން ދޭ ގޮތަށް ގެނައި ބަދަލާ މެދު ހިތްހަމަނުޖެހި މުވައްޒަފުން ހަޅުތާލަކަށް ދާން އުޅެނިކޮށް އެ ނިންމުން ބަދަލުކޮށްފި އެވެ. 

ވީ ކިހިނެއް؟ - ޓީއެމްއޭގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައީ، މިހާރު އަމަލުކުރަމުން އަންނަ ބޭރު ފައިސާގެ ގާނޫނުގެ ދަށުން، އެ ތަނުގެ އާމްދަނީން %20 ރާއްޖޭގެ ބޭންކެއްގައި މާރުކުރަން މަޖުބޫރުވުމުންނެވެ.

ޓީއެމްއޭގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލަކީ:

  • މުސާރައިގެ %80 ޑޮލަރުން އަދި %20 ދިވެހި ރުފިޔާއިން ދޭ ގޮތަށް

މި ނިންމުން ބަދަލުކޮށް، މުޅި މުސާރަ ޑޮލަރުން ދޭން އަނެއްކާވެސް ޓީއެމްއޭއިން ވަނީ ނިންމާފަ އެވެ. އެކަން ޓީއެމްއޭގެ އޮފިޝަލަކު ވެސް 'ދައުރު'އަށް ޔަގީންކޮށްދެއްވި އެވެ.

ތަފްސީލް - ޓީއެމްއޭގެ ސީއީއޯ އުސާމާ ފައުޒީ މުވައްޒަފުންނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މުސާރައިގެ އޮނިގަނޑު ކުރިން އޮތް ގޮތަށް ބަދަލުކޮށް، މުސާރަ އެއްކޮށް ޑޮލަރުން ދޭން ނިންމި ކަމަށެވެ. 

ޓީއެމްއޭއަކީ ދުނިޔޭގެ ވެސް އެންމެ ބޮޑު ސީޕްލޭން އެއާލައިން އެވެ. ރާއްޖެ އަންނަ ޓޫރިސްޓުންގެ ބޮޑު ބައެއް ރިސޯޓްތަކަށް އުފުލަނީ ޓީއެމްއޭއިންނެވެ.

ޓީއެމްއޭގެ މުވައްޒަފުން ހަޅުތާލަކަށް ނުކުމެއްޖެ ނަމަ ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑު ލޮޅުމެއް އެރުން ކައިރި އެވެ.

މުސާރައިގެ %20 ދިވެހި ރުފިޔާއިން ދޭން ހަމަޖެއްސުމުން ދެން ކަންކުރާނެ ގޮތެއްގެ މަޝްވަރާއަށް ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ މި ފަހުން ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް