ޓީއެމްއޭގެ ސީޕްލޭނެއް. (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދު)

ޓޫރިޒަމް

ޕައިލެޓުން އިހުތިޖާޖަކަށް ހިނގައިދާނެތީ މަޓާޓޯއިން ކަންބޮޑުވެއްޖެ

މަޓާޓޯ އިން ވަނީ ޕައިލެޓުންގެ ކަންބޮޑުވުންތަކަށް ޓީއެމްއޭ އާއި ކަމާ ގުޅުންހުރި އެހެން އިދާރާތަކުން މަޝްވަރާކޮށް، އެ އެއާލައިންގެ އޮޕަރޭޝަންތަކަށް ބުރޫނާރާނެހެން މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލާފައި

މީގެ ކުރިން ޑޮލަރުން ދެމުން އައި މުސާރައިގެ ބައެއް ދިވެހި ރުފިޔާ އިން ދޭން ފަށާފައިވާތީ، އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމަށް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ޕައިލެޓުން މަސައްކަތް ހުއްޓާލަން ނިންމި ކަމަށް ބުނާތީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓް އެންޓް ޓުއަ އޮޕަރޭޓާސް (މަޓާޓޯ) އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވީ ކިހިނެއް؟ - ޑޮލަރުން ދެމުން އައި މުސާރައިގެ ބައެއް ރުފިޔާ އިން ދޭން ފެށުމުން އެކަމާ ހިތްހަމަނުޖެހި، އަންނަ ހޮނިހިރު ދުވަހުން ފެށިގެން ދަތުރުކުރުން ހުއްޓާލަން ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ މަޓާޓޯ އިން ވަނީ ފަތުރުވެރިންގެ ދަތުރުތަކަށް އަސަރު ކުރާނެތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ތަފްސީލް - އެ ޖަމިއްޔާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އަންނަ ފަތުރުވެރިންގެ ބޮޑު އިންސައްތައެއް އުފުލަނީ ޓީއެމްއޭގެ ސީޕްލޭންތަކުގައި ކަމަށާއި ޕައިލެޓުން ދަތުރުކުރުން ހުއްޓާލާ އިހުތިޖާޖަށް ގޮސްފި ނަމަ އޭގެ އަސަރު ޓޫރިޒަމް ދާއިރާއަށް ކުރާނެ ކަމަށެވެ.

މިއީ ފަތުރުވެެރިިން ރާއްޖެ އައިސް ކުރާ ތަޖުރިބާއަށް ވެސް އަސަރު ކުރާނެ ކަމެއްކަން ފާހަގަކޮށް މަޓާޓޯ އިން ބުނީ މިއީ ހަމައެކަނި ޓީއެމްއޭގެ އެތެރޭގެ މައްސަލައެއް ނޫން ކަމަށާއި މުސާރަ މައްސަލާގައި ޕައިލެޓުން ދަތުރުކުރުން ހުއްޓާލައިފި ނަމަ، ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް އޭގެ ސަބަބުން ބޮޑު އަސަރެއް ކުރާނެ ކަމަށެވެ.

ފަތުރުވެރިން އެއާޕޯޓުން ރިސޯޓަށް އަދި ރިސޯޓުން އެއާޕޯޓަށް ކުރާ ދަތުރުތަކަށް އަސަރުކޮށްފި ނަމަ، ރާއްޖޭގެ މުޅި ޓޫރިޒަމްގެ އަގު ވެއްޓިދާނެކަން ވެސް މަޓާޓޯ އިން ފާހަގަކުރެ އެވެ. އެގޮތުން، އެ ޖަމިއްޔާ އިން ބުނީ:

  • މިފަދަ އިހުތިޖާޖަކަށް ހިނގައްޖެ ނަމަ، ފަތުރުވެރިންގެ ފްލައިޓުތައް މިސްވެ، ރިސޯޓުތަކަށާއި އެއާލައިންތަކަށް ވެސް އޭގެ އަސަރުކުރާނެ

  •  މިއީ ރާއްޖޭގެ ރީތި ނަމަށް ވެސް އަސަރުކުރާނެ ކަމެއް

މަޓާޓޯ އިން ބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބައިނަލްއަގުވާމީ ދުނިޔޭގައި ލިބިފައިވާ ރީތި ނަމަށް ވެސް މިކަމުގެ ސަބަބުން އަސަރު ކުރާނެ ކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާ އިން ހޯދާފައިވާ އިތުބާރު ގެއްލި، ފަތުރުވެރިން ރާއްޖެއާ މެދު ދެކޭ ގޮތް ވެސް މީގެ ސަބަބުން ބަދަލުވާނެ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

މަޓާޓޯ އިން ވަނީ ޕައިލެޓުންގެ ކަންބޮޑުވުންތަކަށް ޓީއެމްއޭ އާއި ކަމާ ގުޅުންހުރި އެހެން އިދާރާތަކުން މަޝްވަރާކޮށް، އެ އެއާލައިންގެ އޮޕަރޭޝަންތަކަށް ބުރޫނާރާނެހެން މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައިފަ އެވެ. 

މީގެ އިތުރުން، ފަތުރުވެރިކަމުގައި ރާއްޖޭގެ ބްރޭންޑާއި ރީތި ނަން ހިމާޔަތްކޮށް، ދުނިޔޭގެ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެއިން ހޯދާފައިވާ ނަން ދެމެހެއްޓުމަށް ފިޔަވަޅުތައް އެޅުމަށް ވެސް މަޓާޓޯ އިން ގޮވާލާފައިވެ އެވެ.

ގުޅުން ހުރި - ޓީއެމްއޭގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ އެކު މުސާރަ ދެނީ %80 ޑޮލަރުން އަދި %20 ދިވެހި ރުފިޔާއިންނެވެ. މުވައްޒަފުންނާ އެކު ކުންފުނިން ހަދާފައިވާ އެއްބަސްވުމުގައި އޮންނަނީ މުސާރަ ޑޮލަރުން ދޭ ގޮތަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް