ޓީއެމްއޭގެ ޕައިލެޓުންނާއި ކެބިން ކްރޫން، އަދި އިންޖިނިއަރުން ހިމެނޭ ގޮތަށް، ޓީއެމްއޭގެ މުސާރައަށް ގެންނަ ބަދަލާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ކުރިއަށް ގެންދިޔަ ބައްދަލުވުން - (ފޮޓޯ/ އޭވިއޭޓާސް މޯލްޑިވްސް)
ރުފިޔާއިން މުސާރައިގެ ބައެއް ދިނުމާ ދެކޮޅަށް ޓީއެމްއޭގެ މުވައްޒަފުން އެއްވެއްޖެ
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ މުވައްޒަފުންގެ މުސާރައިގެ ބައެއް ދިވެހި ރުފިޔާއިން ދޭން ޖެހޭ ގޮތަށް މުސާރައިގެ އޮނިގަނޑާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުން ރޭ ބައްދަލުވުމެއް ބާއްވައިފި އެވެ.
ވީކިހިނެއް؟ - މުސާރައިގެ އޮނިގަނޑާ ގުޅޭ ގޮތުން މުވައްޒަފުންގެ ހުރި ހިތްހަމަނުޖެހުންތަކާ ގުޅިގެން، މި ބައްދަލުވުމެއް ބޭއްވީ ހުޅުމާލޭ ވޯޓާސް އެޖް ރޫފްޓޮޕްގަ އެވެ.
ތަފްސީލް - އޭވިއޭޝަން ދާއިރާގެ މުވައްޒަފުން ތަމްސީލްކުރާ އޭވިއޭޓާސް މޯލްޑިވްސްގެ ސައިޓްގައި ލިޔެފައިވާ ގޮތުން މި ބައްދަލުވުމުގައި ޓީއެމްއޭގެ ޕައިލެޓުންނާއި ކެބިން ކްރޫން އަދި އިންޖިނިއަރުން ވެސް ބައިވެރިވި އެވެ. އެ ގޮތުން:
-
ޓީއެމްއޭގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލަކީ މުސާރައިގެ %80 ޑޮލަރުން އަދި %20 ދިވެހި ރުފިޔާއިން ދޭ ގޮތަށް
-
މި ބަދަލު ޓީއެމްއޭން ގެނައީ މި އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ބޭރު ފައިސާގެ ގާނޫނުގެ ސަބަބުން؛ އެ ތަނަށް ލިބޭ އާމްދަނީގެ ބައެއް ބޭންކުތަކަށް ދިވެހި ރުފިޔާއަށް މާރުކުރަން ޖެހޭތީ
މުވައްޒަފުންނާ މާ ބޮޑު މަޝްވަރާކުރުމެއް ނެތި ގެނައި މި ބަދަލުގެ ސަބަބުން ވަރަށް ބޮޑު އަސަރެއް ކުރާނެކަން، ރޭގެ ބައްދަލުވުމުގައި ބައިވެރިވި މީހުން ފާހަގަކޮށްފައިވާ ކަމަށް އެ ލިޔުމުގައިވެ އެވެ. އެ ގޮތުން:
-
ކުރިއަށް އޮތް ތަނުގަައި ވެސް ރަނގަޅު މަޝްވަރާއަކާއި ތައްޔާރީއަކާ ނުލައި ޓީއެމްއޭން މުސާރައިިން ދިވެހި ރުފިޔާއިން ދޭނެ ރޭޝިއޯ މަތިކޮށްފާނެ ކަމުގެ ބިރު ބޮޑު
-
ޑޮލަރުން މިހާރު ލިބޭ އާމްދަނީއަށް ބަރޯސާވެގެން، މުވައްޒަފުން ޑޮލަރުން ދައްކަން ޖެހޭ ގޮތަށް ނަގާފައިވާ ލޯނުތަކާއި އެހެނިހެން ހަރަދުތައް ދެއްކުމަށް ދަތިވާނެ
އޭވިއޭޓާސް މޯލްޑިވްސްއިން ދެކޭ ގޮތުގައި، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް އޮޕަރޭޓްކުރާ އަދި ރިސޯޓްތަކަށް ޓޫރިސްޓުން އުފުލުމުގައި އެންމެ މުހިންމު ދައުރެއް އޮތް ޓީއެމްއޭއަށް ލިބޭ ޑޮލަރު އާމްދަނީ މާރުކުރަން ޖެހޭތީވެ، ޑޮލަރުގެ ލިކިއުޓިޑީ ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ.
އިހުތިޖާޖެއް ނޫނީ ހަޅުތާލެއް ކުރަން ނިންމި ކަމެއް ސާފުނުވި ނަމަވެސް ހާލަތު އިތުރަށް ގޯސްވާތީ އެތެރޭގެ ވާހަކަތަކާއި މަޝްވަރާތައް އިތުރުކޮށްގެން ހާލަތު ބަދަލުކުރުމަށް މަސައްކަތްކުރުމަށް ރޭ ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެ ލިޔުމުގައިވެ އެވެ.
ކޮމެންޓް (2)
ހެޔޮނުވާނެ
ނަދީމް