އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޗެއާޕާސަން ފައްޔާޒު އިސްމާއިލް (ދައުރު ފޮޓޯ/ އަޒްމީ އަހުމަދު)

ޓީއެމްއޭ

ޓީއެމްއޭގެ އިހުތިޖާޖަކީ ސަރުކާރުގެ ގޯސް ސިޔާސަތުތަކުގެ މިސާލެެއް: ފައްޔާޒު

ސަރުކާރުގެ ގޯސް ސިޔާސަތުތަކުގެ ސަބަބުން އެކަމުގެ ބުރަ އިހުސާސްކުރަން ޖެހިފައިވަނީ އާންމުންނާއި ވިޔަފާރިތަކަށް ކަމަށް އޭނާ ވިދާޅުވި

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ މުވައްޒަފުން އިހުތިޖާޖަށް ނުކުތުމަކީ ސަރުކާރުގެ ގޯސް ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ދަތިތަކުގެ އިތުރު މިސާލެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޓީއެމްއޭގެ މުވައްޒަފުންނަށް ޑޮލަރުން ދެމުން އަންނަ މުސާރައިގެ %20 ދިވެހި ރުފިޔާއިން ދޭން ހަމަޖެއްސުމުން ޕައިލެޓުން ހަޅުތާލަކަށް ނުކުންނަން ދަނީ ތައްޔާރުވަމުންނެވެ. އެގޮތަށް ޓީއެމްއޭއިން ނިންމީ ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން މަހަކު ލިބޭ އާމްދަނީގެ %20 ބޭންކްތަކުގައި މާރުކުރަން މަޖުބޫރުކުރުމުންނެވެ.

ބުނީ ކީކޭ؟ - މިދިޔަ ސަރުކާރުގެ އިކޮނަމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ ސަރުކާރުގެ ގޯސް ސިޔާސަތުތަކުގެ ސަބަބުން އެކަމުގެ ބުރަ އިހުސާސްކުރަން ޖެހިފައި ވަނީ އާންމުންނާއި ވިޔަފާރިތަކަށް ކަމަށެވެ.

"ސަރުކާރަށް ފައިސާ ހޯދުމަށް ދަތިވުމާއި، ސަރުކާރުގެ މައިގަނޑު ސިޔާސަތުތައް މެދުކެނޑުމެއް ނެތި އެކި ގޮތްގޮތަށް ބަދަލުކުރުމާއި، ލިބިފައިވާ މަދު ވަސީލަތްތައް ބޭކާރު ގޮތުގައި ބޭނުންކުރުމުގެ ނަތީޖާއެއްގެ ގޮތުން އިންވެސްޓަރުންގެ އިތުބާރު ގެއްލި، އެތެރޭގެ މާކެޓުގައި ޑޮލަރުގެ ތާށިކަން ކުރިމަތިވެ، ސަރުކާރުގެ ނާކާމިޔާބީގެ ބުރަ އިހުސާސް ކުރަން ޖެހިފައިވަނީ އާންމު ރައްޔިތުންނާއި ވިޔަފާރީތަކަށް،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވި އެވެ.

އޭނާާ ވަނީ ޓީއެމްއޭގެ މައްސަލަ ހައްލުކުރަން މުވައްޒަފުންނާ އެކު މަޝްވަރާކޮށްގެން ވީހާވެސް އަވަހަށް ގޮތެއް ހޯދަން ސަރުކާރަށް ގޮވާލައްވާފަ އެވެ. އެގޮތުން ވިދާޅުވީ މިދިޔަ ސަރުކާރުގައި ތަސްދީގުކުރި 'އިންޑަސްޓްރިއަލް ރިލޭޝަންސް'ގެ ގާނޫގައި މަސައްކަތްތެރިންނާއި ވަޒީފާ ދޭ ފަރާތްތަކުގެ ދެމެދުގައި އުފެދޭ މައްސަލަތަކާއި ދެބަސްވުންތައް ހައްލުކުރުމާ ގުޅޭ އުސޫލުތައް ކަނޑައަޅާފައި އޮންނާނެ ކަމަށެވެ. 

ފާހަގަކޮށްލެވޭ ކަމެއް - ޑޮލަރުން ދެމުން އައި މުސާރައިގެ ބައެއް ރުފިޔާ އިން ދޭން ފެށުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމަށް ޓީއެމްއޭގެ ޕައިލެޓުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން މަސައްކަތް ހުއްޓާލަން ނިންމާފައިވާތީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓް އެންޓް ޓުއަ އޮޕަރޭޓާސް (މަޓާޓޯ) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މަޓާޓޯއިން ބުނީ ރާއްޖެ އަންނަ ފަތުރުވެރިންގެ ބޮޑު ބައެއް އުފުލަނީ ޓީއެމްއޭގެ ސީޕްލޭންތަކުގައި ކަމަށާއި ޕައިލެޓުން ދަތުރުކުރުން ހުއްޓާލާ އިހުތިޖާޖަށް ހިނގައްޖެ ނަމަ އޭގެ އަސަރު ޓޫރިޒަމް ދާއިރާއަށް ކުރާނެ ކަމަށެވެ.

ކޮމެންޓް (1)

ސިޔާސީ ވިސްނުން ދޫކޮށްލަބަލަ

21 ޖުލައި 2025
ނޫން! މިހާ ށޯޓް ސައިޓެއް ނުވެބަލަ. މިއީ ނުވާ ފެންވަރުން އުޅެން ހަދައިގެން ނެގި ދަރަނި ތަކުން މަޖުބޫރު ކުރުވި އިޤްތިސާދީ ޙާލަތު. މިވަގުތަށް އެހެން ހެދުނަސް ކުރިޔަށް އޮތްތަނުގައި ޕައިލެޓުން ގިނަވީމާ ތި އެންމެން ބަދަލުކޮށްލާ ވަރަށް ޕައިލެޓުން ލިބޭނެ. އަދުގެ ހާލަތަކީ ޑޮލަރުގެ ތާށިކަން. އެއީ ލޯނު ދައްކަން ޖެހޭތީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް