8 އޮގަސްޓް 2024؛ އަނަސްގެ މަރުގެ ތުހުމަތުވާ މީހުން ހައި ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި

އަނަސްގެ މަރު

އަނަސް މަރާލުމުގެ ތުހުމަތު އޮތް މީހުން ބަންދުކުރަން ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ހަމަލާދީ މުހައްމަދު އަނަސް މަރާލުމުގެ ތުހުމަތު އޮތް މީހުން ދޫކޮށްލައިފިނަމަ މުޖުތަމައަށް ނުރައްކާ އޮތް ކަން ދައުލަތުން ހުށަހެޅި އިންޓެލިޖެންސް ރިޕޯޓުން އެނގޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވޭ

މީގެ ހައެއްކަ އަހަރު ކުރިން، ދުޝްމަނެއް ކަމަށް ހީކޮށް އޮޅިގެން ގޭންގެއްގެ ބަޔަކު، ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ހަމަލާދީ މުހައްމަދު އަނަސް މަރާލުމުގެ ތުހުމަތު އޮތް މީހުން ބަންދުކުރަން ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މައްސަލައިގެ ފެށުން - އަނަސް، ފެންފިޔާޒުގެ/ރ. މީދޫ، އަނިޔާވެރި ގޮތަކަށް މަރާލީ 31 ޖުލައި 2017ގަ އެވެ. މި މައްސަލާގައި  ހަތް މީހެއްގެ މައްޗަށް ދެ ބާވަތެއްގެ ދައުވާ އުފުލި އެވެ. އެއީ:

ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ:

  • އަފްރާހު އަބްދުއްރައްޒާގު، މ. ލޮނުމިދިލިގެ/މާލެ

  • އަހުމަދު ޒަޔާން، އަސުރުމާގެ/ޅ. ކުރެންދޫ

  • އުސްމާން ޝަރީފް، މ. ދިމިޝްގު/މާލެ

ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ:

  • ޖުނައިހު އަބްދުﷲ، ނަންނާރިގެ/ލ. ގަން، ތުނޑީ އަވަށް

  • ހަސަން މަހްފޫޒް، ވެސްޓަންވިލާ/ސ. ފޭދޫ

  • ސިމާހު މޫސާ، ދަފްތަރު ނަމްބަރު 1746/މާލެ

  • މުހައްމަދު ޝާޒް، ގުލްފާމުގެ/ތ. ކިނބިދޫ 

ވީކިހިނެއް؟ - 25 ފެބްރުއަރީ 2024ގައި ކްރިމިނަލް ކޯޓުން ހުކުމްކުރީ އެކަކުގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށެވެ. އެގޮތުން، 16 މެއި 2024ގައި ދަށު ކޯޓުގެ ނިންމުން އިސްތިއުނާފްކޮށް، އިސްތިއުނާފްގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ދައުލަތުން އެދުނު ނަމަވެސް ބަންދު ނުކުރަން ހައި ކޯޓުން ދެ ފަހަރު މަތިން ނިންމި އެވެ.

ހައި ކޯޓުގެ ޝަރީއަތް ނިމެންދެން ހަތް މީހުން ބަންދުކުރުމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކުރީ، ދެވަނަ ފަހަރު ހައި ކޯޓުން ނިންމި ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލަ ބަލައި ނިންމުމަށް ފަހުގަ އެވެ.

ތަފްސީލް - ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަލީ ރަޝީދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްގެ އަގުލަބިއްޔަތުން ނެރުއްވި ހުކުމުގައިވަނީ:

  • އިސްތިއުނާފްގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ބަލާއިރުގައި މުޖުތަމައަށް ނުރައްކާ އޮތް މިންވަރަށް ބަލަން ޖެހޭ

  • ދައުލަތުން ހުށަހެޅި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުން މުޖުތަމައަށް ނުރައްކާ އޮތް ކަމުގެ ހާލަތު ވުޖޫދުގައި އޮތް ކަން ސާފުވޭ

  • އެ ހާލަތު އޮތް ކަން ދައުލަތުން ސާބިތުކޮށްދީފައިވާތީވެ، ބަންދުގައި ކިތަންމެ ދިގު މުއްދަތެއް ހޭދަކޮށްފައި އޮތަސް މި މަރުހަލާގައި ވެސް ބަންދު ކުރަން ޖެހޭ

ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އައިޝާ ޝުޖޫންގެ ރައުޔު ތަފާތެވެ. ޝުޖޫންގެ ރައުޔަކީ މުޖުތަމައަށް ނުރައްކާ އޮތް ސާބިތުވާ ވަރަށް ދައުލަތަށް ބުނެ ނުދެވޭ ކަމަށެވެ. އެ ގޮތުން:

  • މުޖުތަމައަށް ނުރައްކާ އޮތްކަން ސާބިތުކުރަން ދައުލަތުން ހުށަހެޅީ އެންމެ ލިޔުމެއް؛ އެއީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓް

  • ހަމައެކަނި އިންޓެލިޖެންސް ރިޕޯޓަކަށް ބަލައިގެން މީގެ ކުރިން ވެސް މަތީ މަރުހަލާގެ ކޯޓުތަކުން ގޮތެއް ނިންމައިފައެއް ނުވޭ

  • ހައި ކޯޓުން މައްސަލަ ނިންމީ، ދައުލަތުން ކޯޓަށް ހުށަހެޅި ކަންކަމަށް ރިޔާއަތްކޮށް ފަނޑިޔާރުންނަށް ލިބިދޭ އިހުތިޔާރުގެ ތެރެއިން

ފަސްމަންޒަރު - މި މައްސަލާގައި ކުށް ސާބިތުވެ ހުކުމް އިއްވާފައިވާ ހަމައެކަނި ކުއްޖާގެ އަދަބު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލުއިކޮށްދެއްވާފައި ވަނިކޮށް، އެ މައްސަލައިގައި ތުހުމަތުކުރެވޭ އެހެން އެންމެން ވެސް މިނިވަންވެގެން ދިއުމުން އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކޮމެންޓް (1)

ގުދުރަތު

1 ޖުލައި 2025
😂😂😂😂😂
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް