އަނަސްގެ މަރުގެ ތުހުމަތުވާ މީހުން ޝަރީއަތުގެ މަޖިލީހުގައި

އަނަސްގެ މަރު

އަނަސް މަރާލުމުގެ ތުހުމަތު އޮތް މީހުން ބަންދުނުކުރަން ނިންމީ ގޯސްކޮށް: ސުޕްރީމް ކޯޓް

އިސްތިއުނާފްގެ ޝަރީއަތް ނިމެންދެން ހަތް މީހުން ބަންދު ނުކުރުމަށް ހައި ކޯޓުން ނިންމީ ގާނޫނުގައި ބަލަން ޖެހޭ ކަމަށް ނުހިމެނޭ ކަންކަމުގެ މައްޗަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވޭ
28 އޭޕްރީލު 2025

މީގެ ހައެއްކަ އަހަރު ކުރިން، ދުޝްމަނެއް ކަމަށް ހީކޮށް އޮޅިގެން ގޭންގެއްގެ ބަޔަކު، ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ހަމަލާދީ މުހައްމަދު އަނަސް މަރާލުމުގެ ތުހުމަތު އޮތް މީހުން ބަންދުނުކުރަން ހައި ކޯޓުން ނިންމީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މައްސަލައިގެ ފެށުން - އަނަސް، ފެންފިޔާޒުގެ/ރ. މީދޫ، އަނިޔާވެރި ގޮތަކަށް މަރާލީ 31 ޖުލައި 2017ގަ އެވެ. މި މައްސަލާގައި  ހަތް މީހެއްގެ މައްޗަށް ދެ ބާވަތެއްގެ ދައުވާ އުފުލި އެވެ. އެއީ:

ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ:

  • އަފްރާހު އަބްދުއްރައްޒާގު، މ. ލޮނުމިދިލިގެ/މާލެ

  • އަހުމަދު ޒަޔާން، އަސުރުމާގެ/ޅ. ކުރެންދޫ

  • އުސްމާން ޝަރީފް، މ. ދިމިޝްގު/މާލެ

ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ:

  • ޖުނައިހު އަބްދުﷲ، ނަންނާރިގެ/ލ. ގަން، ތުނޑީ އަވަށް

  • ހަސަން މަހްފޫޒް، ވެސްޓަންވިލާ/ސ. ފޭދޫ

  • ސިމާހު މޫސާ، ދަފްތަރު ނަމްބަރު 1746/މާލެ

  • މުހައްމަދު ޝާޒް، ގުލްފާމުގެ/ތ. ކިނބިދޫ 

ވީ ކިހިނެއް؟ - އަނަސްގެ މަރަށް ހަ އަހަރު ފަހުން، 25 ފެބްރުއަރީ 2024ގައި ކްރިމިނަލް ކޯޓުން ހުކުމްކުރީ އެކަކުގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށެވެ. އެގޮތުން، 16 މެއި 2024ގައި ދަށު ކޯޓުގެ ނިންމުން އިސްތިއުނާފްކޮށް، އިސްތިއުނާފްގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ދައުލަތުން އެދުނު ނަމަވެސް ބަންދު ނުކުރަން ހައި ކޯޓުން ނިންމި އެވެ.

ތަފްސީލް - ހައި ކޯޓުގެ ހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ހުކުމްކުރެއްވީ ހައި ކޯޓުން އެ މީހުން ބަންދު ނުކުރަން ނިންމި ނިންމުމުގައި ބެލި ކަންކަމަކީ ގާނޫނުގައި ބަލަން ބުނެފައިވާ ކަންކަމުގެ ބޭރުން އިތުރަށް ބަލާފައިވާ ކަންކަން ކަމަށެވެ.

ހައި ކޯޓުން މައްސަލަ ނިންމުމުގައި ބެލި ހާލަތްތަކަކީ:

  • އިސްތިއުނާފްގެ މައްސަލަ ކާމިޔާބުވުމުގެ އިހުތިމާލު ބޮޑު ހާލަތުގައި

  • މުޖުތަމައުގެ ބޮޑު މަސްލަހަތެއް ގެއްލިދާނެ ކަމަށް ބެލެވޭ ހާލަތެއް އޮތުން

  • އިސްތިއުނާފް ރައްދުވާ ފަރާތް ފިލައިގެން ގޮސްދާނެ ކަމަށް ބެލެވޭ ހާލަތެއް އޮތުން

ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ތާއީދުކުރެއްވި، ފަނޑިޔާރު އަލީ ރަޝީދުގެ ރައުޔުގައި ފާހަގަކުރައްވާފައިވަނީ ކުށް ސާބިތުނުވާ މައްސަލަތަކުގައި އިސްތިއުނާފުގެ ޝަރީއަތް ނިމެންދެން ބަންދުކުރުމުގައި ގޮތެއް ނިންމުމުގައި އަމަލުކުރަންވީ ގޮތް ތަފުސީލުކޮށް ގާނޫނުގައި މިހާރު އޮންނަ ކަމަށެވެ. އެހެންވެ ގާނޫނުގައި ނެތް ކަމަކަށް ނުބެލެވޭނެ ކަމަށް ރައުޔުގައިވެ އެވެ.

އެއީ ރައްޔިތުންގެ މަޖިލީހުން މިދިޔަ ޑިސެމްބަރު މަހު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 199 ވަނަ މާއްދާއަށް އިތުރުކުރި ބަޔެކެވެ.

އޭގައިވާ ގޮތުން، ރޭޕް، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން، ކޮރަޕްޝަން އަދި މީހުން މެރުން ފަދަ ކުށްތަކުގައި ކުށް ސާބިތުނުވާ ހުކުމް އިސްތިއުނާފުކުރުމުން އިސްތިއުނާފް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ބަލަން ޖެހޭ ހާލަތްތަކަކީ:

  • ތުހުމަތުކުރުމަށް އެކަށީގެންވާ ވަރަށް ހެކި ހުރުން

  • ހެކި ފޮރުވުމަށް ނުވަތަ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތުން

  • މުޖުތަަމައަށް ނުރައްކާ އޮތް ކަމަށް ބެލުމުގެ އިހުތިމާލު އޮތުން

ރައުޔު ތަފާތުވީ ފަނޑިޔާރު އައިޝާ ޝުޖޫންގެ އެވެ. ޝުޖޫންގެ ރައުޔުގައި ފާހަގަކުރައްވާފައިވަނީ:

  • ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 199 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތެއް ދެމިއޮތް ކަން ދައުލަތުން ސާބިތުކޮށްދޭން ޖެހޭނެ

  • ދައުލަތުން ދަށު ކޯޓަށް ހުށަހެޅި ހެކިތަކެއް ފާހަގަކުރި ނަމަވެސް އެއިން ހާލަތެއް އެ ހެކިތަކުން ސާބިތުވާ ގޮތެއް ދައުލަތަށް ބުނު ނުދެވޭ

  • މޫނު ފޮރުވައިގެން ހިނގި ކުށަކަށްވާއިރު ކުށުގައި ބައިވެރިވި މީހުންގެ އައިޑެންޓިޓީއަކީ ޝަރީއަތުން ގޮތް ކަނޑައެޅިފައި ނުވާ ވާގިއެއް؛ އެފަދަ ހާލަތުގައި ވެސް އިސްތިއުނާފުގެ ޝަރީއަތް ނިމެންދެން ބަންދެއް ނުކުރެވޭނެ

ފަސްމަންޒަރު - މި މައްސަލާގައި ކުށް ސާބިތުވެ ހުކުމް އިއްވާފައިވާ ހަމައެކަނި ކުއްޖާގެ އަދަބު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލުއިކޮށްދެއްވާފައި ވަނިކޮށް، އެ މައްސަލައިގައި ތުހުމަތުކުރެވޭ އެހެން އެންމެން ވެސް މިނިވަންވެގެން ދިއުމުން އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް