އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، އެފްއޭއެމްގެ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ (ފައިލްފޮޓޯ/އެފްއޭއެމް)
އެފްއޭއެމްގައި ފައިސާގެ ގޮތް ނޭނގޭ މުއާމަލާތްތައް ހިންގާފައި ހުރި: ހެކިވެރިއެއް
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާގެ މުއާމަލާތްތައް ބަލައި ޗެކުކުރާއިރު، ގޮތްނޭނގޭ މުއާމަލާތްތަކާއި ލިބެން ޖެހޭ ބައެއް ފައިސާ ނުލިބި ހުންނަކަން ފާހަގަކުރެވޭ ކަމަށް ބުނެ އެތަނުގެ ފައިނޭންސް ޑިޕާޓްމަންޓްގައި މަސައްކަތްކުރި މުވައްޒަފަކު މިއަދު ކްރިމިނަލް ކޯޓުގައި ހެކިބަސްދީފި އެވެ.
ވީ ކިހިނެއް؟ - އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި އެތަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ދައުލަތުން ކުރަނީ ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާ އެވެ. މި މައްސަލާގައި އެފްއޭއެމްގެ އެކައުންޓްސް ޑިޕާޓްމަންޓުގެ އިސް ވެރިޔާ މުހައްމަދު އަގީލުގެ މައްޗަށް ވެސް ވަނީ ދައުވާކޮށްފަ އެވެ.
ބައްސާމުގެ މައްޗަށް ކުރާ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ތާވަލުކުރީ:
-
ދައުލަތުން ހުށަހަޅާފައިވާ ފަސް ހެކިވެރިއެއްގެ ހެކިބަސް ނެގުމަށް
-
އެކަމަކު އޭގެ ތެރެއިން އެކަކުގެ ފޯނު ނަންބަރަކީ މިހާރު ބޭނުންނުކުރާ ނަންބަރެއް ކަމަށް ބުނާތީ އޭނާ ކޯޓަށް ހާޒިރުކުރެވޭ ގޮތެއް މިއަދު ނުވި
-
މިއަދު ހެކިބަސް ނެގީ ހެކިބަސްދޭން ހާޒިރުވި ދައުލަތުގެ ހަތަރު ހެކިވެރިންގެ ހެކިބަސް
-
އެއަށް ފަހު ގާޒީ އިސްމާއިލް ޝަފީއު ނިންމެވީ ދެން އޮންނަ އަޑުއެހުމެއްގައި ބައްސާމުގެ ފަރާތުން ހުށަހެޅި ދެ ހެކިވެރިއެއްގެ ހެކިބަސް ނެގުން ކުރިއަށް ގެންދިއުމަށް
-
އެކަމަށް މި މަހުގެ 29 ވަނަ ދުވަހަށް އަޑުއެހުމެއް ބާއްވާނެ ކަމަށް ވިދާޅުވި
ތަފްސީލް - މިއަދުގެ އަޑުއެހުމުގައި ފުރަތަމަ ހެކިބަސް ނެގީ، އެފްއޭއެމްގެ ފައިނޭންސް ޑިޕާޓްމަންޓުގައި މީގެ ކުރިން މަސައްކަތް ކުރި މުވައްޒަފެއްގެ ހެކިބަހެވެެ. ގއ. ގެމަނަފުށީގެ މެޖިސްޓްރޭޓް ކޯޓު މެދުވެރިކޮށް ހެކިބަސް ދިން އޭނާ ބުނިގޮތުގައި:
-
ބޭންކް އެކައުންޓްތަކަށް އެކްސެސް އޮންނަނީ އެފްއޭއެމްގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ހެޑު އަގީލަށް؛ މުސާރަ ޝީޓު ހައްދަވަނީ އޭނާ
-
އޭއެފްސީ އާއި ފީފާއިން ލިބެނީ ޑޮލަރު
-
ކުޅިވަރާ ބެހޭ މިނިސްޓްރީން ފައިސާ ލިބެނީ ރުފިޔާއިން
-
ޑޮލަރު މާރުކުރުމުގެ ކަންކަން ކުރިއަށްދަނީ ބޭންކް މެދުވެރިކޮށެއް ނޫން. އެކަން ކުރަނީ އެކި ފަހަރު އެކި މީހުން އަތުން
-
ޑޮލަރު މާރުކޮށްގެން އެފްއޭއެމް އެކައުންޓަށާއި ކޭޝްކޮށް ވެސް ފައިސާ ލިބޭ
-
މައްސަލައެއް ދިމާވެއްޖެ ނަމަ ޑޭޓާ އެންޓާކުރުމުގެ ކުރިން އަގީލު ކައިރީ އަހާ
-
ރިކޮންސިލް ކުރާއިރު ވަކި މުއާމަލާތެއްގެ މައުލޫމާތު ނޭނގޭ މުއާމަލާތްތައް ހިމެނޭ. އެ މުއާމަލާތުގެ މައުލޫމާތު އަގީލަށް ދެން
-
ރިކޮންސިލިއޭޝަން ކުރާއިރު ބައެއް މުއާމަލާތްތަކުގެ ނުލިބޭ ފައިސާ ހުންނަކަން ފާހަގަކުރެވޭ. އެކަން ވެސް ހިއްސާކުރަނީ އަގީލްއާ
އެނގުން މުހިންމު - މި މައްސަލާގައި އަގީލުގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހު އެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގައި ވާގޮތުން އެފްއޭއެމްގެ އެކައުންޓްސް ޑިޕާޓްމެންޓްގެ ހެޑުގެ ގޮތުގައި ހުރެ، އަމިން އެވެނިއުއިން ބައްސާމު އެޕާޓްމެންޓެއް ގަތުމަށް އެހީތެރިވެދިނެވެ. އެގޮތުން:
-
އެފްއޭއެމްގެ އެކައުންޓުގައިވާ ފައިސާއިން އަމިން ކޮންސްޓްރަކްޝަނަށް ފައިސާ ދައްކަން ޗެކު ތައްޔާރުކޮށްދިން
-
އެ ޗެކު މެދުވެރިކޮށް އަމިން ކޮންސްޓްރަކްޝަނަށް 1 މިލިއަން ޑޮލަރު ޖަމާކުރި
-
އެއީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއްކަމަށް ދެއްކުމަށް އެ ޑޮލަރަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް ނުލިބެނީސް، އަމިން ކޮންސްޓްރަކްޝަނުން އެފްއޭއެމްއަށް 15.4 މިލިއަން ރުފިޔާ ލިބުނުކަމަށް ސްޓޭމްޕް ޖަހައި ސޮއިކޮށް ވަގު ލިޔުން ތައްޔާރުކޮށްދިން
އިތުރަށް ކިޔާލަން
މިއަދު ހެކިބަސް ދިން އެތަނުގެ މުވައްޒަފު އިތުރަށް ބުނީ ދިރިއުޅޭ ތަނުގެ ހަރަދަށް 3،000 ޑޮލަރުގެ އެލަވަންސެއް ބައްސާމަށް ދޭ ކަމަށެވެ. އެކަމަކު 2020 ނުވަަތަ 2021ގައި 5،000 ޑޮލަރަށް އެ އެލަވަންސްގެ އަދަދު ބަަދަލުވި ކަަމަށާއި، ކޮވިޑު ތެރޭ މުސާރައިގެ ތާށިކަމެއް އައުމުން އެ އެލަވަންސް ގަވާއިދުން ނުދެވޭ ކަމަށް ވެސް ބުންޏެވެ.
ދެވަަނައަށް މިއަދުގެ އަޑުއެހުމުގައި ހެކިބަސް ނެގީ، ބައްސާމުގެ އަނބިމީހާގެ ބޭބެއްގެ ހެކިބަހެވެ. އޭނާ ބުނިގޮތުގައި:
-
އާއިލީ ގުޅުމުގެ އިތުރުން ބައްސާމު އޭރު ހިންގި ރެސްޓޯރަންޓަކާއި ސެލޫނެއްގެ ވިޔަފާރީގައި ބައްސާމުއާ އެކު މަސައްކަތްކުރި
-
އޭނާ އެ ވިޔަފާރިތަކުގައި މަސައްކަތްކުރީ އެތަނުގެ ޕާޗެސިން މެނޭޖަރެއްގެ ގޮތުގައި
-
އެ ވިޔަފާރިތަކުގައި މަސައްކަތްކުރީ 2020ހާއިރު ކަމަށް. އޭރު އެ ވިޔަފާރީގެ ފައިސާގެ އެކި މުއާމަލާތްތައް ބައްސާމާ އެކު ކުރެވިފައި ހުންނާނެ
ދެން ނެގީ ލޯންޗު ވިޔަފާރިކުރާ މީހެއްގެ ހެކިބަހެވެ. އޭނާއަކީ އެފްއޭއެމްގެ އެކިއެކި ދަތުރުތަކަށް ލޯންޗު ދަތުރުތައް ހަމަޖައްސާ މީހެއް ކަމަށް ބުންޏެވެ.
އޭނާ ބުނީ އަމިއްލަ ގޮތުން ވެސް ބައްސާމު ދަންނަ ކަމަށެވެ. އޭނާ ބުނިގޮތުގައި ބައްސާމުގެ އަމިއްލަ ދަތުރުތަކާއި އެފްއޭއެމްގެ ދަތުރުތައް، އޭނާގެ ލޯންޗުތަކުގައި ކޮށްފައިވާނެ އެވެ. ގިނައިން ހަމަޖައްސައިދީފައި ހުންނާނީ އެފްއޭއެމްގެ ދަތުރުތައް ކަމަށް ވެސް ބުންޏެވެ.
މައްސަލައިގެ ހުލާސާ - ބައްސާމަށް ދައުވާ ކުރީ އެފްއޭއެމްއަށް 2018ގައި ފީފާއިން ޖަމާކުރި ޑޮލަރުގެ ތެރެއިން 10،000 ޑޮލަރު 26 އޮގަސްޓް 2018ގައި ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައިގަ އެވެ. އެގޮތުން:
-
ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި އެފްއޭއެމްގެ 10،000 ޑޮލަރުގެ ބޮޑު ބައެއް އޭނާ އާއި އަންހެނުންގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްސްގެ ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ދައުލަތުން ތުހުމަތުކުރޭ
-
އެ ފައިސާގެ ތެރެއިން 2،000 ޑޮލަރު ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފްލެޓުގެ ކުލި ދައްކަން ބޭނުންކުރިކަމަށް ތުހުމަތުކުރޭ