14 ސެޕްޓެމްބަރު 2024: އަމިން އެވެނިއު އިމާރާތްތައް: އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމު އަދީލް ޖަލީލު މިތަނުން އެޕާޓްމެންޓެއް ގަތުމަށް އެފްއޭއެމްގެ ފައިސާ ބޭނުންކޮށް، މަނީ ލޯންޑާކުރި ކަމަށް ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުން ބުނޭ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެފްއޭއެމް

އެފްއޭއެމްގެ ހިޔާނާތް: އަމިން ކޮންސްޓްރަކްޝަން އާއި އެފްއޭއެމްގެ ދެ މުވައްޒަފެއްގެ މައްޗަށް ދައުވާކޮށްފި

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމު އަދީލް ޖަލީލު އެ އިދާރާގެ ފައިސާ ބޭނުންކޮށްގެން އަމިން ކޮންސްޓްރަކްޝަންގެ އެޕާޓުމެންޓެއް ގަތުމަށް އެ ކުންފުނިންނާއި އެފްއޭއެމްގެ އެކައުންޓްސް ޑިޕާޓުމެންޓުގެ ވެރިޔާ މުހައްމަދު އަގީލް އަދި ހަސަން ވަހީދު އެހީތެރިވި ކަމަށް ތުހުމަތުކުރެވޭ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އެކި ފަރާތްތަކުން ދިން ފައިސާ އަށް އެ އިދާރާގެ އިސްވެރިން ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އަމިން ކޮންސްޓްރަކްޝަން ކުންފުންޏާއި އެފްއޭއެމްގެ އިސް ދެ މުވައްޒަފެއްގެ މައްޗަށް ދައުވާ ކޮށްފި އެވެ.

ތަފްސީލް  - ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެފްއޭއެމްއަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ދޭ ޑޮލަރު އެ އިދާރާގެ އިސްވެރިންނާއި އެ މީހުންނާ ގުޅުން އޮންނަ މީހުންނަށާއި ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށް، ނަހަމަގޮތުގައި ބޭނުންކޮށް މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި މިދިޔަ އާދީއްތަ ދުވަހު އިތުރު ތިން ފަރާތެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވާ ކަމަށެވެ. އެއީ:

  • 1-

    މުހައްމަދު އަގީލް، ފެހިކުރި/ގއ. ގެމަނަފުށި - މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ:

  • އެފްއޭއެމްގެ އެކައުންޓްސް ޑިޕާޓުމެންޓުގެ ހެޑުގެ ގޮތުގައި ހުރެ، އަމިން އެވެނިއު އިން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމު އަދީލް ޖަލީލު އެޕާޓުމެންޓެއް ގަތުމަށް އެފްއޭއެމްގެ އެކައުންޓުގައިވާ ފައިސާ އިން އަމިން ކޮންސްޓްރަކްޝަނަށް ފައިސާ ދެއްކުމަށް ޗެކު ތައްޔާރުކޮށްދީ، އެ ޗެކު މެދުވެރިކޮށް އަމިން ކޮންސްޓްރަކްޝަނަށް 1 މިލިއަން ޑޮލަރު ޖަމާކުރުމުން، އެ ފައިސާއަކީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއްކަމުގައި ދެއްކުމަށް އެ ޑޮލަރަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް ނުލިބެނީސް، އަމިން ކޮންސްޓްރަކްޝަނުން އެފްއޭއެމްއަށް 15.4 މިލިއަން ރުފިޔާ ލިބުނުކަމަށް ސްޓޭމްޕް ޖަހައި ސޮއިކޮށް އެ ލިޔުން ތައްޔާރުކޮށްފައިވާތީ

  • އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން، އަމިން އެވެނިއުގެ އެޕާޓްމަންޓް ހޯދައި ލިބިގަތުމަށާއި މަނީ ލޯންޑާކުރުމަށް ބައްސާމަށް އެހީތެރިވެދީފައިވާތީ

2. ހަސަން ވަހީދު، މ. ހިރިނައިދޫ - މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ:

  •  2014 ވަނަ އަހަރުން ފެށިގެން އެފްއޭއެމްގެ އެކި މަގާމުތައް އަދާކޮށް، ބައްސާމު އަމިން އެވެނިއު އެޕާޓްމަންޓް ގަތުމަށް އަމިން ކޮންސްޓްރަކްޝަންއަށް ފައިސާ ދެއްކުމުގެ ގޮތުން އެފްއޭއެމްގެ އެކައުންޓުގެ ޗެކެއް މެދުވެރިކޮށް 19 ޖެނުއަރީ 2021 ދުވަހު ޗެކްމާކް ކުންފުންޏަށް 100،000 ޑޮލަރު ދޫކުރުމުގެ ކަންކަން އިންތިޒާމްކޮށް، އެ ފައިސާއަށްވާ 1.54 މިލިއަން ރުފިޔާ އެފްއޭއެމްއަށް ދެއްކުމުގެ ގޮތުން ޗެކްމާކް ކުންފުންޏާއި އައިއެސް އެންޓަޕްރައިޒަސް އިން ދޫކުރި ޗެކުތަކުގައިވާ ފައިސާ އަމިން ކޮންސްޓްރަކްޝަންއަށް ޖަމާކުރުމަށް ބޭންކް އޮފް ސިލޯނަށް އިރުޝާދުދީ، އެ ފައިސާ އަމިން ކޮންސްޓްރަކްޝަންއަށް ޖަމާކުރުމަށް އެހީތެރިވެދީފައިވާތީ

  • އެފްއޭއެމްގެ އެކައުންޓުގެ ޗެކު މެދުވެރިކޮށް 19 ޖެނުއަރީ 2021 ދުވަހު ޕްރޯ ސިނާޖީ މެޑިކަލް ސިސްޓަމްސްއަށް 100،000 ޑޮލަރު ދޫކުރުމުގެ ކަންކަން އިންތިޒާމްކޮށް، އެ ފައިސާއަށްވާ 1.54 މިލިއަން ރުފިޔާ އެފްއޭއެމްއަށް ދެއްކުމުގެ ގޮތުން ޕްރޯ ސިނާޖީ މެޑިކަލް ސިސްޓަމްސް އިން ދޫކުރި ޗެކުގައިވާ ފައިސާ އަމިން ކޮންސްޓްރަކްޝަނަށް ޖަމާކުރުމަށް ބޭންކް އޮފް ސިލޯނަށް އިރުޝާދުދީ، އެ ފައިސާ އަމިން ކޮންސްޓްރަކްޝަނަށް ޖަމާކުރުމަށް އެހީތެރިވެދީފައިވާތީ

  • އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އަމިން އެވެނިއުގެ އެޕާޓްމަންޓް ހޯދައި ލިބިގަތުމަށާއި މަނީ ލޯންޑާކުރަން ބައްސާމަށް އެހީތެރިވެފައިވާތީ

3. އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް - މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ:

  • ބައްސާމު، 2016 ވަނަ އަހަރުން ފެށިގެން އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެ، އެ އިދާރާގެ އެކައުންޓުގެ ޗެކު، 8 އޭޕްރީލް 2021ގައި ތައްޔާރުކުރުވައި، ޗެކުގައި އޭނާ ސޮއިކޮށް، 14 އޭޕްރީލް 2021ގައި ފީފާއިން އެފްއޭއެމްގެ އެކައުންޓަށް 1.9 މިލިއަން ޑޮލަރު ޖަމާކުރުމުން، އަމިން އެވެނިއުގެ އެޕާޓްމަންޓް ގަތުމަށްޓަކައި، އެ ފައިސާގެ ތެރެއިން 1 މިލިއަން ޑޮލަރު ނެގޭ ގޮތަށް ބައްސާމު އެ ޗެކު އަމިން ކޮންސްޓްރަކްޝަންއަށް ދޫކުރުމުން، އެ ޗެކުގައިވާ ފައިސާއަކީ އެފްއޭއެމްގެ ފައިސާކަން އެނގިހުރެ އެ ފައިސާ ބަލައިގަނެފައިވާތީ

  • - އެ ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްކަމަށް ބަޔާންކޮށް، ބޭންކް އޮފް ސިލޯނަށް ސިޓީ ފޮނުވައި، 14 އޭޕްރީލް 2021ގައި އަމިން ކޮންސްޓްރަކްޝަންގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށް، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް އަނބުރާ ދެއްކުމަކާ ނުލާ، އެ ފައިސާއަށް ވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް ނަގުދު ފައިސާއިން ދީފައިވާކަން ދެއްކުމުގެ ގޮތުން އަމިން ކޮންސްޓްރަކްޝަންގެ ނަމުގައި ކޭޝް ވައުޗަރުތަކެއް ތައްޔާރުކޮށް، މަނީ ލޯންޑާކުރުމަށް ބައްސާމަށް އެހީތެރިވެފައިވާތީ

ފާހަގަކުރެވޭ - މީގެ ސަބަބުން އެފްއޭއެމްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1 މިލިއަން ޑޮލަރު އަމިން ކޮންސްޓްރަކްޝަންއިން ނަގައިދިނުމަށް ދައުވާގައި ވަނީ އެދިފަ އެވެ.

މީގެ އިތުރުން ބައްސާމު އަމިން އެވެނިއުގައި އުޅެމުންދިޔަ ދެ އެޕާޓުމެންޓު ދައުލަތަށް ނަގައިދިނުމަށް ވެސް ވަނީ އެދިފަ އެވެ.

ގުޅުންހުރި - މި މައްސަލާގައި ބައްސާމުގެ މައްޗަށް، ހިޔާނާތްތެރިވުމުގެ ކުށުގެ ދެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއެއް އުފުލައި އެ ޝަރީއަތްތައް ކޯޓުގައި ކުރިއަށް އެބަދެ އެވެ.


އިތުރު އާޓިކަލް

އިތުރު އާޓިކަލް