ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ 2022 ވަނަ އަހަރުގެ ކޮންގްރެސް ހޮޓެލް ޖެންގައި 6 ޖޫން 2022 ވަނަ ދުވަހު ކުރިއަށްދަނީ. (ފައިލް ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

އެފްއޭއެމް

އެފްއޭއެމްގައި ހިންގި 1 މިލިއަން ޑޮލަރުގެ ހިޔާނާތުގެ އާ މައްސަލައެއް ބަލަން ފަށައިފި

ޕީޖީން ބުނީ އެފްއޭއެމްއާ ގުޅޭ ތަހުގީގު އަވަސްކޮށް، ތުހުމަތުކުރެވޭ އެހެން މީހުންގެ ބަޔާންތައް ނެގުމާ ބެހޭ ގޮތުން ވެސް ފުލުހުންނާ މަޝްވަރާކުރި ކަމަށް

ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގައި ހިންގި 1 މިލިއަން ޑޮލަރު (15.4 މިލިއަން ރުފިޔާ)ގެ ހިޔާނާތުގެ އާ މައްސަލައެއް ފެންމަތިވެ، އެކަމާ ބެހޭ ތަހުގީގު ފަށައިފި ކަމަށް 'ދައުރު'އަށް އެނގިއްޖެ އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ތެރޭގައި ހިޔާނާތާއި މަނީ ލޯންޑަރިންއާ ގުޅޭ މައްސަލަތަކެއް ހުރި ކަމަށް ތުހުމަތުކޮށް ހާއްސަ ތަހުގީގެއް ފަށަން ފުލުހުންނަށް މިދިއަ އަހަރު އަމުރުކުރީ ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމެވެ. އޭގެ ފަހުން ވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ޖިނާއީ ދެ ދައުވާއެއް އުފުލައިފަ އެވެ.

ތަފްސީލް - އެފްއޭއެމްގެ ތަހުގީގު އަވަސްކުރުމާ ބެހޭ ގޮތުން މިއަދު ވަނީ ފުލުހުންނާއި ޕީޖީއާ ދެމެދު މަޝްވަރާކޮށްފަ އެވެ. އެފްއޭއެމްއާ ގުޅޭ ތަހުގީގު ބިނާކުރަމުން އައީ:

  • ކޮވިޑާ ގުޅިގެން އެފްއޭއެމްއަށް ލިބުނު 1.9 މިލިއަން ޑޮލަރުގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ މައްސަލައަށް

  • ޕީފާއިން އެފްއޭއެމްއަށް ދިން 10،000 ޑޮލަރު އެފްއޭއެމްގެ އިސް ވެރިއެއްގެ އެކައުންޓަށް ޖަމާކޮށް އަމިއްލައަށް ބޭނުންކޮށް މަންފާ ހޯދާފައިވާ ކަމުގެ މައްޗަށް

  • ބައްސާމުގެ އެސްއޯއެފް އެކައުންޓަށް 28،000 ޑޮލަރު ޖަމާވި މައްސަލައެއް 

ބުނީ ކީކޭ؟ - މިއަދު ބޭއްވި މަޝްވަރާތަކާ ބެހޭ ކުޑަ ތަފުސީލެއް ދެއްވަމުން އޮފިޝަލަކު ވިދާޅުވީ އެފްއޭއެމްގެ ތެރެއިން 1 މިލިއަން ޑޮލަރުގެ ހިޔާނާތެއް ކަމަށް ތުހުމަތުކުރެވޭ އާ މައްސަލަ ފެންމަތިވެފައިވާ ކަމަށެވެ.

ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި ގޮތުގައި މިއީ ކުރިން ހިންގި ތަހުގީގުގައި ނުހިމެނޭ އާ މައްސަލައެކެވެ. ނަމަވެސް އޭގެ އިތުރު އެއްވެސް ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

މިއަދު ބޭއްވި މަޝްވަރާތަކާ ބެހޭ ގޮތުން ޕީޖީ އޮފީހުން ބުނީ ވީހާވެސް އަވަހަކަށް ތަހުގީގު ނިންމުމާ މެދު ވާހަކަ ދެއްކެވި ކަމަށެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރީ:

  • މިހާރު ބާކީ ނުނިމި ހުރި މަސައްކަތްތަކަކީ ކޮބައިކަމާއި، އެ މަސައްކަތްތައް ނިންމާނެ ގޮތުގެ ތާވަލަކާ ބެހޭ ގޮތުން 

  • ދައުލަތުގެ އިދާރާތަކުން ބޭނުންވާ އެހީތެރިކަން ހޯދޭނެ ގޮތްތައް

  • މިހާތަނަށް ލިބިފައިވާ ހެކިތައް ޕީޖީ އޮފީހަށް ހުށަހަޅައި، ޕްރޮސިކިއުޓަރުން އެ ހެކިތައް ދިރާސާކޮށް، އިތުރަށް ހޯދައި ފުރިހަމަކުރަން ޖެހޭ ކަންކަމަކީ ކޮބައިކަމާ ބެހޭ ގޮތުން ގޮތްތަކެއް ނިންމުން 

  • މި މައްސަލައިގައި އިތުރަށް ތުހުމަތުކުރެވޭ މީހުންގެ ބަޔާން ނެގުމާ ބެހޭ ގޮތުން 

ޕީޖީ އޮފީހުން ބުނި ގޮތުގައި ފުލުހުން މި މައްސަލާގައި ކުރަން ހުރި މަސައްކަތްތައް ނިންމައި، ވީހާވެސް އަވަހަކަށް، ދައުވާކުރުމާ މެދު ގޮތެއް ނިންމަން ޕީޖީއަށް ހުށަހަޅަން ވެސް މިއަދު އެއްބަސްވި އެވެ. 

އެނގުން މުހިންމު - އެފްއޭއެމްގައި ހިންގި ކަމަށް ބެލެވޭ ހިޔާނާތުގެ ބޮޑު އާ މައްސަލައެއްގެ ވާހަކަ މި އައީ އާ އިންތިހާބަކަށް ހުޅުވާލުމުން ފީފާއިން އެކަން ހުއްޓުވާފައި އޮއްވަ އެވެ.

މި އިންތިހާބުގައި ވާދަކުރައްވަން ބައްސާމް ވަނީ ހުށައަޅުއްވައިފަ އެވެ. އޭނާގެ އިތުރުން ދެން ވާދަކުރައްވަނީ އެފްއޭއެމްގެ ކުރީގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) އެވެ. ނަމަވެސް ތޯރިގަށް ތާއީދުކުރާ ވެލެންސިއާ ސަސްޕެންޑްކުރުމާއި، އެފްއޭއެމްގެ ހާއްސަ ކޮންގްރެސްގެ ސައްހަކަމާ މެދު އޭނާގެ ފަރާތުން ފީފާ އާއި އޭއެފްސީއަށް ވަނީ މައްސަލަ ހުށައަޅައިފަ އެވެ.

އިންތިހާބުގެ ކަންކަން މަޑުޖައްސާލަން ފީފާ އިން އެންގީ އެކަންކަން ބެލުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް