ޕީޖީގެ އަމުރަށް އެފްއޭއެމްއަށް ފުލުހުން ވަދެ ފާސްކުރަމުން ދިޔަ އިރު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ބޭރުގައި

އެފްއޭއެމް

10،000 ޑޮލަރުގެ ހިޔާނާތުގެ ތުހުމަތު އެފްއޭއެމްގެ ދެ މީހެއްގެ މައްޗަށް؛ ދައުވާކޮށްދޭން ޕީޖީގައި އެދިއްޖެ

ފުލުހުން ބުނީ ދައުވާކޮށްދިނުމަށް ޕީޖީގައި އެދިފައިވަނީ އެފްއޭއެމްގެ ދެ އިސް މީހެއްގެ މައްޗަށް ކަމަށް؛ އިތުރު 1.9 މިލިއަން ރުފިޔާގެ ހިޔާނާތުގެ ތަހުގީގެއްވެސް ކުރިއަށް އެބަދޭ

ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)އިން ހިންގާފައިވާ ހިޔާނާތުގެ ތެރެއިން، 10،000 ޑޮލަރަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި އެފްއޭއެމްގެ އިސް ދެ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ފުުލުހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އެކަން ހާމަކުރީ، ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓުމަންޓުން ތަހުގީގު ކުރަމުން އަންނަ ބޮޑެތި މައްސަލަތަކުގެ ތަފްސީލުތައް ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ބުނީ ކީކޭ؟ - އެފްއޭއެމް ހިޔާނާތާ ގުޅިގެން ފުލުުހުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގެ ތަފްސީލު ދެއްވަމުން އެ ބައްދަލުވުމުގައި ހެޑް އޮފް ފައިނޭންޝަލް ކްރައިމް އިންވެސްޓިގޭޝަން ޔުނިޓުގެ ޗީޕް އިންސްޕެކްޓަރު ޔޫސުފް ލޫތު ވިދާޅުވީ، އެ މައްސަލަ ތަހުގީގުކުރަނީ، ހިޔާނާތާއި މަނީލޯންޑަރިންގެ އަމަލުތަކުގެ ވަކިވަކި ޓްރާންސިޝަންތައް ކަމަށެވެ.

އެގޮތުން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވީ:

  • ޕީފާއިން އެފްއޭއެމްއަށް ޖަމާކޮށްފައިވާ 10،000 ޑޮލަރު އެފްއޭއެމްގެ އިސް ވެރިއެއްގެ އެކައުންޓަށް ޖަމާކޮށް އަމިއްލައަށް ބޭނުންކޮށް މަންފާ ހޯދާފައިވާ ކަމުގެ އެކަށީގެންވާ ހެކި ލިބިފައިވޭ

  • އެ ތަހުގީގުތައް ފުރިހަމަ ކުރުމަށް ފަހު މިހާރު ވާނީ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައި

ދައުވާކުރަނީ އެފްއޭއެމްގެ ކޮން ބައެއްގެ މައްޗަށްކަން ފުލުހުން ހާމައެއްނުކުރެ އެވެ. އޭގެ ތަފްސީލު ދިނުމަށް އެދި ނޫސްވެރިން ސުވާލުކުރުމުން ޔޫސުފް ވިދާޅުވީ އެ މައުލޫމާތު އަދި ހާމަނުކުރާނެ ކަމަށެވެ.

ކޮވިޑާ ގުޅިގެން އެފްއޭއެމްއަށް ޖަމާކުރި، 1.9 މިލިއަން ޑޮލަރުގެ މައްސަލައެއް ވެސް ތަހުގީގުކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެ މައްސަލައިގެ ވަރަށް ބޮޑު ބައެއްގެ ތަހުގީގު މިހާރު ފުރިހަމަ ކުރެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ރާއްޖޭގެ ފުޓްބޯޅައިގެ އިދާރާ، އެފްއޭއެމްގެ ހިޔާނާތުގެ މައްސަލާގައި މައިގަނޑު ތުހުމަތުކުރަނީ އެ ތަނުގެ ރައީސް ބައްސާމް އަދީލް ޖަލީލް ކަމަށް ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) ހުސެން ޝަމީމް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ޝަމީމް އޭރު ވިދާޅުވެފައިވާ ގޮތުން، އެފްއޭއެމްގެ މައްސަލާގައި ފުލުހުންގެ ތުހުމަތަކީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން އެފްއޭއެމްއަށް ފޮނުވާ ފައިސާ ރާއްޖޭގެ ގާނޫނާއި ގަވައިދުތަކާ ހިލާފަށް އެހެން ކަންކަމަށް ބޭނުން ކުރުމެވެ.

އެ ތުހުމަތާ ގުޅިގެން އެފްއޭއެމްގެ މައި އޮފީސް ބަލައި ފާސްކޮށް، މައްސަލައާ ގުޅުން ހުރި ތަކެތި ފުލުހުން ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު ފަހުކޮޅު ހޯދާފަ އެވެ. އަދި މިދިޔަ މަހުގެ ތެރޭގައި ބައްސާމުގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެ.

އެފްއޭއެމް އިން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެންނާއި، ފައިސާގެ ބޮޑެތި މައްސަލަތަކެއް ވެސް ކޯޓުތަކުގައި ދަނީ ހިނގަމުންނެވެ. އޭގެ ތެރޭގައި، މީގެ ކުރިން އެފްއޭއެމްގެ މައްޗަށް ދައްކަން އަމުރުކޮށްފައިވާ ފައިސާ ނުދައްކައިގެން ހިންގާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަތަކެއް ވެސް ހިމެނެ އެވެ.

އެފްއޭއެމްގެ މައްޗަށް އޮތް ފައިސާގެ ބޮޑެތި މައްސަތަކަކީ:

  • ސްޓެލްކޯއަށް ނުދައްކާ އޮތް 6.5 މިލިއަން ރުފިޔާ؛ އެ މައްސަލާގައި އެފްއޭއެމްއިން ކަރަންޓު ކަނޑާލި

  • ކުޅުންތެރިންނަށް ލިބެން ޖެހޭ އިނާމު ފައިސާ

  • 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު، ނެދަލެންޑްސްގެ ރެނޭ ހިޑިންކްއަށް ދޭން ޖެހޭ 2.9 މިލިއަން ރުފިޔާ

  • 2021 ވަނަ އަހަރު އޭޑީކޭ ހޮސްޕިޓަލުން ހޯދާފައިވާ ހިދުމަތްތަކުގެ ފައިސާ؛ އެ ތަނަށް ދައްކަން ޖެހޭ 1.7 މިލިއަން ރުފިޔާ މަސްދުވަހުގެ ތެރޭގައި ހަލާސް ކުރުމަށް މިދިޔަ އަހަރު ސިވިލް ކޯޓުން އަމުރުކުރި

  • އެފްއޭއެމް އިން އެޕޯލޯ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑަށް ދައްކަން ޖެހޭ 13 މިލިއަން ރުފިޔާގެ ބަދަލުގައި ހުޅުމާލޭގެ ފުޓުބޯޅަ ޓްރެއިނިން ފެސިލިޓީން 5000 އަކަފޫޓުގެ ބިމެއް 25 އަހަރަށް މިހާރު އޮތީ އެ ކުންފުންޏަށް ކުއްޔަށް ދީފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް