22 އޮކްޓޯބަރު 2023 - ފުލުހުން އެފްއޭއެމް އިމާރާތުގެ ބޭރުގައި ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އެފްއޭއެމް

އެފްއޭއެމްއަށް އިތުރު ހުކުމެއް: ކުއްޔަށް 170،000ރ. ދައްކަން ޖެހިއްޖެ

މި މައްސަލަ އަކީ ރެސްޓޯރަންޓެއް ހިމެނޭ ދެ ބުރީގެ އިމާރާތެއް ކުއްޔަށް ނެގުމަށް ފަހު ކަރަންޓު ބިލާއި ފެން ބިލު އަދި އެ ތަނަށް ދައްކަން ޖެހޭ އެއް މަހުގެ ކުލި ނުދައްކާ އޮވެގެން ހުށަހެޅި މައްސަލައެއް

ރެސްޓޯރަންޓެއް ހިމެނޭ ދެ ބުރީގެ އިމާރާތެއް ފަސް އަހަރުދުވަހުގެ ނިޔަލަށް ކުއްޔަށް ނެގުމަށް ފަހު، އެއްބަސްވުމާ ހިލާފަށް އެ ތަން ހަވާލުކޮށްފައިވާތީ އާއި ކަރަންޓު ބިލާއި ފެން ބިލު އަދި އެ ތަނަށް ދައްކަން ޖެހޭ އެއް މަހުގެ ކުލި ނުދައްކާ އޮތް މައްސަލާގައި، ބްރައިޓް ބްރަދާސް ޕްރައިވެޓް ލިމިޓެޑަށް ލިބެން ޖެހޭ 170،000ރ. ހަތް ދުވަހުގެ ތެރޭގައި ދައްކަން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މައްޗަށް މިއަދު ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

މައްސަލައިގެ ފެށުން - މއ. އޮލްވީނާ ނަމަކަށް ކިޔާ ގޯތީގައި އިމާރާތްކޮށްފައިވާ ރެސްޓޯރަންޓް އަދި ފުރަތަމަ ފަންގިފިލާ ހިމެނޭ ގޮތަށް ޖުމްލަ ދެ ބުރި ފަސް އަހަރުދުވަހުގެ ނިޔަލަށް ކުއްޔަށް ނެގުމަށް އެފްއޭއެމް އާއި ބްރައިޓް ބްރަދާސްއާ ދެމެދު އެއްބަސްވެފައިވަނީ 1 އެޕްރީލް 2020ގަ އެވެ. މި އެއްބަސްވުމުގެ ދަށުން އެ ތަނަށް ކުލީގެ ގޮތުގައި މަހަކު 100،000ރ. ދައްކަން އެއްބަސްވެފައިވެ އެވެ.

އެއްބަސްވުމުގައި ބުނާ މުއްދަތުގެ ކުރިން، 14 ޖޫން 2022ގައި އެ ތަން ބްރައިޓް ބްރަދާސްއާ ހަވާލުކޮށްފައި ވާއިރު، އެ ތަނުގެ އެއް މަހުގެ ކުލި އަދި ކަރަންޓާ ފެން ބިލަށް ދައްކަން ޖެހޭ ފައިސާ ވެސް ދައްކާފައި ނުވާ ކަމަށް ބުނެ، އެ ފައިސާ ހޯދުމަށް އެދި ސިވިލް ކޯޓަށް ބްރައިޓް ބްރަދާސް އިން މައްސަލަ ހުށަހެޅި އެވެ.

ވީ ކިހިނެއް؟ - ސިވިލް ކޯޓަށް އެ ކުންފުނި ހުށަހެޅި މައްސަލާގައި އެދިފައިވަނީ، ޖުމްލަ 370،153ރ. އެފްއޭއެމްގެ އަތުން ނަގައިދިނުމަށެވެ. އެގޮތުން:

  • އެ ތަން ހަވާލުކުރުމުގެ ކުރިން 15 އެޕްރީލް 2022 އިން 31 މޭ 2022އާ ދެމެދަށް ކުލީގެ ގޮތުގައި ދައްކަން ޖެހޭ 150،000ރ. ދައްކާފައި ނުވާތީ އެ ފައިސާ ނަގައިދިނުމަށް

  • އެއްބަސްވުމާ ހިލާފަށް 14 ޖޫން 2022ގައި ތަން ހަވާލުކޮށްފައިވާތީ އެ އަހަރުގެ 1 ޖޫން އިން 14އަށް ކުލީގެ ގޮތުގައި ދައްކަން ޖެހޭ 46،666ރ. ނަގައިދިނުމަަށް

  • އިމާރާތް ހަވާލުކުރުމާ ހަމައަށް އެ ތަނުގެ ކަރަންޓު ބިލަށް އަރާފައިވާ 72،585ރ. ނަގައިދިނުމަށް

  • އިމާރާތް ހަވާލުކުރުމާ ހަމައަށް އެ ތަނުގެ ފެން ބިލަށް އަރާފައިވާ 901.91ރ. ނަގައިދިނުމަށް

  • އެއްބަސްވުމާ ހިލާފު ވުމުން ބްރައިޓް ބްރަދާސްއަށް ލިބުނު ގެއްލުމުގެ ބަދަލަށް 100،000ރ. ނަގައިދިނުމަށް

އެފްއޭއެމްގެ ބަސް - ސިވިލް ކޯޓުގައި އެފްއޭއެމް އިން ވަނީ، ކުލީގެ ގޮތުގައި ދައްކަން ޖެހި ނުދައްކާ އޮތް 150،000ރ. އާއި ކަރަންޓާއި ފެން ބިލަށް ދައްކަން ޖެހި ނުދައްކާ އޮތް ފައިސާ ހިމެނޭހެން 223،487ރ. އަކީ ދައްކަން ޖެހޭ ފައިސާ ކަމަށް އެއްބަސްވެފަ އެވެ. އަދި އެ ފައިސާ ދައްކަން އެއް އަހަރުގެ މުއްދަތެއް ދިނުމަށް އެދުނެވެ.

ނަމަވެސް، އެފްއޭއެެމްއިން ކޯޓުގައި ބުނީ:

  • 1 ޖޫން 2022 އިން އެ އަހަރުގެ 14 ޖޫންއަށް ދައްކަން ޖެހޭ 46،666ރ. އަކީ ދައްކަން ޖެހޭ ފައިސާއެއް ނޫން؛ އެއީ އެ މުއްދަތުގައި ތަން ހަވާލުކުރުން ލަސްވީ ބްރައިޓް ބްރަދާސްއިން ތަނުގެ ތަޅުދަނޑިއާ ހަވާލުވެފައި ނުވާތީ އެ ކުންފުނީގެ އިހުމާލަކުން ކަމަށް ވުމުން

  • ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަން ޖެހޭ ކަމަށް ބްރައިޓް ބްރަދާސް އިން ބުނާ 100،000ރ. އަކީ ދައްކަން ޖެހޭ ފައިސާއެއް ނޫން؛ ގެއްލުންވީ ގޮތެއް ބުނެނުދެވޭ

ސިވިލް ކޯޓުގެ ހުކުމް - ސިވިލް ކޯޓުން އެފްއޭއެމްގެ މައްޗަށް ހުކުމް ކޮށްފައިވަނީ، ޖުމްލަ 170،000ރ. ދެއްކުމަށެވެ. އެގޮތަށް ނިންމި ސަބަބެއް ކަމަށް ހުކުމުގައި ބުނީ:

  • ބްރައިޓް ބްރަދާސްގެ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާގެ ތެރެއިން 100،000ރ. ކޯޓުން ބޭރުން އެ ކުންފުންޏާ އެފްއޭއެމްއިން ހަވާލުކޮށްފައިވާ ކަމަށް މިދިޔަ އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި އެ ކުންފުނިން ބުނެފައިވޭ؛ އެހެންކަމުން، އެ ފައިސާ ދައުވާ އިން އުނިކުރަން ޖެހޭ

  • ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދޭން އެދިފައިވާ 100،000ރ.ގެ ގެއްލުން އެ ކުންފުންޏަށް ވީ ކަމަށް ބުނުން ފިޔަވައި އެ ގެއްލުންވީ ގޮތެއް ބުނެދެވިފައި ނުވާތީ އެއީ ނަގައިދެވޭނެ ފައިސާއެއް ކަމަކަށް ނުދެކެން

  • 1-14 ޖޫން 2022އަށް ތަޅުދަނޑި ހަވާލުނުކޮށް ހިނގި މުއްދަތުގައި ކުލީގެ ގޮތުގައި ދައްކަންޖެހި ނުދައްކާ އޮތް ކަމަށް ބުނާ 46،666ރ. އަކީ އެފްއޭއެެމް އިން ދޭން ޖެހޭ ފައިސާއެއް؛ އެއްބަސްވުމުގައި ބުނާ މުއްދަތުގެ ކުރިން ތަން ހަވާލުކޮށްފައި ވާއިރު، 14 ޖޫންގައި ތަޅުދަނޑި ހަވާލުކުރުމާ ހަމައަށް ވެސް ތަނުގެ ވެރިފަރާތާ ތަޅުދަނޑި ހަވާލުކުރުމަށް އެފްއޭއެމް އިން މަސައްކަތް ކޮށްފައިވާކަން އެނގޭކަށް ނެތް

  • ކަރަންޓާއި ފެނުގެ ހިދުމަތަށް ދައްކަން ޖެހި މިހާތަނަށް ނުދައްކާ އޮތް 123،487ރ. އަކީ ދައްކަން ޖެހޭ ފައިސާއެއް

ފާހަގަކޮށްލެވޭ ކަމެއް - އެފްއޭއެމް އިން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ގިނަ މައްސަލަތަކެއް މިފަހުން ވަނީ ފެންމަތިވެފަ އެވެ. އެގޮތުން، ބީހައިވް ހޮޓެލްސްއަށް ދައްކަން ޖެހި ނުދައްކާ އޮތް 32،426 ޑޮލަރު (500،000ރ.) އަހަރުދުވަސް ތެރޭ ދައްކައި ހަލާސް ކުރުމަށް ވެސް ސިވިލް ކޯޓުން އެފްއޭއެމްގެ މައްޗަށް މިދިޔަ ނޮވެމްބަރުގެ ތެރޭގައި ވަނީ ހުކުމް ކޮށްފަ އެވެ.

އޭގެ އިތުރުން ވެސް، އެފްއޭއެމްއާ ގުޅޭ ފައިސާގެ ބޮޑެތި އިތުރު މައްސަލަތަކެއް ވެސް ސިވިލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އޭގެ ތެރޭގައި، މީގެ ކުރިން އެފްއޭއެމްގެ މައްޗަށް ދައްކަން އަމުރުކޮށްފައިވާ ފައިސާ ނުދައްކައިގެން ހިންގަމުންދާ ހުކުމްތައް ތަންފީޒު ކުރުމުގެ މައްސަލަތަކެއް ވެސް ހިމެނެ އެވެ.

އެފްއޭއެމްގެ މައްޗަށް އޮތް ބޮޑެތި ފައިސާގެ މައްސަތަކަކީ:

  • ސްޓެލްކޯއަށް ނުދައްކާ އޮތް 6.5 މިލިއަން ރުފިޔާ؛ އެ މައްސަލާގައި އެފްއޭއެމްއިން ކަރަންޓު ކަނޑާލި

  • ކުޅުންތެރިންނަށް ލިބެން ޖެހޭ އިނާމު ފައިސާ

  • 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު، ނެދަލެންޑްސްގެ ރެނޭ ހިޑިންކްއަށް ދޭން ޖެހޭ 2.9 މިލިއަން ރުފިޔާ

  • 2021 ވަނަ އަހަރު އޭޑީކޭ ހޮސްޕިޓަލުން ހޯދާފައިވާ ހިދުމަތްތަކުގެ ފައިސާ؛ އެ ތަނަށް ދައްކަން ޖެހޭ 1.7 މިލިއަން ރުފިޔާ މަސްދުވަހުގެ ތެރޭގައި ހަލާސް ކުރުމަށް މިދިޔަ އަހަރު ސިވިލް ކޯޓުން އަމުރުކުރި

  • އެފްއޭއެމް އިން އެޕޯލޯ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑަށް ދައްކަން ޖެހޭ 13 މިލިއަން ރުފިޔާގެ ބަދަލުގައި ހުޅުމާލޭގެ ފުޓުބޯޅަ ޓްރެއިނިން ފެސިލިޓީން 5000 އަކަފޫޓުގެ ބިމެއް 25 އަހަރަށް މިހާރު އޮތީ އެ ކުންފުންޏަށް ކުއްޔަށް ދީފައި

ގުޅުން ހުރި ކަމެއް - އެފްއޭއެމްގެ ވެރިންނަށް ތުހުމަތު ކުރެވޭ ފައިސާގެ މައްސަލަތަކެއް، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އަންގަވައިގެން ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. އެ ތަހުގީގުތަކުގައި ފުލުހުން ވަނީ މިދިޔަ ނޮވެމްބަރުގައި އެފްއޭއެމްގެ އިމާރާތަށް ވަދެ، ހެކި ހޯދާފަ އެވެ.

އެފްއޭއެމްގެ ހިޔާނާތުގެ މައްސަލާގައި މައިގަނޑު ތުހުމަތުކުރެވޭ ފަރާތަކީ އެ ތަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ކަމަށް ޕީޖީ ހުސެން ޝަމީމް މިފަހުން ވަނީ ވިދާޅުވެފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް