އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް 18 ޖުލައި 2023 ގައި ގަލޮޅު ދަނޑުގައި ނޫސްވެރިންނާ ވާހަކަދައްކަވަނީ (ދައުރު ފޮޓޯ/ހުސެއިން ސުނޭން)

އެފްއޭއެމް

ބީހައިވްއަށް 5 ލައްކަ ރުފިޔާ ދައްކަން އެފްއޭއެމްއަށް އަމުރުކޮށްފި

ބީހައިވް ހޮޓެލްސްގެ އަތުން ދަރަންޏަށް ނަގާފައިވާ 500،000ރ. ނުދައްކާ އޮތީ މާލީ ދަތިކަމުގެ ސަބަބުން ކަމަށް އެފްއޭމްއެމް އިން ކޯޓުގައި ބުނެފައިވޭ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބީހައިވް ހޮޓެލްސްއަށް ދައްކަން ޖެހި، ނުދައްކާ އޮތް 32،426 ޑޮލަރު (500،000ރ.) އެއް އަހަރުދުވަސް ތެރޭ ދައްކައި ހަލާސް ކުރުމަށް ސިވިލް ކޯޓުން އެފްއޭއެމްގެ މައްޗަށް އިއްޔެ އަމުރުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެފްއޭއެމްއާ ދެކޮޅަށް ބީހައިވް އިން މިދިޔަ 30 ޖުލައިގައި ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ، އެ ފައިސާ އަނބުރާ ދެއްކުމަށް، އެފްއޭއެމްގެ ނަމުގައި ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ އެކައުންޓަކުން ޗެކެއް ދީފައިވާ ކަމަށެވެ. އެކަމަކު، އެ އެކައުންޓުގައި ފައިސާ ނެތުމުގެ ސަބަބުން އެ ޗެކު އެފްއޭއެމްއަށް އަނބުރާ ރައްދުކޮށްފައިވާނެ ކަމަށް ބީހައިވް އިން ބުންޏެވެ.

ބީހައިވް އިން ސިވިލް ކޯޓުގައި އެދިފައިވަނީ:

  • އެ ފައިސާ ދައްކަން ޖެހޭ މުއްދަތުގައި ދައްކާފައި ނުވާތީ ލިބެމުންދާ ގެއްލުމުގެ ބަދަލާ އެކީ ނުދައްކާ އޮތް 500،000ރ. ވެސް ދައްކައި ހަލާސްކުރުމަށް އެފްއޭއެމްގެ މައްޗަށް އަމުރުކޮށްދިނުމަށް

ތަފްސީލް - ސިވިލް ކޯޓުން މި މައްސަލާގައި އިއްވި ހުކުމުގައި އަމުރުކޮށްފައިވަނީ:

  • ބީހައިވްއަށް ނުދައްކާ އޮތް 500،000ރ. އެއް އަހަރުދުވަސް ތެރޭ، މަހުން މަހަށް ބަހާލައިގެން ދައްކައި ހަލާސް ކުރުމަށް

  • ކޮންމެ މަހަކު ވެސް އެ މަހަކު ދައްކަން ޖެހޭ އަދަދު އެ މަހެއްގެ 10ގެ ކުރިން ދެއްކުމަށް

  • މި މައްސަލާގެ ދައުވާއިން ބަޔަކަށް އެފްއޭއެމް އިން އެއްބަސްވެފައިވޭ؛ އެއީ ބީހައިވްއަށް 500،000ރ. ނުދައްކާ އޮތް ކަމަށް

އެނގުން މުހިންމު - ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ބީހައިވް އިން އެދުނު ފައިސާ ނުހިމަނައި ނުދައްކާ އޮތް ފައިސާގެ އަދަދު އެކަނި ދައްކަން ސިވިލް ކޯޓުން އަމުރުކޮށްފައިވަނީ، މާލީ ދަތިކަމުގެ ސަބަބުން އެ ފައިސާ ދައްކަން ދަތިކަން ފާހަގަކޮށް އެފްއޭއެމް އިން ހުށަަހަޅާފައިވާ ހުށަހެޅުމަށް ބީހައިވް އެއްބަސްވެފައިވާތީ އެވެ.

އެފްއޭއެމް އިން ކޯޓުގައި ބުނެފައިވަނީ:

  • 16 ނޮވެމްބަރު 2022 - 500،000ރ.ގެ ދަރަންޏެއް ލިބިފައިވޭ

  • 5 ޑިސެމްބަރު 2022 - އެ ފައިސާ އަނބުރާ ދެއްކުމަށް އެ އެސޯސިއޭޝަނުން ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ އެކައުންޓަކުން ފައިސާ ނެގޭ ގޮތަށް ޗެކެއް ބީހައިވްއަށް ދޫކޮށްފައިވާނެ

  • އެ ފައިސާ، ޗެކުގައި ބަޔާންކޮށްފައިވާ ތާރީހުގައި ބީހައިވްއަށް ލިބިފައި ނުވަނީ އެ އެސޯސިއޭޝަން މާލީ ގޮތުން ދަށް ހާލަތެއްގައި އޮތުމުގެ ސަަބަބުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ލިބެން ޖެހޭ ފައިސާ އެ ދުވަހާ ހަމައަށް ލިބިފައި ނުވާތީ

  • 500،000ރ. އެކީ އެއްފަަހަރާ ދެއްކޭނެ ގޮތެއް ނެތް؛ އެހެންވެ، އަހަރަށް ބަހާލައިގެން ދައްކާ ގޮތަށް ކަނޑައަޅައިދިނުމަށް އެދުމުން، އެ ހުށަހެޅުމަށް ބީހައިވް އިން އެއްބަސްވެފައިވޭ

ފާހަގަކޮށްލެވޭ ކަމެއް - އެފްއޭއެމް އިން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ގިނަ މައްސަލަތަކެއް މިފަހުން ވަނީ ފެންމަތިވެފަ އެވެ. އޭގެ ތެރޭގައި:

  • ސްޓެލްކޯއަށް ނުދައްކާ އޮތް 6.5 މިލިއަން ރުފިޔާ؛ އެ މައްސަލާގައި އެފްއޭއެމްއިން ކަރަންޓު ކަނޑާލި

  • ކުޅުންތެރިންނަށް ލިބެން ޖެހޭ އިނާމު ފައިސާ

  • 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު، ނެދަލެންޑްސްގެ ރެނޭ ހިޑިންކްއަށް ދޭން ޖެހޭ 2.9 މިލިއަން ރުފިޔާ

  • 2021 ވަނަ އަހަރު އޭޑީކޭ ހޮސްޕިޓަލުން ހޯދާފައިވާ ހިދުމަތްތަކުގެ ފައިސާ؛ އެ ތަނަށް ދައްކަން ޖެހޭ 1.7 މިލިއަން ރުފިޔާ މަސްދުވަހުގެ ތެރޭގައި ހަލާސް ކުރުމަށް މިދިޔަ އަހަރު ސިވިލް ކޯޓުން އަމުރުކުރި

  • އެފްއޭއެމް އިން އެޕޯލޯ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑަށް ދައްކަން ޖެހޭ 13 މިލިއަން ރުފިޔާގެ ބަދަލުގައި ހުޅުމާލޭގެ ފުޓުބޯޅަ ޓްރެއިނިން ފެސިލިޓީން 5000 އަކަފޫޓުގެ ބިމެއް 25 އަހަރަށް މިހާރު އޮތީ އެ ކުންފުންޏަށް ކުއްޔަށް ދީފައި

މިދިޔަ 23 ޖުލައިގައި އެފްއޭއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވި ގޮތުގައި، 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ފަހު އެފްއޭއެމްގައި 30 މިލިއަން ރުފިޔާގެ ދަރަންޏެއް އޮތެވެ. އަދި އެ ދަރަނި 6 މިލިއަން ރުފިޔާއަށް ކުޑަ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅުން ހުރި ކަމެއް - އެފްއޭއެމްގެ ވެރިންނަށް ތުހުމަތު ކުރެވޭ ފައިސާގެ މައްސަލަތަކެއް، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އަންގަވައިގެން ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. އެ ތަހުގީގަށް ފުލުހުން ވަނީ މިދިޔަ މަހު އެފްއޭއެމްގެ އިމާރާތަށް ވަދެ، ހެކި ހޯދާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް