ޖެމްކިޔުގެ ނަމުގައި ހިންގާ ޕޮންޒީ ސްކީމުގެ ލޯގޯ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ފުލުހުން

ޖީއެމްސީއީއަކީ ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށް ބުނެ ވެސް ހަދަނީ ދޮގު

ޖީއެމްސީއީއަކީ އާ އުކުޅުތަކެއް ބޭނުންކޮށްގެން ހިންގާ ޕޮންޒީ ސްކީމެއް ކަމަށް ފުލުހުން ބުނި

ޖީއެމްސީއީ ނުވަތަ ޖެމްކިޔުއަކީ ސައްހަ ކުންފުންޏަކުން ހިންގާ ސްކީމެއް ކަމަށް ދެއްކުމަށް ކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓެއް ގެންގުޅެމުންދާ ކަމަށާއި އެއީ ސައްހަ ސެޓްފިކެޓެއް ނޫންކަން އެމެރިކާގެ އިދާރާތަކުން ކަށަވަރުކޮށްދީފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ޖީއެމްސީއީ ނުވަތަ ޖެމްކިޔުގެ ނަމުގައި ހިންގަމުންދާ އިންވެސްޓުމެންޓު ސްކީމަކީ ޕިރަމިޑް ސްކީމެއް ކަމަށާއި އެ ސްކީމުގައި ބައިވެރިވުމަށް ހިތްވަރުދޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުންނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ވަނީ މިދިޔަ ހަފްތާގައި ބުނެފަ އެވެ.

ތަފްސީލް - ޖީއެމްސީއީ ސްކޭމްއާ ގުޅޭ ގޮތުން 'ދައުރު'ން މިއަދު ސުވާލުކުރުން ފުލުހުންގެ ހެޑް އޮފް އެންޓި ސްކޭމް ސެންޓަރު އާދަމް ނަވީދު ވިދާޅުވީ ޖީއެމްސީއީ ސްކީމަށް މީހުންގެ ހިތްޖައްސުވަން އެއީ ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކުން ހިންގާ ސްކީމެއް ކަމަށް މި ސްކީމު ޕްރޮމޯޓު ކުރާ މީހުން ބުނަމުން އަންނަ ކަމަށެވެ.

މި ސްކީމާ ގުޅޭ ގޮތުން އަންމުން ހޭލުންތެރިކުރުމަށް ފުލުހުންނާއި ސީއެމްޑީއޭ އިން ބަޔާން ނެރުމުން އެކަމާ ގުޅުވާ ފުލުހުންނަށް ފާޑުކިޔުން އަމާޒުވިކަން ވެސް ނަވީދު ފާހަގަކުރެއްވި އެވެ.

"މި ސްކީމަށް ވަންނަ މީހުންގެ އިތުބާރު ހޯދަން އެބަ ބޭނުންކުރޭ ޖީއެމްސީއަކީ ރަޖިސްޓްރީކޮށްފައި އޮތް ކުންފުންޏެއްކަން ދައްކައިދޭން އެ ކުންފުނީގެ ރަޖިސްޓްރީ ސެޓްފިކެޓެއް. އާންމުންގެ ޝުއޫރުތައް ހުރީ [ރަޖިސްޓްރޭޝަން] ސެޓްފިކެޓެއް ވެސް އެބަ އޮތޭ، ފުލުހުންގެ ތަހުގީގު ރަނގަޅަށް ކުރަނީއެއް ނޫނޭ،" ނަވީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެ ސެޓްފިކެޓު ވެސް ބެލިން. އެމެރިކާގެ އެޖެންސީތަކަށް ފޮނުވައިގެން އެއީ ސައްހަ އެއްޗެއްތޯ ބެލިން. އެއީ އެއްވެސް ގޮތަކަށް އެމެރިކާގެ އެއްވެސް ތަނެއްގައި ރަޖިސްޓްރީކޮށްފައި އޮތް ކުންފުންޏެއް ނޫން."

ނަވީދު ވިދާޅުވީ ޖީއެމްސީއީ މާކެޓު ކުރަނީ މީހުން އެއަށް ޝައުގުވެރިވާނެ ގޮތްތައް ދައްކައިގެން، ބޮޑެތި އޮޅުވާލުންތަކެއްގެ ތެރެއިން ކަމަށެވެ.

ސީއެމްޑީއޭ އާއި ފުލުހުން ގުޅިގެން ބަޔާން ނެރުމުން، އެ ސްކީމު ޕްރޮމޯޓު ކުރަން ކުރިއަށް ވުރެ ވަރުގަދަކޮށް ޕްރޮމޯޝަން ޖެއްސިކަން ވެސް ނަވީދު ފާހަގަކުރެއްވި އެވެ. އެގޮތުން:

  • އެ ދުވަހު ވަކި އަދަދެއް އިންވެސްޓު ކުރުމުން އެ އަދަދު ދެގުނަވާނެ ކަމަށް ބުނެ ޕްރޮމޯޓު ކުރި 

  • ޖީއެމްސީއީއަކީ ބޮޑު އޮޅުވާލުންގަނޑެއްކަން އޭގައި ބައިވެރިވެގެން ނުވަތަ އިންވެސްޓުކޮށްގެން އުޅޭ އެންމެންނަށް ވެސް މިހާރު ކަށަވަރު ވާނެ

"މިއަދު އިރުއެރި އިރު މި އިވެނީ އެއްކަލަ ޑަބަލް ކުރަން އިންވެސްޓު ކުރި މީހުންގެ ޕޭއައުޓަށް ޖެހީމާ މިއަދު ފައިސާ ނުނެގިގެން އުޅޭ ވާހަކަ. އަދި މި ގްރޫޕުތަކުގައި ޖީއެމްސީ ހިންގާ މީހުން ބުނާ ކަމަށް އިންވެސްޓަރުން ކައިރީ އެމެރިކާގެ އިދާރާތަކުން ތަހުގީގު ކުރާތީވެ ވޮލެޓުތައް ފްރީޒްކޮށްފައި ހުރީމާ ފައިސާ ނުދޫކުރެވިގެންނޭ. އެއީ ސީދާ ކަނޑައެޅިގެން ދޮގެއް،" އޭނާ ވިދާޅުވި އެވެ.

ނަވީދު ވިދާޅުވީ ޖީއެމްސީއީގެ މައްސަލަ ދިވެހި ފުލުހުން ފިޔަވައި އިތުރު ބަޔަކު ތަހުގީގު ނުކުރާ ކަމަށެވެ.

ޖީއެމްސީއީ ވޮލެޓް ފްރީޒު ކުރުން ފަދަ ފިޔަވަޅެއް ދިވެހި ފުލުހުން ވެސް އަދި އަޅާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނެއް ބޭނުމެއް ނުވޭ ދިވެހި ގިނަ ރައްޔިތުންތަކެެއް ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށް، ފައިސާ ގެއްލޭއިރު ފައިސާ އެ ގެއްލެނީ ސައްހަ ސްކީމަކާ މެދު ފުލުހުން އެޅި ފިޔަވަޅެއްގެ ސަބަބުން ކަމަށް ބުނާކަށް،" އޭނާ ވިދާޅުވި އެވެ.

"މިއަދު ލިބުނު މައުލޫމާތަކީ ޖެމްކިޔު ހިންގާ މީހުން އެބަ ބުނެޔޭ އިންވެސްޓަރުން ކައިރީ ތިމަންނަމެންގެ އެކައުންޓުތައް ފްރީޒުކޮށްފައޭ ހުރީ، އެހެންވެެއޭ ފައިސާ ނުދެވިގެން އުޅެނީ. މިއީ ކަނޑައެޅިގެން ދޮގު."

ނަވީދު ވިދާޅުވީ ފުރަތަމަ މި ސްކީމުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށި އިރު، 7،000އެއްހާ މީހުން އެއަށް އިންވެސްޓުކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށެވެ. މިހާރު އެ އަދަދު ތިނެއް ނޫނީ ހަތަރު ގުނަ ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖީއެމްސީއީއަށް ދިވެހިން އިންވެސްޓުކޮށްފައިވާ އަދަދު ގާތްގަނޑަކަށް 2-3 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ނަވީދު ވިދާޅުވީ:

  • މި ސްކީމު ޕްރޮމޯޓު ކުރާ 7 ދިވެއްސެއް ފާހަގަވެފައިވޭ؛ އެއީ އަންހެނަކާއި 6 ފިރިހެނުން

  • މިއީ ރާއްޖެއިން ފެށިގެން އުޅޭ ސްކީމެއް ކަމަށް މިހާތަނަށް ބެލި ބެލުމުން ވަނީ އެނގިފައި؛ ނަމަވެސް ސީދާ ރާއްޖެ ބަޔަކު ހެދި އެއްޗެއް ކަމަށް އަދި ބުނެވޭކަށް ނެތް

  • ޔޫރަޕުގެ ގައުމެއްގެ ބަޔަކު ވެސް މީގައި ބައިވެރިވެފައިވާކަން ފާހަގަވެފައިވާތީ؛ ނަމަވެސް އެއީ ކޮން ގައުމެއް ކަމެއް އަދި ބުނެވޭކަށް ނެތް

  • މިއީ އާ އުކުޅުތަކެއް ބޭނުންކޮށްގެން ހިންގާ ޕޮންޒީ ސްކީމެއް


އިތުރު އާޓިކަލް

އިތުރު އާޓިކަލް