ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ސްޓެލްކޯ

ކަރަންޓު ދިޔައީ މާލެ-ހުޅުމާލެ އިންޓަކަނެކްޝަން ކެނޑިގެން: ސްޓެލްކޯ

މިއަދު މެންދުުރު 12:40 ހާއިރު ކަރަންޓު ކެނޑުނު އިރު މާލެ އާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު އަލުން ދެވުނީ ހަ ގަޑިއިރަށް ވުރެ ގިނަ އިރުވި ފަހުން

މާލެ އާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް ކެނޑި 'ބްލެކްއައުޓް'އަކަށް މިއަދު ދިޔައީ ދެ ރަށަށް ކަރަންޓު ދޭން ސިނަމާލެ ބްރިޖުން އަޅާފައިވާ އިންޓަކަނެކްޝަން ކެނޑިގެން ކަަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ވީ ކިހިނެއް؟ - ކަރަންޓު ކެނޑުމާ ގުޅިގެން ސްޓެލްކޯއިން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޗީފް ޓެކްނިކަލް އޮފިސަރު އަހުމަދު އިގުބާލު ވިދާޅުވީ މާލެ-ހުޅުމާލެ އިންޓަކަނެކްޝަން ކެނޑުނު ކަމަށާއި ހުޅުމާލެއަށް އެ ވަގުތު ލޯޑު ދެވޭނެ ކެޕޭސިޓީ މާލޭ އިންޖީނުގޭގައި ނެތް ކަމަށެވެ.

ތަފްސީލް - އޭނާ ވިދާޅުވީ ދެން ބެލީ ވީހާ ވެސް އަވަހަކަށް ހިދުމަތް ދިނުމަށް ކަމަށާއި ކިރިޔާ ވެސް ހިންގެން ހުރި އިންޖީނެއް ނަމަ ހިންގައި ހިދުމަތް ދޭން ފެށި ކަމަށެވެ.

މިއަދު މެންދުުރު 12:40 ހާއިރު ކަރަންޓު ކެނޑުނު އިރު މާލެ އާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު އަލުން ދެވުނީ ހަ ގަޑިއިރަށް ވުރެ ގިނަ އިރުވި ފަހުންނެވެ.

"މާލޭގައި ވެސް މެއިންޓެނަންސްއަށް މިއަދު ނަގާފައި ހުރި އިންޖީނެއް ނޫނިއްޔާ ހިންގާފައި ކަރަންޓު ދެމުން ދަނީ. އިތުރަށް ބޭނުންވާ ކަރަންޓު ހޯދަން ހުޅުމާލޭން މިކޮޅަށް [މާލެއަށް] ފީޑުކޮށްގެން ނޫނީ ނުވާތީ އަދި ފޭސް 2ގެ 132 ގްރިޑު އެނަޖައިޒް ކޮށްގެން ނޫނީ އެކަން ނުކުރެވޭނެތީ މިވަގުތު އިތުރަށް ކަރަންޓު ނުދެވި ހުރި ތަންތަނަށް ނުދެވި ހުރީ،" ހަވީރު ބޭއްވި ބައްދަލުވުމުގައި އިގުބާލު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކަށަވަރު ކުރީ އިތުރަށް ގޯސް ނުވާނެ ގޮތަށް ކޮންޓްރޯލް ސިސްޓަމާއި ގްރިޑު ޗެކު ކުރަން."

އިންޓަކަނެކްޝަން ކެނޑެން މެދުވެރިވި ސަބަބު ދެނެގަންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯގެ ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޖެނެރަލް މެނޭޖަރު އިބްރާހިމް ނާޝިދު ވިދާޅުވީ މުޅި ރަށުން އެއްކޮށް ކަރަންޓު ދާއިރު އެ ކުންފުނިން ބޭނުންކުރާ 'ސްކާޑާ ސިސްޓަމު'ން ބައިވަރު އިންޒާރުތައް އަޅާނެ ކަމަށެވެ.

"މާލޭގައި މިހުރި 123 ސަބްސްޓޭޝަނާއި ހުޅުމާލޭގައި ހުރި 130 އަކަށް ސަބްސްޓޭޝަނާ، މި ހުރިހާ ތަނެއް މި ހުރިހާ ޖެންސެންޓަކުން ވަރަށް ބައިވަރު އެލާމްތަކެއް އަންނާނެ. އެހެންވީމާ އަޅުގަނޑުމެން އެގްޒެކްޓްލީ އެ ޑައިގްނޯސްޓިކް މަސައްކަތް ޖެހޭނީ މި ސިސްޓަމް އެނަޖައިޒްކޮށް ނިންމާފައި [ކުރަން]،" އޭނާ ވިދާޅުވި އެވެ.

ނާޝިދު ވިދާޅުވީ ފުރަތަމަ ބެލީ ދިމާވި މައްސަލަ ދެނެގަތުމުގެ ކުރިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި ކަރަންޓު ކެނޑެން ދިމާވި ސަބަބު ދެނެގަނެ، ފަހުން އެ މައުލޫމާތު ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާތަނަށް ބެލި ބެލުމުން ގްރިޑުގެ އެއްވެސް ބޮޑު ފޯލްޓެއް ފެންނާކަށް ނެތް،" ނާޝިދު ވިދާޅުވި އެވެ.

"ބޮޑު އިކުއިޕްމެންޓެއް ހަލާކުވެފައެއް ނެތް. ބޮޑު ޓްރާންސްފޯމަރެއްގެ މައްސަލަ ޖެހިފައެއް ނެތް. މެއިން އެއްވެސް ނެޓްވޯކެއް، އެއްވެސް މޭޖާ ކޮމްޕޯނެންޓެއްގެ މައްސަލަ ޖެހިފައެއް ނެތް."

ސްޓެލްކޯ އިން ބުނީ މާލެ-ހުޅުމާލެ ގްރިޑަށް ކަރަންޓު ދެވޭ ވަރަށް ކެޕޭސިޓީ އެބަހުރި ކަަމަށެވެ.

ކޮމެންޓް (2)

ކަރސްޑް

1 ޖޫން 2025
ފްރޯޑް ސްކާޑާ އެއް ދޯ؟ މި އަށްތަ އެކްސްޕޯ ގަ ރަންވަނަ ދިނީ؟
3 0

މީހާ. ރ.ވާދޫ

1 ޖޫން 2025
ހުރިހާކަމެއް އޯކޭ. އެކަމަކުވެސް ކަރަންޓުކެނޑުނީ. މައްސަލަ ނިމުނީ. ނާގާބިލު މީހުން ލައިގެން ތަންތަނުން ވައްކަންކުރެވޭތޯބަލާ.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް