ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް
ޗުއްޓީއަށް ފަހު މާދަމާ މަޖިލިސް ފަށަނީ؛ ބޮޑު ކަމަކީ ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުން
ދެ ހަފްތާގެ ޗުއްޓީއަކަށް ފަހު، މަޖިލީހުގެ މިއަހަރުގެ ދެ ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މާދަމާ ބޭއްވުމަށް ތާވަލުކޮށްފި އެވެ. އެޖެންޑާގައި ބޮޑު މަސައްކަތަކަށް އޮތީ، ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ބޭފުޅުން އައްޔަން ކުރުމާ ގުޅޭ މަސައްކަތެވެ.
ވީ ކިހިނެއް؟ - މަޖިލިސް ދެ ހަފްތާގެ ޗުއްޓީއަކަށް ދިޔައީ، މިދިޔަ މަހު15ގަ އެވެ. މަޖިލިސް ގަވައިދުގައިވާ ގޮތުން ކޮންމެ އަހަރަކު މަޖިލީހުގެ ޖަލްސާތައް ބެހިގެން ވަނީ ތިން ދައުރަށެވެ. އެއީ:
-
ފުރަތަމަ ދައުރު: ފެބްރުއަރީން 15 މޭއަށް
-
ދެވަނަ ދައުރު: ޖޫން އިން 15 އޮގަސްޓަށް
-
ތިން ވަނަ ދައުރު: އޮކްޓޯބަރުން ނޮވެމްބަރަށް
މާދަމާގެ ޖަލްސާގެ އެޖެންޑާ، މަޖިލީހުގެ ވެބްސައިޓުގައި މިހާރު ވަނީ ޝާއިއުކޮށްފައިވެ އެވެ.
ތަފްސީލު - އެޖެންޑާގައި އެންމެ ބޮޑު ކަމަކަށް އޮތީ، ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް އައްޔަން ކުރަން ރައީސް ފޮނުއްވި ނަންތައް ދިރާސާ ކުރުމުގެ މައްސަލަ އެވެ. މާދަމާގެ ޖަލްސާގައި ރައީސް ފޮނުއްވި ނަންތައް ދިރާސާ ކުުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާނަ އެވެ.
ރައީސް ފޮނުއްވި ނަންތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
ދެ ފަނޑިޔާރުން އައްޔަން ކުރުމާ ގުޅޭ ގޮތުން ޖޭއެސްސީން ދިން ލަފާ:
އެޖެންޑާގައި ދެން އޮތީ، ތިން ގައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަން ކުރުމަށް ރައީސް ފޮނުވި ނަންތަކަށް ރުހުން ދިނުމާ ގުޅޭ މައްސަލަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
ނޭޕާލް
-
އަޔަލެންޑް
-
ޔޫކްރައިން
އެ ގައުމުތަކަށް ނޮން-ރެޒިޑެންޓް ސަފީރުންގެ ގޮތުގައި އައްޔަން ކުރަން ރައީސް ފޮނުވި ނަންތައް ދިރާސާ ކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މާދަމާ ފޮނުވާނެ އެވެ.