މިނިސްޓަރު އަބްދުﷲ މުއްތޮޮލިބު މީގެ ކުރިން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި (ދައުރު ފޮޓޯ/ހުސެން ސުނޭން)

ކުރީ ސަރުކާރުގެ ލިސްޓަށް ފްލެޓް ދޭން ނިންމައިފި؛ އާ ލިސްޓެއް ނުނެރޭނެ

ލިސްޓުން ފްލެޓް ނުލިބޭނީ މާލޭގައި އުޅޭތާ 15 އަހަރުނުވާ ކަމަށް ނުވަތަ ޝަރުތު ހަމަނުވާ ކަމަށް ސާބިތުވެއްޖެ ނަމަ އެފަދަ ފަރާތަކަށް؛ އެފަދަ ފަރާތްތަކަށް އެކަން އަންގައި އެ ނިންމުން އިސްތިއުނާފް ކުރަން ފުރުސަތު ދޭނެ

ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ، 'ގެދޮރުވެރިޔާ' ސްކީމުން ފްލެޓް ލިބޭނެ ކަމަށް އެ ސަރުކާރުން ނެރެފައިވާ ދާއިމީ ލިސްޓަށް ފްލެޓް ދޭން ނިންމައި އާ ލިސްޓެއް ނުނެރޭނެކަން ސަރުކާރުން މިއަދު އިއުލާންކޮށްފި އެވެ. 

ވީ ކިހިނެއް؟ - އެ ގޮތަށް އިއުލާންކޮށްފައި ވަނީ ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވީ: 

  • ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ގެދޮރުވެރިޔާ ފްލެޓް ލިބޭނެ ކަމަށް 15 ނޮވެމްބަރު 2023ގައި  އިއުލާންކޮށްފައިވާ ފައިނަލް ލިސްޓަށް ފްލެޓް ދޭނެ 

  • މި ސަރުކާރުން އާ ލިސްޓެއް ނުނެރޭނެ 

  • ލިސްޓުން ފްލެޓް ނުލިބޭނީ މާލޭގައި އުޅޭތާ 15 އަހަރު ނުވާ ކަމަށް ނުވަތަ ޝަރުތު ހަމަނުވާ ކަމަށް ސާބިތުވެއްޖެ ނަމަ އެ ފަރާތަކަށް 

  • 2007ގެ ކުރިން މާލެއަަށް ބަދަލުވެފައިވާ ފަރާތްތަކަކީ މާލޭގައި މެދުނުކެނޑި އުޅުނު ފަރާތްތައް ކަމުގައި ބަލާނެ

"އިތުރު އާ ލިސްޓެއް އަޅުގަނޑުމެން ދެން ނުނެރޭނަން. އަޅުގަނޑުމެން ހަމައެކަނި އެ ލިސްޓުން ޝަރުތު ހަމަނުވާ ކަމަށް ސާބިތުވާ މީހުންނަށް އެޕީލްކުރަން ފުރުސަތު ދީ އަންގައި މުއާމަލާތް ކުރަމުން ދާނީ. އެފަދަ ފަރާތްތަކަށް އެ ޕްރޮސެސްތައް ނިމިގެން ފްލެޓް ނުލިބޭނީ،" މުއްތޮލިބު ވިދާޅުވި އެވެ. 

"ގިނަ މީހުންނަށް އެހެންވީމާ އެ ލިސްޓުން ފްލެޓް ލިބޭނެ."

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހަދަމުން އަންނަނީ 4،000 ފްލެޓެވެ. 

އެނގުން މުހިންމު - މި ސަރުކާރުން ވަނީ ކުރީގެ ލިސްޓް މުރާޖައާކޮށް 27 ފެބުރުއަރީގައި ލިސްޓެއް ނެރެ ޝަކުވާއަށް ހުޅުވާލައިފަ އެވެ. އެ ލިސްޓްގައިވާ ގޮތުން ޝަރުތު ހަމަވަނީ، 1،820 މީހުންނެވެ. އެ ލިސްޓަށް 8،000 އަށް ވުރެ ގިނަ ޝަކުވާ ވަނީ ލިބިފަ އެވެ. 

ތަފްސީލް - މުއްތޮލިބު ވިދާޅުވީ، އެ ލިސްޓަށް ދެން އިތުރަށް ނުބަލާނެ ކަމަށެވެ. އޭނާ ވިދާޅުވީ ކުރިން ބެލި ގޮތަށް އެހާ ހަރުކަށި އުސޫލަކުން ބަލައިގެން ފްލެޓް ލިބޭ މީހުން ނިންމާ ނަމަ އެކަން ކޮށް ދުވަހަކު ވެސް ނުނިމޭނެ ކަމަށެވެ. އެހެންކަމުން، އެންމެ މަސްލަހަތު ހުރި ގޮތަކީ ކުރީގެ ލިސްޓަށް ބަލައިގެން ފްލެޓްތައް ހަވާލުކުރަމުން ގެންދިޔުން ކަމަށް ވިދާޅުވި އެވެ.

ކުރީ ސަރުކާރުން އެކުލަވާލައި އަދި މިހާރު މި ސަރުކާރުން ވެސް އަމަލުކުރަން ނިންމާފައިވާ ދާއިމީ ލިސްޓުގައި ފާހަގަވެފައި ހުރި ބައެއް މައްސަލަތަކުގެ އަދަދު އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި:  

  • 391 ފަރާތަކީ ދެމަފިރިންނަށް ފްލެޓް ލިބިފައިވާ ފަރާތްތައް؛ އެއިން ލިބޭނީ އެއް ފަރާތަކަށް 

  • 302 މީހުންނަށް މިހާރު ވެސް މާލޭގައި ބޯހިޔާވަހިކަން އެބަހުރި. ފްލެޓް ލިބޭނީ މާލޭގައި އޮތް ބިން ސަރުކާރާ ހަވާލުކުރުމުން

  • ބިންވެރިޔާ ސްކީމުން ގޯތި ލިބުނު 305 ފަރާތަަކަށް ފްލެޓް ލިބިފައިވޭ 

މާލޭގައި އުޅޭ ކަމަށް ބުނެ އޮޅުވާލައިގެން ލިޔުން ހުށަހަޅާފައިވާ ކަމަށް ނިންމައި ލިސްޓުން އުނިވަނީ ކިތައް ފަރާތް ކަމެއް މުއްތޮލިބު ވިދާޅެއްނުވެ އެވެ.

ނިމުނީ އަދި 1،000 ފްލެޓް؛ ނިމޭ ވަރަކުން ހަވާލުކުރަނީ

މުއްތޮލިބު ވިދާޅުވީ 4،000 ފްލެޓުގެ ތެރެއިން މިހާތަނަށް އަދި ނިމިފައި ވަނީ 1،000 ފްލެޓް ކަމަށެވެ. ނަމަވެސް އެ ތަންތަނަށް ފެނާއި ކަރަންޓް ގުޅާ ނިމޭނީ ޖުލައި މަސް ތެރޭގައި ކަމަށް މުއްތޮލިބު ވިދާޅުވި އެވެ. އެގޮތުން:

  • ލިސްޓުގެ ތަރުތީބުން ނިމޭ ފްލެޓްތައް ހަވާލުކުރަން ނިންމާފައިވަނީ

  • ޖުލައި މަހު އިތުރު 1،000 ފްލެޓް ނިންމަން ވެސް ވަނީ އަމާޒުކޮށްފައި 

  • އަދި ސެޕްޓެމްބަރުގެ ނިޔަލަށް ހުރިހާ ފްލެޓެއް ނިންމުން އަމާޒަކީ

ފްލެޓްތަކުގައި ޖުލައި މަހު ދިރިއުޅެން ފެށޭނެ

މުއްތޮލިބު އިތުރަށް ވިދާޅުވި ގޮތުގައި ފްލެޓް ލިބޭ މީހުންނާ އެކު، އެ ފްލެޓްތައް ހަދާ ސަރުކާރުގެ ކުންފުނި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން މިދިޔަ ސަރުކާރުގެ އެންމެ ފަހު ދުވަސްކޮޅު ހެދި އެގްރިމަންޓް ބަލައި ނުގަންނަ ކަމަށެވެ. އެހެންވެ، ހައުސިން މިނިސްޓްރީން ފްލެޓް ލިބޭ މީހުންނާ އެކު އަލުން އެގްރިމަންޓް ހަދާނޭ ކަމަށް ވެސް މުއްތޮލިބު ވިދާޅުވި އެވެ. 

"ޗުއްޓީއަށް ފަހު އަންނަ މަހުގެ ތެރޭ ދާއިމީ ލިސްޓްގައި ހުރި މީހުންނާ އެކު އެގްރިމަންޓް ހަދަން ފަށާނަން. ޖުލައި މަސް ތެރޭ އެތަނުގައި އުޅެން ފެށޭނެ ކަމަށް މި ބަލަނީ،" މުއްތޮލިބު ވިދާޅުވި އެވެ.

ކޮމެންޓް (5)

އެނގިގެންމިބުނީ

30 މޭ 2025
މަންމަ ހިޔާ ފުލެޓް ބައްޕަ އޮފީސް ފުލެޓް ދަރިއަށް ގޯތި މިވެސް ކުރީސަރުކާރުން ހިންގާފަހުރި ޖަރީމާ. ކޮންމެވެސް އެއްތަނެއްދީފަ ދެންހުރިތަންތަން އަތުލާ.
3 0

ރާއްޖެތެރެމީހާ

30 މޭ 2025
ކޮބާތަ ރާއްޖެތެރޭން މާލެ އައިސް 15 އަހަރުވީ މީހުންނަށް ގޯތި ދޭން ފޯމް ހުާހެޅި މީހުންގެ އެޕްލިކޭޝަންތަކާއި އެ ކަމުގެ އަޕްޑޭޓަކީ؟ މި ސުވާލު ކޮށްލާނެ ހަމަ އެއްވެސް ނޫސްވެރިއެއް ނެތީތަ؟
3 0

ބޯދަމައިގަތީތަ

29 މޭ 2025
ކުރިން ވެސް މިހެން ވާން އޮތްދޯ
0 0

އާލަމް

29 މޭ 2025
ކީއްވެތޯ ބޯހިޔާވެހިކަމުގެ މަސްރޫޢުތަކުންނާއި' ކުންފުނިތަކުން އަދި ސިފްކޯ' ޕޮލްކޯ ފަދަ ތަންތަނުން ފުލެޓް ލިބިފައިވާ (އަދި ރަށްރަށުންވެސް) އަނބި' ފިރިން ނުހިމެނެންވީ! ދައުލަތުގެ އެއްވެސް މަސްރޫޢު އަކުން އަނބި އަދި ފިރިއަށް ބޯހިޔާވަހިކަމެއް ލިބިފައިވާ އެއްވެސް ފަރާތަކަށް ދެވިގެންނުވާނެ އޭރުން އެންމެ އިންސާފުވާނީ އަދި ވަރިކޮށްފައިވަނީ ވެސް މިފަދަ ބޭނުމަކުކަމަށްތޯވެސް ޔަގީންކުރުން ހިމެނެންވާނެ
1 0

ޑަބިޔާދު

29 މޭ 2025
ދެއުޅިއެއްނުވާ ސަރުކާރެއް، ސަރުކާރެއްވެއްޖިއްޔާ ގޮތެއް ހުންނަންވާނެ.
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް