ގެދޮރުވެރިޔާ ސްކީމްގެ ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގައި އެހީތެރިކަން ފޯރުކޮށްދޭން އާންމުންގެ ޖަމިއްޔާއިން ހުޅުމާލެ އެމްޕީއެލް ކެފޭގައި ބަަހައްޓާފައިވާ ހެލްޕު ޑެސްކެއް - (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ފްލެޓް ލިސްޓަށް 8،000އަށް ވުރެ ގިނަ ޝަކުވާ

ލިސްޓުން އުނިކޮށްފައިވާ މީހުން އެކަނި ވެސް 5،000އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވޭ؛ މި ލިސްޓަށް ފްލެޓް ނުލިބޭ މީހުންނާއި އާންމު ފަރާތްތަކުން ވެސް ޝަކުވާ ހުށަހަޅާފައިވޭ

'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓަށް 8،000އަށް ވުރެ ގިނަ ޝަކުވާ ލިބިފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ހުޅުމާލޭގައި އަޅާ 4،000 ހައުސިން ޔުނިޓު ލިބޭ މީހުންގެ ލިސްޓުގެ އިވެލުއޭޝަން ހެދުމަށް ފަހު، އެ ލިސްޓު މިދިޔަ ފެބްރުއަރީ މަސް ތެރޭ ވަނީ އާންމުކޮށްފަ އެވެ.

އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތު އިއްޔެއަށް ވަނީ ހަމަވެފަ އެވެ.

ތަފްސީލް - ހައުސިން މިނިސްޓްރީން މިއަދު 'ދައުރު'އަށް ބުނި ގޮތުގައި، އެ ލިސްޓަށް 8،602 ޝަކުވާ ހުށަހަޅާފައިވެ އެވެ. އެއީ:

  •  ޕޯޓަލް މެދުވެރިކޮށް: 5236 ޝަކުވާ 

  •  އީމެއިލް މެދުވެރިކޮށް: 2840 ޝަކުވާ

  • ސިޓީ މެދުވެރިކޮށް: 526 ޝަކުވާ

މިނިސްޓްރީން ބުނީ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ ޝަކުވާތަކަކީ ހަމައެކަނި ލިސްޓުގެ ތެރެއިން ފްލެޓް ނުލިބޭ މީހުންގެ ޝަކުވާތައް ކަަމަށެވެ. އީމެއިލް އަދި ސިޓީ މެދުވެރިކޮށް ލިބުނު ޝަކުވާތަކުގައި ފްލެޓް ނުލިބޭ މީހުންގެ ޝަކުވާ އަދި އާންމު ފަރާތްތަކުން ހުށަހަޅާފައިވާ ޝަކުވާތައް ހިމެނެ އެވެ.

މުއްދަތު ހަމަވުމަށް ފަހު މިނިސްޓްރީން އެންމެ މުހިންމު އިސް ކަމެއްދޭނީ ޝަކުވާތައް ބަލައި ނިންމުމަށް ކަމަށް އެ ތަނުން ބުންޏެވެ.

އެނގުން މުހިންމު - މި ސަރުކާރުން އަލުން ބެލުމަށް ފަހު އާންމުކުރި ލިސްޓުގައި ޖުމްލަ 2،695 ފޯމު ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާއިރު، 424 ފަރާތެއް ޕޮއިންޓަށް އައި ބަދަލާ އެކު ލިސްޓުން އުނިވެފައިވެ އެވެ.

ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ޝަރުތު ހަމަނުވާ ކަމަށް ނިންމި ގިނި މީހުންގެ ތެރޭގައި ހިމެނެނީ މާލޭގައި 15 އަހަރު ދިރިއުޅުނުކަން ސާބިތުކުރަން ހުށަހެޅި ލިޔުމުގައި މައްސަލަ ހުރި މީހުންނެވެ.

ވެރިފިކޭޝަނަށް ފަހު މިނިސްޓްރީން އާންމުކުރި މައުލޫމާތަށް ބަލާއިރު:

  • ޖުމްލަ 4،939 ފޯމު ޗެކުކުރި 

  • ތިން ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3،721 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 75އަށް ވުރެ ގިނަ ޕޮއިންޓު ލިބުނީ 1،423 މީހަކަށް 

  • ދެ ކޮޓަރީގެ ލިސްޓުގައި ހިމެނޭ 1،218 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 73އަށް ވުރެ މަތިން ޕޮއިންޓު ލިބުނީ 397 މީހަކަށް

ކޮމެންޓް (5)

ނަމްޝާދު

16 އޭޕްރީލު 2025
ތީގަ ގިނަވާނީ އެކަކު ތަކުރާރުކޮށް މަތިމައްޗަށް މިސަރުކާރަށް ޖެއްސުމަށް ލާފަހުރި އެއްޗެހި
1 0

އަލިބެ

16 އޭޕްރީލު 2025
މިސަރުކާރުން ނެރުނު ލިސްޓަށް އަވަހަށް ތިތަންތަންދީ ނިންމަންވީނު ގައިމު ތިކަމާހެދި ނުނިދޭމީހުން މިހާރު ބައިވަރު އެއިރުން ތިކަންވެސް ނިމުނީނު
1 0

ނަރުމާ

16 އޭޕްރީލު 2025
ކުރީސަރުކާރު މިނިސްޓަރުންގެ ލިސްޓާއި، މަޖިލިސް މެމްބަރުގެ ލިސްޓަށް އޭރުފުލެޓް ދިންމީހުން ރުޅިއައިސްގެން ރިޕީޓްކޮށް ޝަކުވާލާފަ އެމީހުންގެ ރައްޓެހިންލައްވާވެސް، ބޮޑެތި ދޮގުހަދާފަ ހުރިކަން އެހުރީ އޭސީސީގެ ރިޕޯޓުން ހާމަވާން، ތީގެ އެއްވެސް ޝަކުވާއެއްނުބެލިއްޔާ ރަނގަޅީ،
1 0

އިބުރޭ

16 އޭޕްރީލު 2025
ލެއްވިހާ ބަޔަކަށް ޝަކުވާ ހުޝަހެޅޭނެހެން ހެދީ މި ބޭނުމުގައެއްނު. ދެން އަނެއްކާވެސް ތި ޝަކުވާ ބަލައި ނިންމައި ފުލެޓް ހައްގުވާ ބަޔަކު ކަނޑައެޅޭވަރު ވާއިރު އޮންނާނީ ރިޔާސީ އިންތިޚާބަށް ދޭ ކެމްޕޭން ހަދިޔާއަކަށްވެފަ
1 0

އަވަސް ކުރޭ

16 އޭޕްރީލު 2025
މިސަރުކާރުން ރިވިއުކުރި ލިސްޓްގައި މައްސަލަ ނެތް 1820 ފްލެޓް އޭގެ ޙައްޤުވެރިންނަށް އަވަގަށް ޙަވާލު ކުރައްވާށެވެ!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް