ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު.

އޯޑިއޯތަކުގެ މައްސަލަ: ގާޒީ ފާއިޒުގެ ސަސްޕެންޝަން، އަޑު ދިމާނުވުމުން އުވާލައިފި

އޯޑިއޯގައިވާ އަޑާ ގާޒީ ފާއިޒުގެ އަޑު ދިމާ ނުވާ ކަމަށް ބުނީ މެލޭޝިޔާގެ ކަމާ ބެހޭ އިދާރާއަކުން ތައްޔާރުކުރި ޑިޖިޓަލް ފޮރެންސިކް ރިޕޯޓެއްގައި
26 ޑިސެމްބަރު 2021

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންތަކެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރި އޯޑިއޯތަކުގެ މައްސަލައިގައި ސަސްޕެންޑުކުރި ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ ސަސްޕެންޝަން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އުވާލައިފި އެވެ.

މައްސަލައިގެ ފެށުން - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެ މަނިކުފާނު ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކުރި ކްރިމިނަލް ކޯޓުގެ ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރުން ވާހަކަ ދައްކަވާ ކަމަށް ބުނާ އެ އޯޑިއޯތަކެއް ލީކުވެ، އެ މައްސަލަ ހޫނުވި އެވެ. އެގޮތުން:

  • އެ އޯޑިއޯތަކުގައި ވާހަކަ ދައްކާ ފަރާތްތަކުން ބުނެފައި ވަނީ، ޔާމީންގެ މައްޗަށް ހުކުމް އިއްވީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށް

  • ނަމަވެސް، އެއީ ޓެމްޕާކޮށްފައިވާ އޯޑިއޯތަކެއްކަން ވަނީ ހާމަވެފައި 

  • މީޑިއާތަކުން ތުހުމަތު ރައްދުކުރި ތިން ފަނޑިޔާރުންގެ ތެރެއިން، ގާޒީ އަލީ އާދަމް އާއި ގާޒީ މުހައްމަދު ސަމީރުގެ އަޑާއި އެ އޯޑިއޯތަކުގައި ވާހަކަދައްކާފައިވާ މީހާގެ އަޑު ދިމާނުވާކަން ކަށަވަރުވާ ކަމަށް ޖޭއެސްސީން ކުރިން ބުނެފައިވޭ

  • ގާޒީ ފާއިޒު ރަޝާދުގެ އޯޑިއޯ ކަމަށް ބުނާ އޯޑިއޯ އަކީ ވެސް ޓެމްޕާކޮށްފައިވާ އޯޑިއޯއެއްކަން ހާމަވި ނަމަވެސް، އެ އޯޑިއޯގައިވާ އަޑާއި އެ ބޭފުޅާގެ އަޑާ ދިމާވާކަމަށް އޯޑިއޯ އެނެލިސިސްގައި ކުރިން ކަނޑައެޅި

  • އެހެންވެ، އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ޖޭއެސްސީން މިދިޔަ ނޮވެމްބަރު މަހު، އެ ގާޒީ ދެ މަހަށް ސަސްޕެންޑުކުރި

ބުނީ ކީކޭ؟ - ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ގާޒީ ފާއިޒް ރަޝާދު މަސައްކަތުން ސަސްޕެންޑުކޮށްފައި ވަނިކޮށް، މެލޭޝިއާގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާގެ ޑިޖިޓަލް ފޮރެންސިކް ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ޑިޖިޓަލް ފޮރެންސިކް ކޭސް ރިޕޯޓެއް ފުލުހުން އެ ކޮމިޝަނާ ހިއްސާކުރި ކަމަށެވެ.

"އެ ރިޕޯޓުގައި، މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ފޮރެންސިކް އެނެލިސިސް އިން އެ އޯޑިއޯގައިވާ އަޑާއި ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އަޑާ ދިމާ ނުވާ ކަމަށް ބަޔާންކޮށްފައިވެ އެވެ،" ޖޭއެސްސީން ބުންޏެވެ.

އެހެންކަމުން، ގާޒީ ފާއިޒުގެ ސަސްޕެންޝަން އުވާލަން މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުން ވަނީ ނިންމައިފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް