ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު

އޯޑިއޯތަކާ ގުޅިގެން ގާޒީ ފާއިޒު ދެ މަހަށް ސަސްޕެންޑުކޮށްފި

ގާޒީ ފާއިޒު ސަސްޕެންޑުކުރަން ނިންމީ ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަަމށް ޖޭއެސްސީން ބުނި
4 ނޮވެމްބަރު 2021

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންތަކެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރި އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސް ހެދި އިރު، އޭގެ ތެރެއިން އެއް އޯޑިއޯގައިވާ އަޑާއި ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އަޑާ ދިމާވާތީ، މައްސަލަ ބެލުމަށް އޭނާ ވަޒީފާއިން ސަސްޕެންޑުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެ މަނިކުފާނު ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކުރި ކްރިމިނަލް ކޯޓުގެ ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރުން ވާހަކަ ދައްކަވާ ކަމަށް ބުނާ އޯޑިއޯތަކެއް ލީކުވެ، އެ މައްސަލަ ހޫނުވި އެވެ. އެ އޯޑިއޯތަކުގައި ވާހަކަ ދައްކާ ފަރާތްތަކުން ބުނެފައި ވަނީ ޔާމީންގެ މައްޗަށް ހުކުމް އިއްވީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށެވެ.

ތަފްސީލް - އެ މައްސަލަ ބެލުމަށް ފަހު ޖޭއެސްސީން ބުނީ އެ އޯޑިއޯތަކަކީ ޓެމްޕާކޮށްފައިވާ އޯޑިއޯތަކެއް ކަމަށެވެ. އެގޮތުން މީޑިއާތަކުން ތުހުމަތު ރައްދުކުރި ތިން ފަނޑިޔާރުންގެ ތެރެއިން، ގާޒީ އަލީ އާދަމް އާއި ގާޒީ މުހައްމަދު ސަމީރުގެ އަޑާއި އެ އޯޑިއޯތަކުގައި ވާހަކަދައްކާފައިވާ މީހާގެ އަޑު ދިމާނުވާކަން ކަށަވަރުވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ގާޒީ ހުސައިން ފައިޒު ރަޝާދުގެ އޯޑިއޯ ކަމަށް ބުނާ އޯޑިއޯއަކީ ވެސް ޓެމްޕާކޮށްފައިވާ އޯޑިއޯއެއްކަން ހާމަވި ނަމަވެސް އެ އޯޑިއޯގައިވާ އަޑާއި އެ ބޭފުޅާގެ އަޑާ ދިމާވާކަމަށް އޯޑިއޯ އެނާލިސިސްގައި ވަނީ ކަނޑައަޅައިފަ އެވެ.

އެހެންކަމުން ފާއިޒު އެ ބޭފުޅާގެ އަޑުކަމާ މެދު އިންކާރުކުރެއްވި ނަމަވެސް އެ މައްސަލަ ކޮމިޝަންގެ އިސްނެގުމަށް ތަހުގީގުކުރަން ނިންމައި ތަހުގީގު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން އޭރު ބުންޏެވެ.

ޖޭއެސްސީގެ ބަސް - ގާޒީ ފާއިޒުގެ މައްސަލައާ ގުޅިގެން ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަނީ ގާޒީ ފާއިޒުގެ ސުލޫކީ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލައިގެ ބާވަތަށާއި ތަހުގީގަށް ހޯދިފައިވާ މައުލޫމާތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، މާދަމާއިން ފެށިގެން  ވަގުތީގޮތުން 60 ދުވަހަށް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް، ގާޒީ ފާއިޒަށް އެންގުމަށް ފެންނަކަމަށް މިއަދު ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.

އެނގުން މުހިންމު - ގާޒީ ފާއިޒުގެ އަޑާ ދިމާވާ އޯޑިއޯގައި ދައްކާފައިހުރި ވާހަކަތަކުގައި ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގި ޝަރީއަތާ ގުޅިގެން އެއްވެސް ފަރާތަކުން އެއްވެސް ފަނޑިޔާރަކާ ބައްދަލުކޮށްފައިވާކަމަށް، ނުވަތަ ބައްދަލު ކުރަން އެދިފައިވާ ކަމަށް ނުވަތަ އެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައިވާ ކަމަށް ބުނެފައި ނުވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ނަމަވެސް، އެ އޯޑިއޯގައި ކޯޓުގެ ޝަރީއަތަކާ ގުޅޭގޮތުން ކޯޓުން ބޭރުގައި ގިނަ ވާހަކަތަކެއް ދައްކާފައިވާ ކަމަށާއި އެގޮތަށް ފަނޑިޔާރު އަމަލު ބެހެއްޓެވުމުގެ ސަބަބުން، ބަޔަކަށް އޭގެ ނާޖާއިޒް ފައިދާ ނެގުމުގެ ފުރުސަތު ފަހިވެ، އެހެން ފަނޑިޔާރުންގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލޭގޮތަށް، އޯޑިއޯތަކެއް ހަދައިގެން ދައުރުކުރުމުގެ އަމަލުހިންގުމަށް މަގު ފަހިވެގެން ދިޔަކަމަށް ޖޭއެސްސީން ބުންޏެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް