ފުލުހުންގެ އޮފިސަރުންތަކެއް މަގުމަތީގައި ހަރަކާތްތެރި ވަނީ: ގޭންގް ކުށްތަކާ ބެހޭ އާ ބިލެއް މިއަދު ވަނީ ފާސްކޮށްފައި (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ބޮޑެތި އަދަބުތަކާއި ކޯޓު އަމުރެއް ނެތި ހައްގުތައް ހިފެހެއްޓުން ހިމެނޭ ގޭންގް ބިލު ފާސްކޮށްފި

ާއާ ގާނޫނުގެ ދަށުން ފުލުހުންނަށް ކޯޓު އަމުރަކާ ނުލާ ބަލާފާސް ވެސް ކުރެވޭނެ. ޖޫރިމަނާކުރާ އަދުދުތައް ކޮމިޓީ މަރުހަލާގައި ވަނީ މަތިކޮށްފައި

މީހުން މެރުމާއި ގޭންގްތަކާ ގުޅޭ ބޮޑެތި ކުށްތަކަށް އުމުރަށް ޖަލަށްލުމާ އެކު 10 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް، ސަރުކާރުގެ ފަރާތުން މިދިޔަ އަހަރު ފަހުކޮޅު މަޖިލީހަށް ހުށަހެޅި ގޭންގްތަކާ ބެހޭ ބިލު މިއަދު ފާސްކޮށްފި އެވެ. އާ ބިލާ އެކު، ކޯޓު އަމުރެއް ނެތި ގިނަ ހައްގުތަކެއް ވެސް ފުލުހުންނަށް ހިފެހެއްޓޭނެ އެވެ.

ވީ ކިހިނެއް؟ - 'ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު'ގެ ނަމުގައި ސަރުކާރުގެ ފަރާތުން މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީ މެންބަރު މި ބިލު ހުށަހެޅުއްވީ މިދިޔަ ޑިސެމްބަރު މަހު އެވެ.

ކޮމިޓީ މަރުހަލާގައި ގާތްގަނޑަކަށް ހަ މަސް ދުވަހުގެ ދިރާސާކުރުންތަކަށް ފަހު، މައިގަނޑު ދެތިން އިސްލާހެއް ގެނެސް މިއަދު ބޭއްވި މަޖިލިހުގެ ޖަލްސާއަށް ކޮމިޓީ ރިޕޯޓު ހުށަހެޅި އެވެ.

ގެންގް ކުށްތަކާ ބެހޭ ބިލު، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވި ޕީއެންސީގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން (ފައިލް ފޮޓޯ/ މަޖިލިސް)

ތަފްސީލު - މަޖިލިސް ދެ ހަފްތާގެ ޗުއްޓީއަށް ދިއުމުގެ ކުރިން ކޮމިޓީތަކުން ނިންމާފައި ހުރި ބިލުތައް ފާސްކުރަން މިއަދު ބޭއްވި ޖަލްސާގައި މި ބިލު ފާސްވީ، 55 މެންބަރުންގެ ވޯޓުންނެވެ. އެމްޑީޕީގެ 11 މެންބަރަކު ވަކި ކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ.

މީހަކު މަރާލައިފި ނަމަ، ބިލުގައި ކަނޑައަޅާފައި ވަނީ މިހާރު ވެސް އޮންނަ ގޮތަށް، މަރުގެ އަދަބެވެ. ނުވަތަ މަރުގެ ދިޔަ ދައްކާ ނަމަ، 25 އަހަރަށް ޖަލަށްލުމެވެ. ނަމަވެސް ޖޫރިމަނާ ކުރުމެއް މިހާރު ނޯވެ އެވެ.

ނަމަވެސް މިއަދު މަޖިލީހުން މި ބިލު ފާސްކުުރުމާ އެކު ރައީސް ތަސްދީގުކުރައްވާ މިއަށް އަމަލުކުރަން ފެށުމާ އެކު، ދެން މާރާމާރީ ހިންގައިގެން އެ ކުރި އަމަލަކުން މީހަކު މަރުވެއްޖެ ނަމަ، މަރުގެ އަދަބު 25 އަހަރަށް ޖަލަށްލުމާ އެކު، 3 މިލިއަން ރުފިޔާ އާއި 10 މިލިއަން ރުފިޔާގެ އަދަދަކުން ޖުރިމަނާކުރަން ޖެހޭނެ އެވެ. އޭގެ އިތުރުން:

  • މާރާމާރީ ހިންގައިގެން މީހަކު މަރުނުވާ ހާލަތުގައި އަންނާނީ 20 އަހަރުގެ ޖަލު ހުކުމަކާ އެކު، 2 ލައްކަ ރުފިޔާ އާއި 7 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް 

  • މީހަކު ކިޑްނެޕް ކޮށްފި ނަމަ 15 އަހަރަށް ޖަލަށްލުމާ އެކު، 1 މިލިއަން ރުފިޔާ އާއި 3 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުން

  • މީހަކަށް ބިރުދައްކައިފި ނަމަ 10 އަހަރަށް ޖަލަށްލުމާ އެކު، 750،000ރ. އާއި 500،00ރ. އަދަދަކުން ޖޫރިމަނާ ކުރުން

ގޭންގު ކުށްތަކަށް ވެެސް ޖަލަށްލުމާ އެކު 10 މިލިއަނުން ޖޫރިމަނާ

ރާއްޖޭގައި ކުށްކުރާ ގްރޫޕުތަކަށް ނުވަތަ ގޭންގްތަކަށް މި ބިލުގައި ކިޔަނީ، 'އިންތިޒާމްވެފައިވާ ކުށްކުރާ ގްރޫޕު' އެވެ. އެގޮތުން:

  • އެފަދަ ގްރޫޕެއްގެ ގޮތުގައި ބަލަނީ، ޖިނާއީ ބޮޑު ކުށެށް ނުވަތަ އެފަދަ އެއް ކުށަށް ވުރެ ގިނަ ކުށްކުރުމަށް، ނުވަތަ އެނޫންވެސް ޖިނައީ ކުށް ކޮށްގެން ސީދާ ގޮތުން ވިޔަސް ނުސީދާ ގޮތުން ވިޔަސް މާލީ ނުވަތަ އެނޫން ވެސް މާއްދީ މަންފާއެއް ހޯދަން، ގުޅިގެން މަސައްކަތްކުރާ، ތިން މީހުން ނުވަތަ އެއަށް ވުރެ ގިނަ މީހުންގެ މައްޗަށް އެކުލެވޭ އިންތިޒާމްވެފައިވާ ގްރޫޕް

ފުލުހުންތަކެއް މަގުމަތީ ހަރަކާތްތެރިވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ބިލުގައިވާ ގޮތުން މިފަދަ ކުށް ކުރާ ގުރޫޕެއް އުފެއްދުމާއި ހިންގުމަކީ ގާނޫނީ ކުށެކެވެ. އޭގެ އަދަބަކީ 25 އަހަރަށް ޖަލަށްލުމާ އެކު 3 މިލިއަން އާއި 10 މިލިއަން ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުމެވެ.

މި ގްރޫޕުތަކުން ކުށްކުރަން ބޭނުންކުރާ ތަންތަނުގެ ވެރިފަރާތާއި އެތަން ކުއްޔަށް ނަގައިގެން އުޅޭ މީހުން އަދި އެތަނުގައި ދިރިއުޅޭ މީހުންނަށް ވެސް ފިޔަވަޅު އެޅޭ ގޮތަށް ބިލުގައިވެ އެވެ. އެގޮތުން ބިލުގައި ބުނީ:

  • ވަކި ތަނެއްގައި އިންތިޒާމްވެގެން ހިންގާ ކުށްކުރާކަން ނުވަތަ އެގޮތަށް ގަބޫލުކުރާނެ ފުރުސަތު އޮވެ، އެތަނެއްގެ ވެރިފަރާތުން ނުވަތަ އެތަނެއް ކުއްޔަށް ހިފައިގެން އުޅޭ ފަރާތުން ނުވަތަ އެތަނެއްގައި އެވަގުތު އުޅޭ ފަރާތުން ނުވަތަ އެތަނެއް ބަލަހައްޓާ ފަރާތުން ނުވަތަ އެތަނަކާ ހަވާލުވެ ހުރި ފަރާތުން އެކަން ހިންގިޔަ ދިޔުމުކީ، ނުވަތަ ހުއްދަކުރުމަކީ ނުވަތަ އެކަމަށް މަގުފަހިކޮށްދިނުމަކީ ކުށެށް

  • އެ ކުށުގެ އަދަބަކީ ފަސް އަހަރަށް ޖަލަށްލުމާ އެކު، 3 ލައްކަ ރުފިޔާ އާއި 1 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާކުރުން 

ކޯޓު އަމުރަކާ ނުލާ ފުލުހުންނަށް ބައެއް ކަންކަން ކުރުމުގެ ބާރުތަކެއް 

ބައެއް ހާލަތްތަކުގައި، ފުލުހުންނަށް މިހާރު ނުލިބޭ ބާރުތަކެއް ދީ އަދި ކުށުގެ ތުހުމަތުވާ ފަރާތަށް މިހާރު ލިބޭ ބައެއް ހައްގުތައް ހަނިކުރުމަށް ވެސް ބިލުގައި ހިމަނާފައިވެ އެވެ. އެގޮތުން:

  • ބޮޑެތި ކުށްތަކުގެ ތުހުމަތުވާ މީހަކަށް އޭނާ ހައްޔަރުކުރާ ވަގުތުން ފެށިގެން 48 ގަޑިއިރު ވަންދެން ގާނޫނީ ވަކީލަކާ އެކު އެކަހެރިކޮށް ބައްދަލުވެ މަޝްވަރާކުރުމުގެ ފުރުސަތު ނުދީ ހިފެހެއްޓިދާނެ

  • ބޮޑެތި ކުށްތަކުގެ ތުހުމަތުވާ މީހަކު ކަފާލާތުގެ ދަށުން ދޫކުރުމުގެ ހައްގު ނުލިބޭނެ

  • ބޮޑެތި ކުށެއްގެ ތުހުމަތުވާ މީހަކާ މެދު ވަގުތުން ފިޔަވަޅު ނާޅައިފި ނަަމަ، އެމީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކޮށްފާނެ ކަމަށް ބަލަން ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރެއްޖެ ނަމަ، ކޯޓު އަމުރަކާ ނުލާ އެމީހަކު ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބޭ

  • ކޯޓު އަމުރެއް ނެތި ފުލުހުންނަށް މީހަކު ހައްޔަރުކުރަން އަމިއްލަ ތަނަކަށް ވަދެ، އޭނާ ހައްޔަރުކޮށް، އެތަނުގައި އެ މީހާ ބަލައި ފާސްކުރެވޭނެ އަދި އެކަށީގެންވާ ވަގުތަކަށް އެތަނެއްގައި މަޑު ވެސް ކުރެވޭނެ

ފުލުހުން މަގުމަތިން މީހަކު ހައްޔަރުކޮށްފައި ގެންދަނީ (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ކޮމިޓީ މަރުހަލާގައި ބިލަށް ގެނައި ބައެއް މުހިންމު ބަދަލުތައް:

  • ސަރުކާރުން ބިލު މަޖިލީހަށް ހުށަހެޅިއިރު، އެއްވެސް މީހަކު އިންތިޒާމްވެފައިވާ ކުށްކުރާ ގްރޫޕެއްގެ ނިޝާން ހާމަކުރުމަކީ ކުށެއް ކަމަށް ބަޔާންކޮށްފައިވޭ؛ އޭގެ އަދަބެއްގެ ގޮތުގައި 12 އަހަރަށް ޖަލަށްލުމާ އެކު، 75،000ރ. އާއި 1 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުން ހިމެނޭ

  • ކޮމިޓީ މަރުހަލާގައި އެ މާއްދާއަށް ގެނައި ބަދަލަކީ، އެފަދަ ނިޝާނެއް "އެނގި ހުރެ" ހާމަކުރުމަކީ، ކުށެއް ކަމަށް ބަޔާންކުރުން. އެއީ ކުރިން އޮތް ގޮތުން ނޭނގި ނަމަވެސް އެފަދަ ކަމެއްކޮށްފިއްޔާ އަދަބަކަށް ވެދާނެތީ؛ އަދަބެއްގެ ގޮތުގައި މިހާރު ބަދަލުކޮށްފައި އޮތީ ތިން އަހަރަށް ޖަލަށްލުމާ އެކު، 2 ލައްކަ ރުފިޔާ އާއި 5 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުން

  • ދެން ގެނައި ބަދަލުތަކަކީ، ބައެއް ކުށްތަކަށް ޖޫރިމަނާގެ ގޮތުގައި ކަނޑައަޅާފައިވާ އެންމެ ދަށް އަދަދު އިތުރަށް ބޮޑުކުރުން؛ ކުރިން އޮތް ގޮތުން އެ ކުށްތަކަށް އެންމެ ކުޑަ ޖޫރިމަނާއަކީ، 15،000ރ. ނަމަވެސް މިހާރު އެ އަދަދު ވަނީ 2 ލައްކަ ރުފިޔާއަށް މަތިކޮށްފައި

ކޮމިޓީ މަރުހަލާގައި ބިލުގައި ހުރި ބައެއް ޖޫރިމަނާތަކަށް ގެނައި ބަދަލުތައް

ނުހައްގު މުއްސަނދިކަން ހޯދައިފި ނަމަ 1 މިލިއަންއާ ހަމައަށް ޖޫރިމަނާ

މި ބިލުގައިވާ ގޮތުން ގޭންގަކާ ގުޅިފައިވާ އެއްވެސް މީހަކު، ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެކެވެ. އޭގެ އަދަބަކީ، 5 ލައްކަ ރުފިޔާ އާއި 1 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ނުހައްގު މުއްސަނދިކަމުގެ ހޯދިކަން ބަލަނީ މައިގަނޑު ދެ ގޮތަކަށެވެ. އެއީ: 

  • ލިބެމުންދާ ނުވަތަ ލިބެމުންދިޔަ އާމްދަނީއާ ނުބައްދަލު މިންވަރަކަށް މުދާ ހޯދުން ނުވަތަ ލިބިގަތުން

  • އެ މުދާ ހޯދާފައިވަނީ، ނުވަތަ ލިބިފައި ވަނީ، ގާނޫނު ހުއްދަކުރާ ގޮތުގެ މަތިންކަން ސާބިތުކޮށްނުދެވުން

މި ބިލު ރައީސް ތަސްދީގު ކުރެއްވުމާ އެކު، އަމަލުކުރަން ފަށަން އޮތީ، ތިން މަސް ހަމަވާ ދުވަހުން ފެށިގެންނެވެ. މިރޭ ރައީސް ތަސްދީގު ކުރައްވައިފި ނަމަ، އަމަލު ކުރަން ފަށާނީ، އަންނަ 16 އޮގަސްޓްގަ އެވެ. އެއާ އެކު، މިހާރު އަމަލުކުރަމުން އަންނަ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނާއި ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު އުވޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް