ގެންގް ކުށްތަކާ ބެހޭ ބިލު، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވި ޕީއެންސީގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މެންބަރު މުސްތަފާ ހުސައިން (ފައިލް ފޮޓޯ/ މަޖިލިސް)
ގޭންގް ބިލް: އުމުރު ދުވަހުގެ ޖަލު ހުކުމާއި ބޮޑެތި ޖޫރިމަނާތަކެއް
މީހަކު މެރުމާއި ގޭންގްތަކާ ގުޅޭ ބޮޑެތި ކުށްތަކަށް އުމުރަށް ޖަލަށްލުމާއެކު 10 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް އެ ކުށްތަކާ ގުޅޭ ބިލެއް ހުށަހަޅައިފި އެވެ. މި ބިލުގައި އެންމެ ބޮޑު ޖޫރިމަނާއަކަށް އޮތީ، 100 މިލިއަންއާ ހަމައަށް ޖޫރިމަނާ ކުރުމެވެ.
ވީ ކިހިނެއް؟ - 'ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު'ގެ ނަމުގައި ސަރުކާރުގެ ފަރާތުން އިއްޔެ މަޖިލިސް ޖަލްސާއަށް އެ ބިލު ހުށަހެޅުއްވީ، މައްޗަންގޮޅި ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު މުސްތަފާ ހުސައިން އެވެ.
ތަފްސީލު - މި ބިލު ގާނޫނަކަށްވުމުން، މިހާރު އަމަލު ކުރަމުން އަންނަ 'ގޭންގު ކުށްތައް މަނާ ކުރުމާ ބެހޭ ގާނޫނު އަދި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު ހަތިޔާރު ގެންގުޅުމުން މަނާކުރާ ގާނޫނު އުވުނީ އެވެ. އަދި މި ބިލުގައި ވާނީ އެ ދެ ގާނޫނުގައިވާ ކަންކަން އިތުރަށް ހަރުކަށިކުރާ ގާނޫނަކަށެވެ.
ބިލުގެ ތިން ވަނަ މައްދާގައި 'އިންތިޒާމްވެގެން ކުރާ ބޮޑެތި ކުށް'ތައް މައިގަނޑު ހަ ބާވަތަކަށް ބަހާލާފައިވެ އެވެ. އެއީ:
-
މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް
-
މީހުން ޓްރެފިކްކުރުމުގެ ކުށް
-
ރާއްޖެއަށް ގެނައުން މަނާ ތަކެތިން ވިޔަފާރިކުރުމުގެ ކުށް
-
ކޮއިން ނުވަތަ ނޫޓް ކައުންޓާފީޓް ކުށް
-
ނުރައްކާތެރި ކުށް؛ (އޭގެ ތެރޭގައި ހިމެނެނީ، މީހަކު މަރާލުން، މާރާމާރީ ހިންގުން، މީހަކަަށް ޖިސްމާނީ ބޮޑު އަނިޔާއެއް ދިނުން، މީހަކު ކިޑްނެޕް ކުރުން އަދި މީހަކަށް ބިރު ދެއްކުން)
-
އަނިޔާވެރި ކުށްތަކުގެ ތެރެއިން ކުށުގެ އަދަބުގެ ގޮތުގައި 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލު އަދަބު އަންނަ ހުރިހާ ކުށެއް
މީހަކު މަރާލައިފިނަމަ، ބިލުގައި ކަނޑައަޅާފައި ވަނީ މިހާރު ވެސް އޮންނަ ގޮތަށް މަރުގެ އަދަބެވެ. ނުވަތަ މަރުގެ ދިޔަ ދައްކާނަމަ، 25 އަހަރަށް ޖަލަށްލުމެވެ. ނަމަވެސް މިހާރު ޖޫރިމަނާ ކުރެވޭ ގޮތަކަށް ނޯވެ އެވެ.
ބިލުގައިވާ ގޮތުން މާރާމާރީ ހިންގައިގެން އެ ކުރި އަމަލަކުން މީހަކު މަރުވެއްޖެ ނަމަ، 25 އަހަރަށް ޖަލަށްލުމާއެކު، 2 ލައްކަ ރުފިޔާ އާއި 10 މިލިއަން ރުފިޔާގެ އަދަދަކުން ޖުރިމަނާ ކުރަން ޖެހޭނެ އެވެ. އޭގެ އިތުރުން:
-
މާރާމާރީ ހިންގައިގެން މީހަކު މަރުނުވާ ހާލަތުގައި އަންނާނީ 20 އަހަރުގެ ޖަލު ހުކުމަކާއެކު، 1 ލައްކަ ރުފިޔާ އާއި 7 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް
-
މީހަކު ކިޑްނެޕް ކޮށްފިނަމަ، 15 އަހަރަށް ޖަލަށްލުމާއެކު، 75،000ރ. އާއި 3 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުން
-
މީހަކަށް ބިރުދައްކައިފިނަމަ، 10 އަހަރަށް ޖަލަށްލުމާއެކު، 50،000ރ. އާއި 500،00ރ. އަދަދަކުން ޖޫރިމަނާ ކުރުން
ގޭންގު ކުށްތަކަށް ވެެސް ޖަލަށްލުމާއެކު 10 މިލިއަނުން ޖޫރިމަނާ ކުރާ ގޮތަށް
ރާއްޖޭގައި ކުށްކުރާ ގްރޫޕުތަކަށް ނުވަތަ ގޭންގްތަކަށް މި ބިލުގައި ކިޔަނީ، 'އިންތިޒާމްވެފައިވާ ކުށްކުރާ ގްރޫޕު'އެވެ. އެގޮތުން:
-
އެފަދަ ގްރޫޕެއްގެ ގޮތުގައި ބަލަނީ، ޖިނާއީ ބޮޑު ކުށެށް ނުވަތަ އެފަދަ އެއް ކުށަށްވުރެ ގިނަ ކުށްކުރުމަށް، ނުވަތަ އެނޫންވެސް ޖިނައީ ކުށް ކޮށްގެން ސީދާ ގޮތުން ވިޔަސް ނުދީދާ ގޮތުންވިޔަސް މާލީ ނުވަތަ އެނޫންވެސް މާއްދީ މަންފާއެއް ހޯދުމަށް، ގުޅިގެން މަސައްކަތް ކުރާ، ތިން މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުންގެ މައްޗަށް އެކުލެވޭ އިންތިޒާމްވެފައިވާ ގްރޫޕަކަށް
ބިލުގައިވާ ގޮތުން މިފަދަ ކުށް ކުރާ ގުރޫޕެއް އުފެއްދުމާއި ހިންގުމަކީ ގާނޫނީ ކުށެކެވެ. އޭގެ އަދަބަކީ، 25 އަހަރަށް ޖަލަށްލުމާއެކު 200،000ރ. އާއި 10 މިލިއަން ރުފިޔާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުމެވެ.
އޭގެ އިތުރުން، އެފަދަ ގްރޫޕެއް އުފެއްދުމަށް އުޅުން ނުވަތަ އެކަމުގައި އެހީތެރިވެދީފިނަމަ، 18 އަހަރަށް ޖަލަށްލުމާއެކު 1 ލައްކަ ރުފިޔާ އާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރަން ހިމަނާފައިވެ އެވެ.
މި ގްރޫޕުތަކުން ކުށް ކުށް ކުރާ ތަންތަނުގެ ވެރިފަރާތާއި އެތަން ކުށްޔަށް ނަގައިގެން އުޅޭ މީހުން އަދި އެތަނުގައި ދިރިއުޅޭ މީހުނަނަށްވެސް ފިޔަވަޅު އެޅޭ ގޮތަށްވެސް ބިލުގައިވެ އެވެ. އެގޮތުން ބިލުގައި ބުނީ:
-
ވަކި ތަނެއްގައި އިންތިޒާމްވެގެން ހިންގާ ކުށްކުރާކަން ހާލު، ނުވަތަ އެގޮތަށް ގަބޫލުކުރާނެ ފުރުސަތު އޮވެ، އެތަނެއްގެ ވެރިފަރާތުން ނުވަތަ އެތަނެއް ކުއްޔަށް ހިފައިގެން އުޅޭ ފަރާތުން ނުވަތަ އެތަނެއްގައި އެވަގުތު އުޅޭ ފަރާތުން ނުވަތަ އެތަނެއް ބަލަހައްޓަމުންދާ ފަރާތުން ނުވަތަ އެތަނަކާ ހަވާލުވެހުރި ފަރާތުން އެކަން ހިނގިޔަދިޔުމުކީ، ނުވަތަ ހުއްދަކުރުމަކީ ނުވަތަ އެކަމަށް މަގުފަހިކޮށްދިނުމަކީ ކުށެށް
-
އެކަމުގެ އަދަބަކީ، 5 އަހަރަށް ޖަލަށްލުމާއެކު، 50،000ރ. އާއި 1 ލައްކަ ރުފިޔާގެ އަދަދަކުން ޖޫރިމަނާ
ގޭންގުތަކާ ގުޅޭ އެހެން ބައެއް ކުށްތަކާއި އަދަބުތައް:
-
ކުށްކުރާ ގްރޫޕަކަށް މީހުން މީހުން ހޯދުން: 20 އަހަރަށް ޖަލަށްލުމާއެކު 1 ލައްކަ ރުފިޔާ އާއި 7 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުން
-
ކުށް ކުރާ ގްރޫޕަކަށް ކުޑަ ކުއްޖަކު ވެއްދުން: 25 އަހަރަށް ޖަލަށްލުމާއެކު 2 ލައްކަ ރުފިޔާ އާއި 10 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުން
-
ކުށްކުރާ ގްރޫޕަކަށް މީހުން މީހުން ހޯދުން: 20 އަހަރަށް ޖަލަށްލުމާއެކު 1 ލައްކަ ރުފިޔާ އާއި 7 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުން
-
ކުށް ކުރާ ގްރޫޕަކަށް މީހުން ހޯދަން އުޅުމާއި އެކަމުގައި އެހީތެރިވެދިނުން: 15 އަހަރަށް ޖަލަށްލުމާއެކު 75،000ރ. އާއި 3 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުން
-
ކުށްކުރާ ގްރޫޕެއްގައި ބައިވެރިވުން: 15 އަހަރަށް ޖަލަށްލުމާއެކު 75،000ރ. އާއި 3 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުން
-
ކުށްކުރާ ގްރޫޕެއްގައި ބައިވެރިވާން އުޅުން ނުވަތަ އެހީތެރިވެދިނުން: 10 އަހަރަށް ޖަލަށްލުމާއެކު 50،000ރ. އާއި 1 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުން
-
ކުށްކުރާ ގްރޫޕެއްގެ މެންބަރެއްކަން ދެއްކުން ނުވަތަ ނިޝާން ހާމަ ކުރުން: 12 އަހަރަށް ޖަލަށްލުމާއެކު، 75،000ރ. އާއި 1 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ
-
ކުރުން ކުށްކުރާ ގްރޫޕަކަށް ތާއީދު ހޯދުން: 10 އަހަރަށް ޖަލަށްލުމާއެކު، 50،000ރ. އާއި 5 ލައްކަ ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުން
-
ކުށްކުރާ ގްރޫޕަކަށް ތާއީދު ހޯދަން އުޅުން ނުވަތަ އެކަމަށް އެހީތެރިވެދިނުން: 8 އަހަރަށް ޖަލަށްލުމާއެކު، 50،000ރ. އާއި 3 ލައްކަ ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުން
-
ކުށްކުރާ ގްރޫޕަކާ ދެކޮޅަށް ހެކި ބަސް ދޭ ފަރާތަކަށް އަނިޔާއެއް ދިނުމާއި ގެއްލުމެއް ދިނުން: 7 އަހަރަށް ޖަލަށްލުމާއެކު، 50،000ރ. އާއި 2 ލައްކަ ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުން
މި ބިލުގައިވާ ކުށެއް ކުރީ ގަނޫނީ ޝަހުސަކުން ކަމުގައިވާނަމަ، ނުވަތަ އެކަން ކުރީ ގާނޫނީ ޝަހުސެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް ނުވަތަ އެ ޝަހްސު ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ މީހެއްގެ ރުހުމާއެކު ނުވަތަ އެއިން މީހަކަށް އެނގިހުރެ ކަމުގައިވާނަމަ، އެކަމެއް ކުރި މީހާ އާއި އެމީހަކު ނިސްބަތްވާ ގާނޫނީ ޝަހްްސު އެކުރަނީ ކުށެއްކަމަށްވެސް ބިލުގައި ބުނެ އެވެ. އެންމެ ބޮޑު ޖޫރިމަނާއެއްގެ ގޮތުގައި އޮތް އެ ކުށުގެ އަދަބަކީ، 1 މިލިއަން ރުފިޔާ 100 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދުން ޖޫރިމަނާ ކުރުމާއެކު، އެ ގާނޫނީ ޝަހްސެއް އުވާލުމަށް ކޯޓުން އަމުރު ކުރުމެވެ.
ކޯޓު އަމުރާ ނުލާ ފުލުހުންނަށް ބައެއް ކަންކަން ކުރުމުގެ ބާރުތަކެއް
ބައެއް ހާލަތްތަކުގައި، ފުލުހުންނަށް މިހާރު ނުލިބޭ ބާރުތަކެއް ދީ އަދި ކުށުގެ ތުހުމަތުވާ ފަރާތަށް މިހާރު ލިބޭ ބައެއް ހައްގުތައް ހަނިކުރުމަށްވެސް ބިލުގައި ހިމަނާފައިވެ އެވެ. އެގޮތުން:
-
ބޮޑެތި ކުށްތަކުގެ ތުހުމަތުވާ މީހަކަށް އޭނާ ހައްޔަރު ކުރާ ވަގުތުން ފެށިގެން 48 ގަޑިއިރު ވަންދެން ގާނޫނީ ވަކީލާއެކު އެކަހަހެރިކޮށް ބައްދަލުވެ މަޝްވަރާ ކުރުމުގެ ފުރުސަތު ނުދީ ހިފެހެއްޓިދާނެ
-
ބޮޑެތި ކުށްތަކުގެ ތުހުމަތުވާ މީހަކު ކަފާލާތުގެ ދަށުން ދޫކުރުމުގެ ހައްގު ނުލިބޭނެ
-
ބޮޑެތި ކުށެށްގެ ތުހުމަތުވާ މީހަކާމެދު ވަގުތުން ފިޔަވަޅު ނާޅައިފިނަަމަ، އެމީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އޭނާ ކޮށްފާނެ ކަމަށް ބެލުމަށް ގަބޫލުކުރެވޭ އެކަށިގެންވާ ސަބަބުތަކެއް ހުރެއްޖެނަމަ، ކޯޓު އަމުރަކާ ނުލާ އެމީހަކު ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބޭ
-
ކޯޓު އަމުރެއް ނެތި ފުލުހުންނަށް މީހަކު ހައްޔަރު ކުރުމަށްޓަކައި އަމިއްލަ ތަނަކަށް ވަދެ، އޭނާ ހައްޔަރުކޮށް، އެތަނުގައި އެ މީހާ ބަލައި ފާސް ކުރެވޭނެ އަދި އެކަށީގެންވާ ވަގުތަކަށް އެތަނެއްގައި މަޑުވެސް ކުރެވޭނެ
ނުހައްގު މުއްސަނދިކަން ހޯދައިފިނަމަ، 1 މިލިއަންއާ ހަމަށް ޖޫރިމަނާ
މި ބިލުގައިވާ ގޮތުން ގޭންގަކާ ގުޅިފައިވާ އެއްވެސް މީހަކު، ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ، ކުށެކެވެ. އޭގެ އަދަބަކީ، 5 ލައްކަ ރުފިޔާ އާއި 1 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
ނުހައްގު މުއްސަނދިކަމުގެ ހޯދިކަން ބަލަނީ މައިގަނޑު ދެ ގޮތަކަށެވެ. އެއީ:
-
ލިބެމުންދާ ނުވަތަ ލިބެމުންދިޔަ އާމްދަނީއާ ނުބައްދަލު މިންވަރަކަށް މުދާ މުދާ ހޯދުން ނުވަތަ ލިބިގަތުން
-
އެ މުދާ ހޯދާފައިވަނީ، ނުވަތަ ލިބިފައި ވަނީ، ގާނޫނު ހުއްދަ ކުރާ ގޮތުގެ މަތިންކަން ސާބިތުކޮށްނުދެވުން
ކޮމެންޓް (1)
ސިކުނޑި