ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް

2007އިން ފެށިގެން އުފަންވި މީހުންނަށް ދުންފަތް މަނާ ކުރަން މަޖިލީހުން ފާސްކޮށްފި

ޖުމްލަ 63 މެންބަރުންގެ ވޯޓުން މި ބިލު ފާސްކޮށްފައި ވަނީ އެމްޑީޕީގެ ބައެއް މެންބަރުންގެ ވެސް ވޯޓާ އެކު

ދެހާސް ހަތަކުން ފެށިގެން ދުންފަތުގެ 'ޖެނެރޭޝަން ބޭން'އެއް ކަނޑައެޅުމަށް ކެބިނެޓުން ފާސްކުރި ސިޔާސަތު ތަންފީޒު ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލު ހިމަނައިގެން ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. 

ވީ ކިހިނެއް؟ - މިދިޔަ މަހު 13ގައި ކެބިނެޓުން ނިންމި ނިންމުމާ އެކު 2007 އިން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތް ބޭނުން ކުރުމާއި ވިއްކުން މަނާ ކުރާ ގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ކިނބިދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޝްރަގެވެ.

މި ބިލުގެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން އެކުލަވާލި ވަގުތީ ކޮމިޓީން މިދިޔަ އާދިއްތަ ދުވަހު ވަނީ ބިލުގެ މަސައްކަތް ނިންމައި ތަޅުމަށް ފޮނުވާފަ އެވެ.

ތަފްސީލު - މިއަދުގެ މަޖިލިސް ޖަލްސާގައި ކޮމިޓީގެ ރިޕޯޓު ހުށަހެޅުމުން ތަޅުމުން ވެސް ނިންމީ އިތުރު ބަދަލެއް ނުގެނެސް ކޮމިޓީން ނިންމި ގޮތަށް ފާސް ކުުރުމަށެވެ. އެގޮތުން:

  • ބިލު ފާސްވެފައި ވަނީ 63 މެންބަރުންގެ ވޯޓާ އެކު

  • ބިލާ އެއްކޮޅަށް ވޯޓު ދިން މެންބަރުންގެ ތެރޭގައި އެމްޑީޕީގެ ބައެއް މެންބަރުން ހިމެނޭ

  • ދެކޮޅަށް ދެއްވީ އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް އެކަނި؛ ވަކިކޮޅަކަށް ވޯޓު ނުދެއްވީ އެމްޑިޕީގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މުސާ

ގާނޫނަށް އެންމެ ފަހުން މިދިޔަ އަހަރު ފަހުކޮޅު ގެނައި އިސްލާހާ އެކު 21 އަހަރުން ދަށުގެ މީހުންނަށް ދުންފަތް ވިއްކުމަކީ މަނާކަމެވެ. އެކަން އިތުރަށް ހަރުކަށިކޮށް މިފަަހަރުގެ ބިލުގައި ހިމަނާފައި ވަނީ:

  • ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް 1 ޖެނުއަރީ 2007ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކު އިސްތިއުމާލުކޮށްގެން ނުވާނެ

  • އެއިން މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމާއި އޭގެ ވިޔަފާރީގައި ވެސް ބައިވެރިކޮށްގެން ނުވާނެ

  • މިހާރު ވެސް އޮންނަ ގޮތަށް 21 އަހަރުން ދަށުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކައިގެން ނުވާނެ

މިކަމަށް އަމަލު ކުރަން ފެށުން އޮތީ އަންނަ ނޮވެމްބަރުން ފެށިގެން ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އެހެންކަމުން، ބިލު ގާނޫނަކަށްވެ، ނޮވެމްބަރުން ފެށިގެން ރާއްޖޭގައި މިހާރު އުމުރުން 18 އަހަރުން ދަށުގެ ޖީލުގެ ހުރިހާ މީހުންނަށް ދުންފަތް ބޭނުން ކުރުމާއި ވިއްކުން އެއްކޮށް މަނާވާނެ އެވެ.

ބިލުގައި ހިމެނޭ އެހެން ބައެއް ކަންކަން:

  • ގާނޫނުގެ ދަށުން ދޫކުރާ ލައިސެންސް އަދި ރަޖިސްޓްރޭޝަން އޮވެގެން ނޫނީ ދުންފަތުގެ އެއްވެސް ބާވަތެއް ނުވިއްކޭނެ

  • އޮންލައިންކޮށް ކާކުކަން ނޭނގޭ ގޮތަށް ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެ

  • ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ހާއްސަކޮށްފައިވާ "މެޝިނަރީ އާއި އާލާތްތައް" ރާއްޖެ އެތެރެކުރުން މަނާވާނެ

  • އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް އާންމު ތަނެއްގައި ބޭނުން ކުރަނިކޮށް ފެނިއްޖެ ނަމަ، އެ އަތުލުމުގެ ބާރު ފުލުހުންނަށް ދީފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް