ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ ބިލު ދިރާސާ ކުރުމަށް އެކުލަވާލި ވަގުތީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން: އެ ކޮމިޓީން 10 ވަރަކަށް ދުވަސް ތެރޭ މުޅި ބިލު ދިރާސާކޮށް މިއަދު ވަނީ މަސައްކަތް ނިންމާލާފައި.
2007އިން ފެށިގެން އުފަންވި މީހުންނަށް ދުންފަތް މަނާ ކުރާ ބިލު ކޮމިޓީން ފާސްކޮށްފި
ދެހާސް ހަތަކުން ފެށިގެން ދުންފަތުގެ ޖެނެރޭޝަން ބޭންއެއް ކަނޑައެޅުމަށް ކެބިނެޓުން ފާސްކުރި ސިޔާސަތު ތަންފީޒު ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލު ހިމަނައިގެން ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ މަހު 13ގައި ކެބިނެޓުން ނިންމި ނިންމުމާ އެކު 2007 އިން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތް ބޭނުން ކުރުމާއި ވިއްކުން މަނާ ކުރާ ގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ކިނބިދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޝްރަގެވެ.
މިދިޔަ މަހު 30ގައި އެ ބިލު މަޖިލީހަށް ބަލައިގަނެ، އަވަސް ކުރުމުގެ ގޮތުން ފޮނުވީ ހަތް މެންބަރުންގެ ވަގުތީ ކޮމިޓީއަކަށެވެ. އެ ކޮމިޓީން ވަނީ 10 ދުވަހުގެ ދިރާސާ ކުރުމަށް ފަހު، ބިލުގެ މަސައްކަތް މިއަދު ނިންމާލާފަ އެވެ.
ތަފްސީލު - ގާނޫނަށް އެންމެ ފަހުން މިދިޔަ އަހަރު ފަހުކޮޅު ގެނައި އިސްލާހާ އެކު 21 އަހަރުން ދަށުގެ މީހުންނަށް ދުންފަތް ވިއްކުމަކީ މަނާކަމެވެ. އެކަން އިތުރަށް ހަރުކަށިކޮށް މިފަަހަރު ބިލުގައި ހިމަނާފައި ވަނީ:
-
ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް 1 ޖެނުއަރީ 2007ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކު އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށް
-
އެއިން މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމާއި އޭގެ ވިޔަފާރީގައި ވެސް ބައިވެރިކޮށްގެން ނުވާނެ
-
މިހާރު ވެސް އޮންނަ ގޮތަށް 21 އަހަރުން ދަށުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކައިގެން ނުވާނެ
މިކަމަށް އަމަލު ކުރަން ފެށުން އޮތީ އަންނަ ނޮވެމްބަރުން ފެށިގެން ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
އެހެންކަމުން، ބިލު ގާނޫނަކަށްވެ، ނޮވެމްބަރުން ފެށިގެން ރާއްޖޭގައި މިހާރު އުމުރުން 18 އަހަރުން ދަށުގެ ޖީލުގެ ހުރިހާ މީހުންނަށް ދުންފަތް ބޭނުން ކުރުމާއި ވިއްކުން އެއްކޮށް މަނާވާނެ އެވެ.