މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)

ކެބިނެޓުން ނިންމީ 2007 އިން ފަހުގެ ޖީލަށް ދުންފަތް މަނާކުރަން

ސޯޝަލް މީޑިއާގައި ރައީސް މުހައްމަދު މުއިއްޒު ނެންގެވި ޕޯލްތަކުގައި އާންމުންގެ ތާއީދު ބުރަވީ 2000 އިން ފެށިގެން އުފަންވި މީހުންނަށް ދުންފަތް މަނާކުރުމަށް

ދުންފަތުގެ ޖެނެރޭޝަން ބޭންއެއް ކަނޑައެޅުމަށް ރައީސް މުހައްމަދު މުއިއްޒު ކަނޑައެޅުއްވި ސިޔާސަތު ތަންފީޒުކުރުމަށްޓަކައި، 2007އިން ފެށިގެން އުފަންވި އަދި އުފަންވާ ކުދިންގެ ޖީލަށް ދުންފަތް މަނާ ކުރުމަށް ކެބިނެޓް މިއަދު ފާސްކޮށްފި އެވެ.

ވީކިހިނެއް؟ - ވަކި ޖީލަކަށް ދުންފަތް މަނާކުރުމާ ގުޅޭ ގޮތުން މިއަދުގެ ކެބިނެޓު ބައްދަލުވުމުގައި މަޝްވަރާކުރައްވާނެ ކަމަށް ރައީސް މުއިއްޒު މިއަދު ހެނދުނު ސޯޝަލް މީޑިއާ ވީޑިއޯއެއްގައި ވިދާޅުވި އެވެ.

ތަފްސީލް - ކެބިނެޓުގެ ނިންމުން މިހާރު ވަނީ އާންމުކޮށްފަ އެވެ. އެއީ:

  • 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ހުރިހާ ކުދިންގެ ޖީލަށް ދުންފަތުގެ ބާވަތްތައް ގަތުމާއި ވިއްކުމާއި ދުންފަތުގެ އިސްތިއުމާލު ކުރުން ހިމެނޭގޮތަށް 'ޖެނެރޭޝަނަލް ބޭން'އެއް ތަންފީޒުކުރުން

  • މި ނިންމުން ތަންފީޒުކުރުމަށް ގާނޫނާއި ގަވާއިދުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށްޓަކައި ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރުން

  • ގާނޫނަށް އިސްލާހު ގެނެސް ތަސްދީގުކުރާ ތާރީހުން ފެށިގެން ގާނޫނަށް އަމަލުކުރުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، 1 ނޮވެމްބަރު 2025ގައި ގާނޫނު ތަންފީޒުކުރަން ފެށުން.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ފިނޭންސް މިނިސްޓްރީއާއި ހެލްތު މިނިސްޓރީން އެއްބާރުލުން ދިނުމަށް ވެސް ކެބިނެޓުން މިއަދު ފާސްކޮށްފައިވެ އެވެ.

ފާހަގަކުރެވޭ - ކެބިނެޓުން 2007 ވަނަ އަހަރުން ފެށިގެން އުފަންވި އަދި އުފަންވާ ޖީލަށް ދުންފަތް މަނާކުރުމަށް ނިންމި އިރު، މިކަމާ ގުޅޭގޮތުން ރައީސް ސޯޝަލް މީޑިއާގައި އާންމުންގެ ހިޔާލަށް ހުޅުވާލެއްވުމުން ތާއީދު ބުރަވީ 2000 އިން ފެށިގެން އުފަންވި މީހުންނަށް ދުންފަތް މަނާކުރުމަށެވެ.

ފަސްފަހަތް - މި ސަރުކާރުން ދުންފަތާ ދެކޮޅަށް ދަނީ ބޮޑެތި ނިންމުންތަކެއް ނިންމަމުންނެވެ. ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުމުން މަނާކޮށް، ދުންފަތާއި ސިނގިރޭޓުން ނަގާ ޓެކްސް އިތުރަށް ބޮޑުކޮށްފައި ވެސް ވެ އެވެ.

ކޮމެންޓް (1)

ސިކުނޑި

14 އޭޕްރީލު 2025
ކެބިނެޓްގެ މަޢުލޫމާތަށްޓަަކައި ދަންނަވަން! ހުރިހާ ޖީލަކަށްވެސް މަސްތުވާތަކެތި މަނާ! އެކަމަކު އެތެރެވެސްކުރޭ ބޮވެންވެސް ބޮވޭ! މިކަހަލަ ތަންފީޒު ނުކުރެވޭ އުސޫލުތަކާއި ގަވައިދުތައް ހެދުމާއި ދެއުޅިއެއްނުވާ ކަންކަން ކުރުމުގައި ދައުރެއް ތިނިންމާލަނީ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް