ތެރަޕީ ދޭ ކުލިނިކެއްގެ މުވައްޒަފަކު ކުއްޖަކަށް އަނިޔާކުރި ތަން ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް.

ތެރަޕީ ނަގަންދިޔަ ކުއްޖަކަށް އަނިޔާކުރި މައްސަލާގައި 2 މީހަކު ހައްޔަރުކޮށްފި

ކޯޓު އަމުރެއްގެ ދަށުން އިންޑިއާއަށް ނިސްބަތްވާ ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، އެ މީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައި

ހުޅުމާލޭގައި ހުންނަ ފިޒިއޯ ކްލިނިކަށް ތެރަޕީ ނަގަން ދިޔަ ކުއްޖަކަށް އަނިޔާ ކުރި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ފިޒިއޯ ކުލިނިކަށް ތެރަޕީ ނަގަންދިޔަ ކުއްޖަކަށް އެ ތަނުގެ މުވައްޒަފުން އަނިޔާކުރި ކަމަށް ބުނާ މައްސަލައަކާ ގުޅިގެން ތިން މުވައްޒަފަކު ވަކިކޮށް، އެ ކުލިނިކު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.

ތަފްސީލް - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި މަހުގެ 5 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ކްލިނިކަކަށް ތެރަޕީ ނަގަން ދިޔަ ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާވެދާނެ ގޮތަކަށް އަމަލު ކޮށްފައިވާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި އިއްޔެ ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ:

  • ރާޖޭޝްވަރީ ސިވަކުމާރު، 24

  • އީޝާ އެންޓޮނޭޓް، 24

ފުލުހުން ބުނީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފާހަގަކޮށްލެވޭ - މި ހާދިސާއާ ގުޅޭ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެ ވީޑިއޯއިން ފެންނަނީ ކުލިނިކުގައި މުވައްޒަފަކު ކުއްޖެއްގެ ފަހަތުން ކަތުރެއް ހިފައިގެން ދުވާ މަންޒަރެވެ. އެ ކުއްޖާ ސަލާމަތްވާން މަސައްކަތް ކުރާ ތަނާއި އިތުރު ކުއްޖަކު ގޮނޑިއެއްގައި އިށީނދެ އިންނަ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެ އެވެ.

އެ ހިނގާދިޔަ ކަންތައްތަކަށް ފަހު ކުއްޖާގެ އަތަށް ލިބިފައިހުރި އަނިޔާ ފެންނަ ފޮޓޯއެއް ވެސް އެ ވީޑިއޯގައި ދައްކަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް